ސްޕެނިޝް ލަލީގާގައި އޮސަސޫނާ އަތުން މޮޅުނުވެވި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެއެވެ.

ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ ފެނިފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ރެއާލްގެ ވިނީޝިއަސް ޖޫނިއާ ނަގައިދިން ހުރަހަކުން ކަރީމް ބެންޒެމާ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިިރިން ބޭރަށެވެ.

ނަމަވެސް މެޗުގެ 42 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ ގޯލެއް ޖަހައި ރެއާލްއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާއަކުން ވަތް ގޯލެކެވެ.

ރޭ ރިއާލް އާއި އޮސަސޫނާ ބައްދަލު ކުރި މެޗްގެ ތެރެއިން-- ފޮޓޯ: އޮސަސޫނާ

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީ ކޮޅު އޮސަސޫނާއިން ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ މެޗުގެ 49 ވަަނަ މިނެޓުގައި އުނައި ގާސިއާ ނަގައިދިން ހުރަހަކުން ކިކޭ ގާސިއާ ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ 78 ވަނަ މިނެޓުގައި އޮސަސޫނާގެ ޑޭވިޑް ގާސިއާ ރެއާލްގެ ބެންޒެމާ ޕެނަލްޓީއޭރިއާ ތެރެއިން ކޮއްޕާލުމުން ގާސިއާއަށް ވަނީ ރަތްކާޑެއް ދައްކައި ރެއާލްއަށް ޕެނަލްޓީއެއް ދީފައެވެ.

އެ ޕެނެލްޓީ ރެއާލްގެ އިތުބާރު ފޯވާޑް ބެންޒެމާ ފޮނުވާލި ނަމަވެސް އެ ޕެނެލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެ ނަތީޖާއާއެކު މެޗު ނިމުމުން އެ ޓީމު ވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. އެ ޓީމު ތާވަލުގެ ދެވައިގައި އޮތީ ހަތް މެޗު ކުޅެގެން ލިބުނު 19 ޕޮއިންޓާއެކުއެވެ. އަދި އޮސަސޫނާ ކުޅުނު ހަތް މެޗުން ލިބުނު 13 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ.

ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. އެ ޓީމަށް އެއްވަނަ ލިބެނީ ރެއާލްއަށް ވުރެ ފައިދާ ގޯލު ގިނަ ވުމުންނެވެ. ރެއާލްއަށް ފައިދާ ގޯލުގެ ގޮތުގައި 11 ގޯލު ލިބިފައިވާއިރު ބާސާއަށް ފައިދާ 18 ގޯލު ވަނީ ލިބިފައެވެ.

ބާސާ ލަލީގާ ތާވަލުގެ އެއްވަނައަށް އެންމެ ފަހުން އަރައިފައިވަނީ 2020 ވަނަ އަހަރުގައެވެ. އެ ޓީމު މިވަގުތު ދަނީ ރަނގަޅު ފޯމެއްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމު ވަނީ ލަލީގާގައި ބަލިނުވެ 18 މެޗުން ފުރިހަމަކޮށް ރެއާލްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ހަދައިފައިވާ ރެކޯޑް މުގުރާލައިފައެވެ. މި ސީޒަންގައި އެ ޓީމުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު އެއް މެޗުން ވަނީ އެއްވަރު ވެފައެވެ. އަދި އެ ހަތް މެޗުގައި 19 ގޯލު އެ ޓީމުން ޖަހައިފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ.