ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އައު އުސްމިންތަކަށް ގެންދެވޭނޭ ގާބިލުކަން އަދުގެ ޒުވާނުންގެ ކިބައިގައި އެބަހުރިކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި ގާލާ ނައިޓުގައި މައުސޫމް ވިދާޅުވީ، ފަތުރުވެރިކަން ކުރިއަށްގެންދާނެ ގޮތުގެ އައު ޚިޔާލުތަކާއި އީޖާދީ ވިސްނުންތައް ޒުވާނުންގެ ކިބައިގައި އެބަހުރިކަމަށެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުގެ މިހާރުގެ ހާލަތަށް ބަލާއިރު، މި ދާއިރާގެ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މި ސިނާއަތުގެ ބޭފުޅުންގެ ހިކުމަތާއި މިންނަތް މަސައްކަތުން ކުރިމަތިވި ކަންކަމުން އަރައިގަތް އަރައިގަތުމަކީ މިސާލެއްކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިގޮތުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި އެންމެފަހުން ކުރިމަތިވި ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދި ކާމިޔާބީގެ ވާހަކަ ބޭރުގެ ފަރާތްތަކުން ދައްކަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ 1972 ވަނަ އަހަރެވެ. ޓޫރިސްޓް ރިސޯޓެއް އެންމެ ފުރަތަމަ ހުޅުވުނީ، މާލެ އަތޮޅު ވިހަމަނާފުށީގައި ކުރުނބާ ވިލެޖް ނަމުގައެވެ. އެއީ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. ރާއްޖޭ އަކީ މިއަދު ދުނިޔޭގެ އެންމެ މަގުބޫލު އެއް ޓޫރިޒަމް މަންޒިލެވެ.