04 Oct 2022, 09:42
ބޮލީވުޑް ތަރި ކެޓްރީނާ ކެއިފް އަށް ޖިންނި އެއްގެ ރޯލު ދީ 'ފޯން ބޫތް' ފިލްމަށް ކާސްޓުކޮށް، ފަސްޓް ލުކް ދައްކާލައިފިއެވެ.
'ފޯން ބޫތު' ފިލްމުގެ ފުރަތަމަ ލުކް ދައްކާލިއިރު މި ފިލްމުގައި ކެޓްރީނާ ކެއިފް އާއެކު ސިދާންތު ޗަތުރުވެދީ އަދި އިޝާން ކައްތަރު ވަނީ ކާސްޓުކޮށްފައެވެ. ބޮލީވުޑް ހަބަރުތައް ބުނާގޮތުން، މި ފިލްމާ ގުޅޭގޮތުން ގިނަ ބަޔަކު އެކި ވާހަކަ ދައްކާފައިވާއިރު ފިލްމުގައި ޖިންނިގެ ރޯލު ކުޅެނީ ކާކު ކަން ނޭނގެއެވެ. ކެޓްރީނާގެ ފަރި ހަރަކާތްތައް އޭނާގެ ފިލްމުތަކުން ފެނުނު ނަމަވެސް، މި ފިލްމުގައި އޭނާ ފެންނާނީ ބިރުވެރި ރޯލަކުން ކަމަށްވެއެވެ.
ނޮވެމްބަރު މަހު ފަހުކޮޅު ނެރެން ތާވަލުކޮށްފައިވާ މި ފިލްމުން ކެޓްރީނާގެ ތަފާތު ރޯލެއް ފެންނައިރު މިއީ އޭނާ ކައިވެންޏަށްފަހު ނެރޭ ފުރަތަމަ ފިލްމެވެ. ކެޓްރީނާގެ ފޭނުން ދަނީ މި ފިލްމުން ކެޓްރީނާ ޖިންނިއެއްގެ ސިފައިގައި ފެންނާތީ އެކަމާ އުފާ ފާޅުކުރަމުންނެވެ. އަދި، ފުރަތަމަ ފަހަރަށް 'ރީތި ޖިންނި' އެއް ފިލްމަކުން ފެންނަނީ ކަމަށް ބުނެ ޕޯސްޓުތައް ހިއްސާކޮށްފައިވެއެވެ.
ހޮރޯ ކޮމެޑީ ޖޯންރާއަށް އުފައްދާ މި ފިލްމުގެ ލީޑް ކާސްޓުން ވަނީ ދާދި ފަހުން 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑެއްގައި ބައިވެރިވެފައެވެ. މި އެޕިސޯޑްގައި ވާހަކަދައްކަމުން އެ ތަރިން ވަނީ މި ފިލްމަށް އުއްމީދު ކުރެވޭ ކަމަށާއި ފިލްމަށް ތައްޔާރު ކަމަށް ބުނެފައެވެ.
ގުރްމީތު ސިންހް ޑައިރެކްޓުކޮށް އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޕްރޮޑަކްޝަންގައި ރިތޭޝް ސިދްވާނީ އާއި ފަރްހާން އަހްތަރު އުޅެއެވެ.