04 Oct 2022, 14:19
މެމޮރީ ކާޑު އުފެއްދުމަށް ހާއްސަ ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ "ކިއޮކްސިއާ"އިން ފުރަތަމަ ފަހަރަށް ދެ ޓެރަބައިޓް (ޓީބީ)ގެ މައިކްރޯ އެސްޑީއެކްސްސީ (ސެކިއުރިޓީ ޑިޖިޓަލް އެކްސްޓެންޑެޑް ކެޕޭސިޓީ) މެމޮރީ ކާޑެއްގެ ޕްރޮޓޯޓައިޕެއް އުފައްދާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިހާތަނަށް އެއްވެސް ބަޔަކު އަދި ދެ ޓީބީގެ އެސްޑީ ކާޑެއް އުފައްދާފައި ނުވެއެވެ.
ކިއޮކްސިއާއިން ބުނީ ދެ ޓީބީގެ އެސްޑީކާޑުތައް ސްމާޓްފޯނާއި ޕޯޓަބަލް ގޭމް ކޮންސޯލާއި އެކްޝަން ކެމެރާތަކުގައި ބޭނުންކުރަން ރަނގަޅުވާނެ ކަމަށެވެ.
މިހާރު ކްލައުޑް ސްޓޯރޭޖާއި ސްޓްރީމިންގެ ހިދުމަތްތައް ވަކި ހާލަތްތަކެއްގައި އެހީތެރިވެދޭ ނަމަވެސް ރިކޯޑިން ޑިވައިސްތަކަށް އަދިވެސް އެންމެ ރަނގަޅީ ލޯކަލް ސްޓޯރޭޖު ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޖަޕާނުގެ ކުންފުންޏަކުން ދަނީ 2 ޓީބީގެ މައިކްރޯ އެސްޑީކާޑް އުފައްދަން ތައްޔާރުވަމުން --
އެސްޑީ އެސޯސިއޭޝަން (އެސްޑީއޭ) ދެ ޓީބީގެ އެސްޑީ ކާޑުގެ ސްޕެސިފިކޭޝަން އާންމުކޮށްފައި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވީ ނަމަވެސް އެއްވެސް ބަޔަކަށް އެފަދަ ކާޑެއް އަދި ކާމިޔާބުކަމާއެކު ޑިޒައިން ކުރެވިފައި ނުވެއެވެ.
އެސްޑީއޭއަކީ ގްލޯބަލް މެމޮރީ ކާޑުގެ މިންގަނޑުތައް ކަނޑައެޅުމަށް 2000 ވަނަ އަހަރު ސެންޑިސްކް، ޓޮޝިބާ އަދި ޕެނަސޮނިކްއިން އުފެއްދި ނޮން ޕްރޮފިޓް ޖަމިއްޔާއެކެވެ. މިއަދާ ހަމައަށް އައިއިރު އެ ޖަމިއްޔާގެ ވެބްސައިޓުގައި 750 އަށް ވުރެ ގިނަ މެމްބަރު ކުންފުނި ލިސްޓްކޮށްފައިވެއެވެ.
ކިއޮކްސިއާއަކީ މި ސިނާއަތުގައި ނިސްބަތުން ބަލާއިރު ވަރަށް އާ ނަމެކެވެ. ޓޮޝިބާއިން މި ބްރޭންޑް ތައާރަފްކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. ކިއޮކްސިއާ މި ނަމަކީ ޖަޕާނުގެ ބަހެއް ކަމަށްވާ ކިއޯކޫ އާއި ޔޫނާނީ ބަހެއް ކަމަށްވާ އެކްސިއާ އެއްކޮށްގެން ހަދާފައިވާ ނަމެކެވެ. ކިއޯކޫގެ މާނައަކީ "ހަނދާން" ކަމަށްވާއިރު، އެކްސިއާގެ މާނައަކީ "އަގު" އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކިއޮކްސިއާއިން ވަނީ އެ ކުންފުނީގެ ބައެއް އުފެއްދުންތައް އުފައްދާ މިންވަރު ގާތްގަނޑަކަށް 30 ޕަސެންޓް މަދުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެ ފިޔަވަޅާއެކު އެ ކުންފުނިން ތަކެތި އުފެއްދުމާއި ވިއްކުން ރަނގަޅަށް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށާއި އެ ކުންފުނިން ބޭނުންވާ ގޮތަށް އޮޕަރޭޝަންތަކަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ކިއޮކްސިއާއިން ބުންޏެވެ.
ކިއޮކްސިއާއިން ދެ ޓީބީ މައިކްރޯއެސްޑީއެކްސްސީ މެމޮރީ ކާޑުތައް ގިނަ އަދަދަކަށް އުފައްދަން ތައްޔާރުވަމުންދާކަމަށާއި، އަންނަ އަހަރުގެ ކޮންމެވެސް ހިސާބަކުން އޭގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުންޏެވެ. އަދި އެ ކާޑުގެ އަގާ ބެހޭ ގޮތުން އަދި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަމަށްވެސް އެކުންފުނިން ބުނެއެވެ.