04 Oct 2022, 10:08
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ކަސްޓަމަރުންނާ ވާހަކަ ދައްކާއިރު "ހަލޯ" ކިޔުން އިންޑިއާގެ ސްޓޭޓެއްގައި މަނާކޮށްފިއެވެ.
އިންޑިއާގެ މަހަރާޝްތްރާ ސްޓޭޓުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުން މުއާމަލާތް ކުރާ ގޮތް ބަދަލުކުރުމަށް އެ ސްޓޭޓް ސަރުކާރުން ވަނީ އާ ގަވާއިދެއް އެކުލަވާލާފައެވެ.
އެ ގަވާއިދަށް މިހާރު އަމަލު ކުރަން ފަށާފައިވާއިރު މިހާރު ސިވިލް ސާވަންޓުންނަށް އާންމުން ގުޅުމުން އަދި އާންމުންނަށް ސިވިލް ސާވަންޓުން ގުޅާއިރު "ހަލޯ" ކިޔައި ވާހަކަ ދައްކަން ފެށުން މަނާވާނެއެވެ. އޭގެ ބަދަލުގައި ކޯލް މިހާރު ފަށަން ޖެހޭނީ "ވަންދޭ މާތަރަމް" ކިޔާފައެވެ.
އެ ސަރުކާރުން ބުނާގޮތުގައި ވަންދޭ މާތަރަމް އަކީ ގައުމީ ވަންތަކަން އިތުރުކޮށް ރަސްމީ ކަން ވެސް އޭގައި ހިމެނޭ ކަމެކެވެ.
ސިވިލް ސާވަންޓުން ހަލޯ ކިޔުން މަނާކޮށްފައިވަނީ އެ އާދަ ބޮޑަށް ވައްތަރު ވަނީ ހުޅަނގުގެ އާދައަކާ ކަމަށް ވާތީ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެ މުއާމަލާތް ވަރަށް ނުރަސްމީ ކަމަށާއި އޭގައި އެއްވެސް އަސަރެއް ނުހުންނަ ކަމަށް ވެސް ސަރުކާރުން ފާހަގަކުރެ އެވެ.
މަހަރާޝްތްރާގެ ވެރިކަން ކުރަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔަ ޖަނާތާ ޕާޓީ އިންނެވެ. މި ޕާޓީއިން އަންނަނީ އިންޑިއާގައި ގައުމިއްޔަތު އިތުރަށް ވަރުގަދަކޮށް ގައުމީ ރޫހު އާ ކުރުމުގެ ނަމުގައި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.