ގިނަ ދުވަސްތަކަކަށްފަހު ލިންޑްސޭ ލޯހަންގެ އާ ފިލްމެއް ނެރެން ތައްޔާރުވެއްޖެއެވެ.

ތިރީސް ހަ އަހަރުގެ ތަރި، ލިންޑްސޭ ލޯހަން ލީޑް ރޯލަކުން ފެންނަ މި ފިލްމަކީ 'ފޯލިންގް ފޮ ކްރިސްމަސް'އެވެ. ނެޓްފްލިކްސް އިން އެކަން އިއުލާންކޮށް ސޯޝަލް މީޑިއާގައި ޕޯސްޓަރެއް ވަނީ ހިއްސާކޮށް ފިލްމު ސްޓްރީމް ކުރެވޭނީ ނޮވެމްބަރު 10ގައި ކަމަށް ބުނެފައެވެ.

މި ޕޯސްޓަރުން ލިންޑްސޭ ފެންނައިރު މިއީ ހަތަރު އަހަރު ފަހުން އޭނާ ސްކްރީނުން ފެންނަ ފިލްމެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ 2019 ވަނަ އަހަރު ނެރުނު 'އެމޮންގް ދަ ޝެޑޯސް' އިންނެވެ.

މި ފިލްމާ ގުޅޭގޮތުން 'ހޮލީވުޑް ރިޕޯޓާ' އަށް ލިންޑްސޭ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެހާ ގިނަ ދުވަސްތަކަށްފަހު އެކްޓިންއަށް އަލުން އައުމަކީ ބައިސްކަލެއް ދުއްވުން ކަހަލަ ކަމެއްކަމަށެވެ. އަދި، ފިލްމު ކުޅެ ކެރެކްޓާ އެއް ސްކްރީނަށް ގެނެސްދިނުމަކީ އުފަލުން، ކުރާ ހިތުން ކުރާ ކަމެއް ކަމަށް ބުންޏެވެ.

'ފޯލިން ފޮ ކްރިސްމަސް' އަކީ، ކައިވެންޏަށް ތައްޔާރުވެފައިވާ އަންހެން ކުއްޖަކު ސްކީ ކުރަންގޮސް އުޅެނިކޮށް އެކްސިޑެންޓެއް ހިނގައި ދެން ދިމާވާ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ލިންޑްސޭ އާއެކު މި ފިލްމުގައި ޖެކް ވެގްނާ އާއި ޗޭސް ރެމްސީ އާއި ޖޯޖް ޔަންގް އާއި ބްލައިތު ހޮވާޑް އަދި އޮލިވިއާ ޕެރޭޒް ފެންނާނެއެވެ.

މި ފިލްމުގެ އިތުރުން، ލިންޑްސޭ ވަނީ އިތުރު ފިލްމެއްގެ މަސައްކަތްވެސް ފަށާފައެވެ. ރޮމޭންޓިކް ކޮމެޑީ 'އައިރިޝް ވިޝް' ގެ މަސައްކަތް ވެސް ކުރަމުން އަންނައިރު މިއީ ސުޕަނެޗުރަލް ޖޯންރާގެ ފިލްމެކެވެ.