03 Oct 2022, 17:01
އުއްތުރަ ޕްރަދޭޝް (3 އޮކްޓޯބަރު 2022): އިންޑިއާގައި ޓްރެކްޓަރެއްގެ ފަހަތުގައި ކަފު ޖަހައިގެން ދުއްވަމުން ދިޔަ އުޅަނދެއް ފުން ފެންގަނޑަކަށް ވެއްޓުމުގެ ސަބަބުން 26 މީހުން މަރުވެ އިތުރު 16 މީހުން ޒަޚަމް ވެއްޖެއެވެ.
އިއްޔެ މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއްކަމަށްވާ އުއްތަރް ޕްރަދޭޝްގެ ސިޓީއެއްކަމަށްވާ ކާންޕޫރުގެ ރަށްބޭރުގެ ސަރަހައްދެއްގައެވެ. އިންޑިއާގެ މީޑިއާ ބުނާގޮތުން ފެންގަނޑަށް ވެއްޓުނު އުޅަނދުގައި 50 އަށް ވުރެ ގިނަމީހުން ތިއްބެވެ. އޭގައި ގިނައިން ތިބީ އަންހެނުންނާއި ކުޑަކުދިންނެވެ. އެއުޅަނދު އެހެން އުޅަނދެއް ކަމަށްވާ ޓްރެކްޓަރެއްގެ ފަހަތުގައި ކަފުޖަހައިގެން ދުއްވާފައި ދިޔައީ އެއުޅަނދުގެ އިންޖީނު ހުއްޓުމާ ގުޅިގެންނެނެވެ.
ކަފުޖަހާފައިވާ އުޅަނދު ފެންގަނޑަކަށް ވެއްޓުނީ އެދެއުޅަނދު ދުއްވާފައި ދިޔަ މަގު އަޑިގުޑަންކަމުންނާއި މަގު ހަނިކަމުން އެއުޅަނދު ފޮރޮޅާލައިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އުއްތުރަ ޕްރަދޭޝް ގެ ރަށްފުށުގެ ސަރަހައްދުތަކުގެ ފަގީރު އާއިލާތަކަށް ނިސްބަތްވާ އަންހެނުންނާއި ކުޑަކުދިންނެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ މަރުވިމީހުންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އުއްތުރަ ޕްރެދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނާތްވެސްވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔަ ވިދާޅުވެ އެއުޅަނދު ފެންގަނޑަށް ވެއްޓުނު ސަރަހައްދަށް ޒިޔާރަތް ކުރައްވައި މީހުން ސަލާމަތް ކުރުމުގައާއި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށް ކުރާ މަސައްކަތް ބައްލަވާލައްވާފައެވެ.

އިންޑިއާގައި ރޭލެއްގައި ތޮއްޖެހިގެން މީހުން ދަތުރު ކުރަނީ
އިންޑިއާއަކީ މަގުތަކާއި ހައިވޭ ތައްފަދަ ދަތުރުފަތުރުގެ ނިޒާމުގެ ނެޓްވާކުތަކާއި އެނޫންވެސް މަދަނީ އިންފްރާސްޓްރަކްޗަރު ނުވަތަ އިމްރާނީ ތަރައްގީގެ ވަސީލަތްތައް ވަރަށް ބޮޑަށް ބަލިކަށި ގައުމެކެވެ. އެއްގަމު އުޅަނދުތަކުގެ އެކްސިޑެންޓްތައްވެސް ދުނިޔޭގައި އެންމެ ގިނަ އެއްގައުމަކީ އިންޑިއާއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އިންޑިއާގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގައި އެވުރެޖުކޮށް ދުވާލެއްގެ މައްޗަށް 400 އަށްވުރެ ގިނަމީހުން މަރުވެއެވެ. 800 އެއްހާ މީހުން ދުވާލެއްގެ މައްޗަށް ޒަޚަމްވެއެވެ. މިދިޔަ އަހަރުވެސް މަގުމަތީގެ އެކްސިޑެންޓުތަކުގައި އިންޑިއާގައި ދޮޅު ލައްކައަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ.
އިންޑިއާގެ ރަށްފުށުގެ ހިސާބުގެ މަގުތަކަކީ ވަރަށް އަޑިގުޑަންބޮޑު އަދި ހަނި މަގުތަކެކެވެ. އެމަގުތަކަކީ މަރާމާތުވެސް ނުކުރާ މަގުތަކެކެވެ. އިންޖީނު ހުއްޓިފައިވާ އުޅަނދުތައް ޓްރެކްޓަރު ފަދަ ތަކެތީގެ ފަހަތުގައި ޖަހައިގެން ގިނަ އަދަދެއްގެ މީހުންނާއެކު އެ އުޅަނދުތައް ދުއްވުމަކީ އިންޑިޔާގެ ރަށްފުށުގެ ސަރަހައްދުތަކުގައި ވަރަށް އާންމުކަމެކެވެ. މީގެކުރިންވެސް މިގޮތަށް ދުއްވާ އުޅަނދުތައް ފޮރޮޅާލުމުގެ ގިނަ ހާދިސާތައް ހިނގައި އެތަށް ބަޔަކު މަރުވެފައިވެއެވެ. މިއީ މަނާކަމެއް ނަމަވެސް ފަގީރުކަމުގެ ސަބަބުންނާއި އެއްގަމު ދަތުރުފަތުރުގެ ދަތިކަމުން އިންޑިއާގައި މިކަން ނުހުއްޓުވެއެވެ.