03 Apr 2012, 08:47
އިސްލާމްއާބާދު (އެޕްރީލް 3) : އުސާމާބިންލާދިންގެ ހުވަފަތް ތިން އަނބިންނާއި އޭނާގެ ދެ އަންހެން ދަރިން 45 ދުވަހަށް ޖަލަށްލުމަށް ޕާކިސްތާނުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
ޕާކިސްތާނުގެ ކޯޓަކުން މިގޮތަށް ޙުކުމްކުރީ އުސާމާގެ ޢާއިލާގެ މި ފަސް އަންހެނުން ޤާނޫނާ ޚިލާފަށް ޕާކިސްތާނަށްވަދެ ވިސާއަކާނުލައި ދިގު މުއްދަތަކަށް އުޅުނުކަން ސާބިތުވުމުންނެވެ. މި ފަސަ އަންހެނުންގެ ޤާނޫނީ ވަކީލުންގެ ޓީމް ބުނިގޮތުގައި މިބައިމީހުން ޕާކިސްތާން ދޫކޮށް އެމީހުންގެ ޤައުމުތަކަށް ފުރުމުގެ ހުރިހާ ކަމެއް ތައްޔާރުވަމުންދާތީ ޢަމަލީގޮތުން މިއިން ކޮންމެ އަންހެނަކުވެސް ޖަލުގައި ހުންނަންޖެހޭނީ އެންމެ 14 ދުވަހު އެވެ.
ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން މި 5 އަންހެނުންވެސް މިހާރު ވަނީ ޖަލުގައި ބަންދުކޮށްފައެވެ. 14 ދުވަހުގެ ތެރޭގައި މި 5 އަންހެނުން ޕާކިސްތާނުން ފުރާނެ ކަމަށްވެސް އުސާމާގެ ޢާއިލާގެ ޤާނޫނީ ޓީމުން ބުނެއެވެ. ޕާކިސްތާނުގެ ޤާނޫނު ބުނާގޮތުން ޤާނޫނާ ޚިލާފަށް ޕާކިސްތާނަށްވަދެ ވިސާއަކާނުލައި އުޅޭކަން ސާބިތުވެއްެޖެނަމަ 45 ދުވަހަށް ޖަލަށްލައި ޤައުމުން ބޭރުވުމަށް އެންގޭނެއެވެ. ޤައުމުން ބޭރުވެވޭނީ މިކުށްސާބިތުވާ ކޮންމެ މީހަކު ޖޫރިމަނާގެ ގޮތުގައި ޕާކިސްތާން ސަރުކާރަށް 110 ޑޮަލަރު ދެއްކުމުންނެވެ.
އުސާމާ ބިންލާދިންގެ އަނބިންނާއި ދަރިން މިހާރު ޖޫރިމަނާގެ ފައިސާ ދެއްކުމަށްފަހު ޕާކިސްތާނުން ފުރަން ތައްޔާރުވަމުންދާ ކަމަށް އެޢާއިލާގެ ޤާނޫނީ ޓީމް ބުނެއެވެ. އުސާމާގެ ތިން އަނބިންގެ ތެރެއިން ދެ އަންހެނުންނަކީ ސަޢޫދީ ދެއަންހެނުންނެވެ. އަނެއް އަނބިމީހާއަކީ ޔަމަންގެ އަންހެނެކެވެ.
އުސާމާގެ ދެ އަންހެން ދަރިންނަކީ 17 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ކުއްޖެކެވެ. އުސާމާގެ ހުވަފަތް އަނބިންތައް އެނބުރި އެމީހުންގެ ޤައުމުތަކަށްދަނީ އެމީހުންގެ ކުޑަކުދިންތައްވެސް ގޮވައިގެން ކަމަށާއި ކުޑަކުދިންތައް ތިބީ ޖަލުގައި ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ. އުސާމާގެ ބޮޑެތި ބައެއް އެހެން ދަރިން އުޅެމުން ދަނީ އެކިޤައުމުތަކުގައެވެ.
