ޖީމެއިލް ގެންގުޅޭ ގިނަ މީހުންނަށް، ކޮންމެ ދުވަހަކު ވެސް މެއިލް ހުޅުވާލާފައި ފުރަތަމަ ވެސް ކުރަން ޖެހިފައި އޮންނަ ކަމަކީ ރެންޑަމް އައިޑީތަކުން ލިބޭ ހުރިހާ ސްޕޭމް އީމޭއިލްތަކެއްގެ އިތުރުން ދުވަހަކު ވެސް ސަބްސްކްރައިބް ނުކުރާ ބްރޭންޑްތަކުގެ ނިއުސްލެޓާތަކާއި ޕްރޮމޯޝަނަލް އީމެއިލްތައް ފޮހުމެވެ.

އެގޮތަށް އައިސްފައި ހުންނަ ސްޕޭމް މެއިލްތަކަކީ ދުވަހަކުވެސް ނިމުމެއް ނެތް ކަމަކަށް ވާއިރު އެ މެއިލްތައް ފޮހުމަކީ ފުދޭވަރެއްގެ ބުރަ މަސައްކަތަކަށް ވެދާނެއެވެ.

ބައެއް މީހުންގެ އިންބޮކްސްގައި ސްޕޭމް މެއިލްތައް ގިނަވެގެން، އޮޅުން ބޮޅުންވާ ގޮތް ދިމާވާއިރު އޭގެ ތެރޭގައި ހުންނަ މުހިންމު އީމެއިލްތައްވެސް ބައެއް ފަހަރަށް ގެއްލިގެންދެއެވެ.

ޖީމެއިލްގައި ހުންނަ ބޭނުން ނުވާ އީމެއިލްތައް ފޮހެލުމާއި، އިންބޮކްސް ސާފުކޮށް "ސްޕޭމް ފްރީ"ކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި:

ސްޕޭމް އީމެއިލް ރިޕޯޓް ކުރުމާއި، އަންސަބްސްކްރައިބް ކުރުން

1. ޖީމެއިލްއަށް ލޮގްއިންކޮށް އަންސަބްސްކްރައިބް ކުރަން ބޭނުންވާ ހުރިހާ ސްޕޭމް އީމެއިލްތަކެއް ސެލެކްޓް ކުރާށެވެ. (މުހިންމު އީމެއިލް އައިޑީއެއް ސެލެކްޓް ކޮށްފައި ނުވާކަން ޔަގީން ކުރަންވާނެއެވެ).

2. މެއިލްތަކުގެ މަތީގައިވާ i އައިކޮންއަށް ފިތާލުމުން "ރިޕޯޓް ސްޕޭމް" ނުވަތަ "ރިޕޯޓް ސްޕޭމް އެންޑް އަންސަބްސްކްރައިބް"ގެ އޮޕްޝަންތައް ފެންނާނެއެވެ.

3. ލިސްޓްކޮށްފައިވާ އައިޑީތައް ދެވަނަ ފަހަރަށްވެސް ޗެކްކޮށްލައި، އެ ލިސްޓްގައި މުހިންމު އެއްވެސް މެއިލެއް ނެތްނަމަ ދެން ރިޕޯޓް ސްޕޭމް އަދި އަންސަބްސްކްރައިބް އޮޕްޝަން ސެލެކްޓް ކޮށްލާށެވެ.

4. އެހާހިސާބުން ދެން އެ އެކައުންޓްތަކުން އީމެއިލް ލިބުން ހުއްޓޭނެގޮތް (އަންސަބްސްކްރައިބް) ހެދުނީއެވެ.

ސްޕޭމް އީމެއިލް ހޯދުމަށް ފިލްޓަރުތައް އުފެއްދުން

1. ޖީމެއިލް ހުޅުވާލުމަށްފަހު މަތީގައިވާ ސާޗް ބޮކްސްއަށް ކްލިކްކުރުމަށް ފަހު އެ ބޮކްސްގައި އަންސަބްސްކްރައިބް ލިޔެލާށެވެ. ދެން ހުރިހާ ޕްރޮމޯޝަނަލް އީމެއިލް ނުވަތަ އެ އައިޑީތަކަކުން މެއިލް އައުމަށް ބޭނުންނުވާ މެއިލްތަކެއް ލިސްޓްކޮށްލާށެވެ.

