04 Oct 2022, 16:49
ޔޫޓިއުބުން 4ކޭ ކޮލިޓީ ވީޑިއޯ ބެލުމަކީ ޔޫޓިއުބް ޕްރިމިއަމްއަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންނަށް އެކަނި ލިބޭ ފުރުސަތަކަށް ހަދަން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރު ފެތުރިއްޖެއެވެ.
ޔޫޓިއުބް ޕްރިމިއަމްގެ އަގު އެކި ސަރަހައްދުތަކުގައި ތަފާތުވާ އިރު، އެމެރިކާގައި ޔޫޓިއުބް ޕްރިމިއަމްގެ އަގު 12 ޑޮލަރަށް އަރައެވެ. އެހެންކަމުން ކޮލިޓީ ވީޑިއޯތައް ބަލަން އެހާވަރަށް ފައިސާ ދައްކަން މަޖުބޫރު ކުރުމަކީ ވީޑިއޯ އުފައްދާ މީހުންނާއި ބެލުންތެރިން ވެސް ރުޅި އަންނާނެ ކަމެއް ކަމަށް މާހިރުން ބުނެއެވެ.
އެހެންކަމުން އެ ބަދަލަކީ ޔޫޓިއުބް ބޭނުންކުރާ މީހުން އެކަމާމެދު ދެކޭގޮތް ބަލަން ކުރެވޭ ޓެސްޓަކަށްވެސް ވެދާނެކަމަށާއި، ޔޫޓިއުބްގެ ބެލެނިވެރި ކުންފުނި ގޫގުލްއިން މި މަގުން ކުރިއަށް ދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަދިނެތްކަމަށް ބައެއް ޓެކް ރިޕޯޓްތައް ބުނެއެވެ.
އެ ބަދަލުގެ ވާހަކަތައް ދެކެވެން ފެށީ، ޔޫޓިއުބް ވީޑިއޯތަކުގެ 2160ޕީ/4ކޭ ރިޒޮލިއުޝަންއަކީ ހަމައެކަނި ޕްރިމިއަމް ބޭނުންކުރާ މީހުންނަށް ލިބޭ ފީޗާއެއް ކަމަށް ދައްކުވައިދޭ ސްކްރީންޝޮޓްތަކެއް ދައުރުވާން ފެށުމުންނެވެ.
އެއީ އެކި ގައުމުތަކުގައި ހޮވާލެވޭ ބައެއް ޔޫޒަރުންގެ މެދުގައި ކުރެވޭ ޓެސްޓެއް ކަމެއް ނުވަތަ ގޫގުލްއިން މިހާރު އެންމެންގެ އެކައުންޓަށް ވެސް އެ ބަދަލު ގެނެސްފައިވާ ކަމެއް ޔޫޓިއުބާއި ގޫގުލްގެ ރަސްމީ އެއްވެސް ފަރާތަކުން ނުބުނެއެވެ.
ވީޑިއޯ ގޭމް ވިއްކައި، ގޭމްތަކާ ބެހޭ މަޝްވަރާތައްކޮށް އެކަމާ ގުޅުން ހުރި ދިރާސާތައް ހަދާ ސްޓީމްގެ ސާވޭއަކުން ދެއްކި ގޮތުގައި 4ކޭ މޮނިޓަރު ގެންގުޅޭ މީހުންގެ އަދަދު މަދެވެ. ނަމަވެސް 4ކޭ/އެޗްޑީއާރު ސްމާޓް ޓީވީ ބޭނުންކުރާ ގިނަ ބަޔަކު ޔޫޓިއުބް އެޕް ބޭނުންކުރާ ކަމަށް ދިރާސާއިން ދެއްކިއެވެ.
ގޫގުލްއިން ދާދި ފަހުން ވަނީ އެ ކުންފުނީގެ ގޭމިން ޕްލެޓްފޯމެއް ކަމަށްވާ ސްޓޭޑިއާގެ ހިދުމަތް އަންނަ ޖެނުއަރީ މަހު ބަންދުކުރާނެކަން އިއުލާންކޮށްފައެވެ. އޭގެ ފަހުން ޔޫޓިއުބުން ވަނީ ޕްރިމިއަމް ސަބްސްކްރައިބަރުންނަށް ސްޓޭޑިއާ ގޭމިން ބަންޑްލްއެއް ހިލޭ ލިބެން ހުރި ކަމަށް ބުނެފައެވެ. އެއީ ސްޓޭޑިއާގެ ކަސްޓަމަރުން ޔޫޓިއުބް ޕްރިމިއަމްއަށް ގެންދިޔުމަށް ހުޅުވާލި ފުރުސަތެއް ކަމަށް ބެލެވެއެވެ.
ގޫގުލްއިން ބުނާ ގޮތުގައި ޔޫޓިއުބް ޕްރީމިއަމް އާއި މިއުޒިކަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު 50 މިލިއަނަށް އަރައެވެ. ނަމަވެސް ނެޓްފްލިކްސް ފަދަ ބޮޑެތި ޕްލެޓްފޯމްތަކާ އަޅާބަލާއިރު އެއީ ގޫގުލްއަށް އެކަށީގެންވާ ވަރަށްވުރެ މާ މަދު އަދަދެއް ކަމަށް އެ ކުންފުނިން ބުނެއެވެ.