ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އިނގިރޭސި ޕްރިމިއާ ލީގުގައި ހެދި ރެކޯޑާ ހާލަންޑު އެންމެ އަށް މެޗުން އެއްވަރު ކޮށްފިއެވެ.

ރޮނާލްޑޯ ޕްރިމިއާ ލީގުގައި 232 މެޗު ކުޅެ ތިން ހެޓްރިކް ހެދިއިރު ހާލަންޑު ވަނީ ޕްރިމިއާ ލީގުގައި ކުޅުނު އަށް ވަނަ މެޗުގައި ތިން ވަނަ ހެޓްރިކް ފުރިހަމަކޮށްފައެވެ. ފަހު ހެޓްރިކް އިއްޔެ އޭނާ ހެދީ ރޮލާންޑޯ ކުޅޭ މެންޗެސްޓާ ޔުނައިޑެޓާ ދެކޮޅަށެވެ.

ޕްރިމިއާ ލީގު ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ރޮނާލްޑޯ، ލަމްޕާޑް އަދި ޖެމީ ވާޑީގެ ރެކޯޑާ އެހާ މަދު މެޗު ކުޅެ، ހާލަންޑު އެއްވަރު ކުރުމުން އޭނާއަށް ވަނީ ގިނަ ބަޔަކު ތައުރީފް ކޮށްފައެވެ.

މި ސީޒަންގައި ހާލަންޑު ކުޅުނު އަށް މެޗުގައި އޭނާ ވަނީ 14 ގޯލު ޖަހައިފައެވެ. އަދި އޭނާ ވަނީ ސިޓީގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ހެޓްރިކް ހަދައިފައެވެ.

އިއްޔެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ގިނަ ރެކޯޑުތަކެއް ސިޓީން ވަނީ ހަދައިފައެވެ.

އެގޮތުން ޔުނައިޓެޑާ ދެކޮޅަށް 1970ގެ ފަހުން ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިއަކީ ވެސް ހާލަންޑެވެ. ރޭގެ މެޗުގެ ސިޓީގެ ފިލް ފޯޑެން ވެސް ވަނީ ޔުނައިޓެޑް ކޮޅަށް ހެޓްރިކް ހަދައިފައެވެ.

މީގެ އިތުރުން ރޭ ޔުނައިޓެޑް ކޮޅަށް ސިޓީގެ ހާލަންޑާއި ފޯޑެން ހެދި ހެޓްރިކާއެކު އެ މެޗު ވެފައިވަނީ ޕްރިމިއާ ލީގުގައި އެއް ޓީމުގެ ދެ ކުޅުންތެރިއަކު ހެޓްރިކް ހެދި ހަތަރު ވަނަ މެޗަށެވެ.