2. މި ހުރިހާ ސްޕޭމް އީމެއިލްތަކެއް ސެލެކްޓް ކުރި ނަމަވެސް، އެތަނުގައި މުހިންމު ވެދާނެ ނިއުސްލެޓަރެއް ނުވަތަ މެއިލްއެއް ހުރިތޯ ދެވަނަ ފަހަރަށް ޔަގީން ކޮށްލާށެވެ.

3. މެއިލްތަކުގެ މަތީގައިވާ ތިން ޑޮޓަށް ފިތާލުމަށްފަހު ފެންނަ މެސެޖުތަކުގެ ތެރެއިން "ފިލްޓާ ކުރުން" އޮޕްޝަން ސެލެކްޓް ކޮށްލާށެވެ.

4. ދެން ކްރިއޭޓް ފިލްޓާ އޮޕްޝަނަށް ފިތާލުމަށްފަހު މި އީމެއިލްތަކުން ކުރަން ބޭނުންވާ ކަންތައްތައް ސެލެކްޓް ކޮށްލާށެވެ. މި އީމެއިލްތައް އޮޓޮމެޓިކުން ޑިލީޓް ކުރަން ބޭނުންނަމަ ކްރިއޭޓް އަ ފިލްޓާ އޮޕްޝަނަށް ކްލިކްކޮށް "ޑިލީޓް އިޓް" އޮޕްޝަން ނަގާށެވެ.

5. އޭރުން ފިލްޓަރެއް އުފައްދާފައިވާކަން އަންގައިދޭ ޕޮޕް އަޕް ނޮޓިފިކޭޝަނެއް ލިބޭނެއެވެ. ޑިލީޓް ކުރުމުގެ އިތުރުން މިފަދަ އީމެއިލްތައް ލޭބަލް ޖަހައިގެން، ނުވަތަ ކިޔާފައިވާ ކަމަށް ފާހަގަކޮށް ފިލްޓާ ކުރުމަށް ވެސް އިޚްތިޔާރު ކުރެވިދާނެއެވެ.

ވަގުތީ އީމެއިލް އައިޑީއެއް ބޭނުން ކުރުން

ބައެއް ވެބްސައިޓްތަކުގައި އާންމުކޮށް ބޭނުންކުރާ ޖީމެއިލް އައިޑީ ހިއްސާކުރާއިރު، އެ އައިޑީ ތިންވަނަ ފަރާތަކާ ހިއްސާވެ، ސްޕޭމް އީމެއިލްތައް ލިބުމުގެ ނުރައްކާ ކުރިމަތިވެއެވެ. އޭގެ ސަބަބުން ބައެއް ފަހަރު އެ މީހެއްގެ ޒާތީ މައުލޫމާތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފިޝިން ލިންކްތަކެއް މެއިލްއަށް ލިބި، ކްލިކް ކުރެވިދާނެއެވެ.

އެހެންކަމުން ހުރިހާ ވެބްސައިޓެއްގައި ޕްރައިމަރީ ޖީމެއިލް އައިޑީ ބޭނުން ކުރުމުގެ ބަދަލުގައި ވަގުތީ ޖީމެއިލް އައިޑީއެއް ހިއްސާ ކުރެވިދާނެއެވެ.

1. އެކަން ކުރުމަށްޓަކައި، temp-mail.org ފަދަ ހިލޭ ވަގުތީ އީމެއިލް އައިޑީ ލިބޭ ކޮންމެވެސް ވެބްސައިޓަކަށް ޒިޔާރަތް ކޮށްލާށެވެ.

2. އެފަދަ ސައިޓަކުން މިހާރު ލިބެން ހުރި ވަގުތީ އީމެއިލް އެޑްރެސް ކޮޕީކޮށް، އަސްލު އީމެއިލް އައިޑީގެ ބަދަލުގައި އަލަށް ލިބުނު ވަގުތީ މެއިލް ބޭނުންކުރެވިދާނެއެވެ.

3. މިގޮތަށް ކަންތައް ކޮށްފިނަމަ، ޕްރައިމަރީ ޖީމެއިލް އެކައުންޓް ރައްކާތެރިކަމާއެކު ސްޕޭމް ފްރީކޮށް ބަހައްޓައިގެން ދާއިމީ ގޮތެއްގައި ކުރިއަށް ދެވިދާނެއެވެ.