އުސާމާ ބިންލާދިން އަކީ ސެޕްޓެމްބަރ 11 ގާ އެމެރިކާއަށް ދިން ވަރުގަދަ ޙަމަލާތަކުގެ މޭސްތިރި ކަމަށް އެމެރިކާ ފަރާތެވެ. ސެޕްޓެމްބަރ 11 ގެ ޙަމަލާތަކުގެ ޒިންމާ އުފުލާކަމަށް އުސާމާ ބުނާ އޯޑިޔޯ އަދި ވީޑިޔޯތައްވެސް ދައްކާފައިވެއެވެ. ނަމަވެސް މިއީ ހަޤީޤީ ތަކެތިކަން ނުވަތަ އެޑިޓްކޮށްފައިވާ ތަކެތިކަން ސާބިތު ނުކުރެވިފައެއް ނުވެއެވެ. ސެޕްޓެމްބަރ 11 ގެ ޙަމަލާގެ އިސް މޭސްތިރިއަކީ އުސާމާކަން ސާބިތުވާ މިންވަރަށް ހެކިދެއްކުމުގައި އެމެރިކާވަނީ ނާކާމިޔާބު ވެފައެވެ.
އުސާމާ ހޯދުމަށް އެމެރިކާއަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން 2001 ން ފެށިގެން ކެނޑިނޭޅި އެމެރިކާ މަސައްކަތްކުރިއިރުވެސް އުސާމާ ހުރިތަން އެނގުނުކަމަށް އެމެރިކާ ބުނަނީ 2011 ވަނަ އަހަރުގެ މޭމަހުގައެވެ. މޭމަހުގައި އެމެރިކާގެ ސިފައިންގެ ކުއްލި އޮޕަރޭޝަނެއްގައި އުސާމާ އަވަހާރަކޮށްލިކަމަށް އެމެރިކާ ބުނަމުން ގެންދެއެވެ. ނަމަވެސް އޭގެ މާކުރިން ތަބީޢީ މަރަކުން އުސާމާ އަވަހާރަވެފައިވާ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތަކުންނާއި އެނޫންވެސް ބައެއް މަޢްލޫމާތުތަކުން ހާމަވެފައިވެއެވެ.
އެމެރިކާ ބުނާގޮތުން އެމެރިކާއަށް ރޭކާނުލާ 2002 ވަނަ އަހަރުން ފެށިގެން އުސާމާއާއި އޭނާގެ ޢާއިލާ ދިރިއުޅުއްވަމުން ގެންދެވީ ޕާކިސްތާނުގައެވެ. ޕާކިސްތާނުގައި އުސާމާ އުޅުއްވީ ފިއްލަވައިގެން ނޫން ކަމަށާއި މިމުއްދަތުގައި 5 ތަނަކަށް އޭނާ ބަދަލުވެފައިވާ ކަމަށްވެސް އެމެރިކާ ބުނެއެވެ.
އެމެރިކާއަށް ނޭންގި މިހާ ދިގުމުއްދަތަކަށް ރައްކާތެރިކަމުގައި ހިލަމެއްނެތި ޕާކިސްތާނުގައި އުސާމާއަށް އުޅުއްވޭނީ ޕާކިސްތާނުގެ އެންމެ އިސްވެރިންނާއި ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އިސްފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމާއެކުގައި ކަމަށް އެމެރިކާ ތުހުމަތު ކުރެއެވެ.
2011 ވަނަ އަހަރުގެ މޭމަހު އުސާމާ އަވަހާރަކޮށްލީ އިސްލާމް އާބާދުގެ ކައިރީގައިވާ ކުޑައަވަށެއް ކަމަށްވާ އަބޫތު އާބާދުގެ ގެއެއްގައި ޢާއިލާއާއެކު ދިރިއުޅުއްވަމުން ގެންދަވަނިކޮށް އެކަން އެނގިގެން ޕާކިސްތާނުގެ ސަރަޙައްދަށްވަދެ ކުއްލި އޮޕަރޭޝަނެއް ހިންގައިގެން ކަމަށް އެމެރިކާ ބުނެއެވެ. -- އަލްޖަޒީރާ