04 Oct 2022, 10:28
މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އިން މިއަހަރު ނެރޭ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ "ބްލެކް ޕެންތާ : ވަކަންޑާ ފޮރެވާ"ގެ ފުރިހަމަ ޓްރެއިލާ ދައްކާލައިފިއެވެ.
ފިލްމުގެ ޓީޒާއެއް ދައްކާލިފަހުން ފިލްމުގެ މަންޒަރުތަކަކަށް އެތައް ބަޔަކު ތިބީ ކެތްމަދުވެފައެވެ. އެންމެފަހުން މިއޮތީ ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައެވެ. އަދި އާ ޓްރެއިލާ އާ އެކު ފިލްމަށް އޮތް "އެކްސައިޓްމެންޓް" އޮތީ އިންތިހާއަށް ބޮޑުވެފައެވެ.
މުޅި ޓްވިޓާގައި ވެސް އެއް އަޑަކުން ދައްކަނީ ޓްރެއިލާގެ ވާހަކައެވެ. މި ފިލްމުގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައީ ބްލެކް ޕެންތާގެ ކެރެކްޓަރަށް ވާނެ ގޮތަކާ މެދުގައެވެ.
ބްލެކް ޕެންތާގެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ޗެޑްވިކް ބޯސްމަންއެވެ. ނަމަވެސް ފުރަތަމަ ފިލްމަށް ފަހު ދެވަނަަ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރީން އިވިގެންދިޔައީ އެކްޓަރަށް ކެންސަރު ޖެހިގެން ކުއްލި ގޮތަކަށް މަރުވި ވާހަކައެވެ. އެއާއެކު އެ ރޯލަށް ވާނެ ގޮތަކާ މެދު ގިނަ ބަޔަކު ސުވާލު ކުރަމުން ދިޔައެވެ.
އަލަށް ނެރުނު ޓްރެއިލާއިން އެ ރޯލަށް އިތުރަށް އަލި އަޅުވާލައެވެ. އަދި ބްލެކް ޕެންތާގެ ކޮއްކޮ ޝޫރީއަށް އެ ރޯލު ލިބިގެންދާތަން ޓްރެއިލާ އިން ފެނެއެވެ. އޭގެ އިތުރުން މުޅިން އާ ކެރެކްޓަރުންތަކަކާއި އެ ކެރެކްޓަރުންގެ ބާރުތައް ވެސް ވަނީ އާ ޓްރެއިލާއިން ދައްކާލައިފައެވެ.
ބްލެކް ޕެންތާގެ އާ ފިލްމުން ލީޑް ރޯލުން ފެންނާނީ އެންޖެލާ ބެސެޓް އާއި ލެޓީޝާ ރައިޓް އާއި ޓެނޯކް ހުއެރުތާ އާއި ޑޮމިނީކް ތޯން އަދި ޑެނިއެލް ކަލޫޔާއެވެ. އަންނަ މަހުގެ 11 އިން ފެށިގެން މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނެއެވެ.