04 Oct 2022, 10:41
މިއަހަރުގެ އޮސްކާ އިވެންޓު ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުމަށްފަހު މަޝްހޫރު އެކްޓަރު ވިލް ސްމިތުގެ ފުރަތަމަ ފިލްމު ނެރުމަށް ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ އޮސްކާ އިވެންޓުގައި އެމްސީއަށް ހުރި ކްރިސް ރޮކް، ޖެހި ޖޯކަކާ ގުޅިގެން ސްޓޭޖަށް އަރައި ވިލް ސްމިތު ވަނީ އޭނާގެ މޫނު މަތީގައި ޖަހާފައެވެ. އެ މައްސަލަ އެންމެފަހުން ގޯސްވެ އޮސްކާއިން ވަނީ ސްމިތު އޮސްކާ އެވޯޑުގައި ބައިވެރި ނުވެވޭ ގޮތަށް ނިންމާފައެވެ.
އެއަށްފަހު އެކަމާ ގުޅިގެން ސްމިތު ވަނީ ރޮކް ގާތުން މައާފަށް ވެސް އެދިފައެވެ. އަދި އޮސްކާގެ ނިންމުމަށް ގަދަރު ކުރާ ކަމަށް ވެސް ސްމިތު ބުންޏެވެ.
އޮސްކާގައި ހިނގައި ދިޔަ ކަންތަކާ ގުޅިގެން ވިލް ސްމިތުގެ ބައެއް އުފެއްދުންތައް ކެންސަލުކޮށް އަނެއްބައި އުފެއްދުންތައް ފަސްކުރިއެވެ. މިހާރު އެންމެފަހުން އޭނާ ފެންނާނެ ފުރަތަމަ އުފެއްދުން ނެރުމަށް ވަނީ ތައްޔާރުވެފައެވެ.
ވިލް ސްމިތު ދެން އެންމެ އަވަހަށް ފެންނާނީ "އެމެންސިޕޭޝަން" ނަމަކަށް ކިޔާ އެކްޝަން ތުރިލާ ފިލްމެކެވެ. މި ފިލްމަކީ އެޕަލްގެ ސްޓްރީމިން ސާވިސް "އެޕަލް ޓީވީ ޕްލަސް" އަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.