ބޭރުގެ އިގްތިސާދީ މާހިރުންގެ ލަފަޔާއެކު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިގްތިސާދީ ބެކޭޖެއް އެކުލަވައިލެއްވި އެވެ. އެ ޕެކޭޖަށް ރާއްޖޭގެ ބޮޑެތި މަހުޖަނުންގެ ތާއީދު ހޯދެއްވުމަށް ކެންޕޭންތަކެއް އޭރު ހިންގެވި އެވެ. އަދި ޓެކްސްގެ ނިޒާމް ތައާރަފް ކުރެއްވެވި އެވެ. އިގްތިސާދީ ޕެކޭޖުގެ ދަށުން މަޖިލީހަށް 15 އަށް ވުރެ ގިނަ އިގްތިސާދީ ބިލާއި ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި އެވެ. އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިނަށް އިގްތިސާދު ދޮރު ހުޅުވާލައި، ޓެކުހުން ދައުލަތް މުއްސަދި ކުރުމަށް ބިލުތައް ބައްޓަން ކުރި އެވެ.

ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތައް ތިބީ އެކަންކަމާ ދެކޮޅަށެވެ. ޓެކްސް ނެގުމަކީ ރާއްޖޭގެ އިގްތިސާދުގެ މިހާރުގެ ހާލަތައް ބަލައި ނުބައްދަލު ކަމަކަށް އިދިކޮޅުން ދިޔައީ ބުނަމުންނެވެ.

ބަދަލުވެގެންދިޔަ ސަރުކާރާއެކު ރައީސް، މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ދެމެހެއްޓުމުގެ ތަނބުތަކެއްގެ ގޮތުގައި މިއަދު ތިބީ އޭރުގެ އިދިކޮޅު ޕާޓީތަކެވެ. އެ ޕާޓީތަކުގެ ލަފަޔާއެކު އަނެއްކާވެސް ނަޝީދުގެ އިގްތިސާދީ ބިލްތަކަށް ތާއީދު ކުރާ ކަމަށް ވެސް ބުނަން ފަށައިފި އެވެ.

"އިކޮނަމިކް ޕެކޭޖުގައި ހިމެނޭ ބިލްތަކަކީ މިހާރުން މިހާރަށް ވެސް ރާއްޖޭގެ މާލީ ސިފަޔަށް ގެންނަންޖެހޭ ބަދަލުތަކެއް. އެކަންތައްތަކަށް ވެސް މި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރަން. ޕާޓީތަކުން [ސަރުކާރާ ގުޅިފައިވާ ޕާޓީތައް] އެކަމުގައި ދެކޮޅު ހެދުންތަކެއް ނެތް،" ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ.

އިގްތިސާދީ ބިލްތަކުގެ ތެރެއިން ސަރުކާރުން ދެކޮޅު ހަދަނީ އެންމެ ބިލަކާ އެވެ. އެއީ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނުވަތަ އިންކަމް ޓެކްސް ބިލެވެ. އައްބާސް އާދިލް ރިޒާ ވިދާޅުވީ އެ ބިލަށް ސަރުކާރުން ތާއީދު ނުކުރަނީ މަޖިލީހުގެ މައިނޯރިޓީ ކޮންޓްރޯލް ކުރާ ޑީއާރްޕީގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް ޑީއާރްޕީން އެ ބިލަށް ތާއީދު ނުކުރާ ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

ވިޔަފާރިވެރިންނަށް އަމާޒުވާ އިންކަމް ޓެކްސްގެ ބިލުގައިވާ ގޮތުން ރާއްޖޭގައި ވަޒަންވެރި ވެފައިވާ މީހަކު ނަމަވެސް އަދި ރާއްޖޭގައި ވަޒަންވެރި ނުވި ނަމަވެސް ރާއްޖޭގައި އުފައްދާ އާމްދަނީއަކުން ޓެކްސް ދައްކަންޖެހެ އެވެ. އަދި ރާއްޖޭގައި ވަޒަންވެފައިވެފައިވާ މީހުންގެ ތެރެއިން ރާއްޖެއިން ބޭރުން އާންދަނީ ލިބޭ ކޮންމެ މީހަކު ޓެކްސް ދައްކަންޖެހެ އެވެ. އެގޮތުން 30،000 ރ. ފެށިގެން 150،000 ރ. ލިބޭ ކޮންމެ މީހަކު ޓެކްސްގެ ގޮތުގައި އާންދަނީގެ ތިން ޕަސެންޓުން ފެށިގެން 15 ޕަސެންޓާ ދެމެދު ދައުލަތަށް ޓެކްސް ދައްކަންޖެހޭނެ އެވެ.

އައްބާސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތުން އަރައި ގަނެވޭނީ ދައުލަތުން ކުރާ ހަރަދުތައް ފޫބެއްދުމަށްޓަކާ އެކި ޓެކްސްތައް ނަގައިގެނެވެ. އަދި އެކަމުގައި ސަރުކާރުން މަޖިލީހުގެ ތެރެއިން އެއްބާރުލުން ހޯދާނެ އެވެ.

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވަޒަންވެރިވެ، ވިޔަފާރީގެ ކުރިތައް ފެޅުމުގެ މަގު ފަހިކޮށްދިނުމަށް މަޖިލީހަށް އިގްތިސާދީ ބިލުތައް ހުށަހެޅި އެމްޑީޕީގެ ފިކުރު ވެސް ތަފާތެވެ. އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވެއްދި ބިލުތައް ފާސްވެ މި ސަރުކާރަށް މަންފާވުމަށް އެމްޑީޕީ ދެކޮޅެއް ނަހަދަ އެވެ.

ދައުލަތުގެ ހަރަދާ އާމްދަނީ އެއްވަރު ކުރުމަށް ކުރީގެ ސަރުކާރުން އެކުލަވާލި ޕެޖޭކަށް މި ސަރުކާރުން ތާއީދު ކުރުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ އެކަމަށް މަރުހަބާ ވިދާޅުވެ އެވެ. ސިޔާސީ ވިސްނުމެއްގައި އިންކަމް ޓެކްސް ބިލު މި ސަރުކާރުން އެއް ފަރާތްކޮށްލަނީ ސަރުކާރުގެ ތާއީދު ކުޑަވެދާނެތީ ކަމަށް ވެސް ހަމްޒާ ވިދާޅުވެ އެވެ.

"އިންކަމް ޓެކްސް ގާނޫނަށް އެ ބޭފުޅުން ދެކޮޅު ހެދިއަސް އެއީ މިހާރުން މިހާރަށް ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ފުރިހަމަ ބިލެއް. އެބޭފުޅުން އެ ބިލަށް ދެކޮޅު ހަދަނީ ސަރުކާރުން އެ ބިލް ތަސްތީގުކޮށްފިނަމަ ތާއީދު ކުޑަވެދާނެތީކަންނޭނގޭ. އެހެން ނަމަވެސް މިހާރުވެސް އައިއެމްއެފުން އަންގަމުން އެދަނީ ސަރުކާރުގެ ދަރަނިތައް އިތުރުވަމުންނޭ ދަނީ އަޅުގަނޑުމެންނަށް އާމްދަނީ ހޯދޭނެ ގޮތެއް ނެތިއްޖެއްޔާ ގައުމުގެ ހާލަތު ނާޒުކު ފައްތަރަކަށޭ ދާނީ. އަޅުގަނޑު ދަންނަވާނީ ސިޔާސީ ވިސްނުމަކުން ނުވިސްނައި ޓެކްސް ނަގައިގެން ދައުލަތުގެ އާމްދަނީ އިތުރު ކުރުން،" ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ހިންގާ ކުންފުންޏެއްގެ ހިއްސާ އޮންނަ މެންބަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަހުމަދު ސަމީރު ވިދާޅުވި ގޮތުގައި ނަޝީދުގެ އިގްތިސާދީ ޕެކޭޖަށް އޭރު ފާޑުކީ ލީޑަރުން އެކުލެވޭ ސަރުކާރުން އެ ޕެކޭޖަށް ތާއީދު ކުރުމުން ހައިރާންވެވަޑައިގަންނަވަ އެވެ.

"އެބޭފުޅުން މިހާރު އެ ނެގީ 'ޔޫ' ޓާންއެއް. ރާއްޖޭގެ އިގްތިސާދަށް ވިސްނާފައި އަޅުގަނޑުމެން އަމިއްލަޔަށް ހުށަހަޅާފައިވާ އެ ބިލްތަކަށް އަދި ނޫނެކޭ ނުބުނާނަން. ނަމަވެސް އެކަން އަޅުގަނޑުމެން ނިންމާނީ ޕާލަމެންޓްރީ ގްރޫޕުން ބިލްތަކަށް ވަކިވަކިން މަޝްވަރާގެ މޭޒުގައި އިށީންދެގެން ތިބެ،" ސަމީރު ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލީހަށް ވެއްދި ބިލްތަކުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބިލާއި ރަހުނުގެ ބިލާއި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ އިތުރުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލު ހިމެނެ އެވެ. އެ ބިލްތަކީ މުޅިން އަލަށް އިގްތިސާދުގެ ތެރެއަށް ވަދެގެންދާނެ ގާނޫނުތަކެވެ. އަދި ތަޅުމަށް ހުށަހަޅައި ވޯޓަށް އަހާ ހިސާބުގައި ދެ ތިން ބިލެއް އެބައޮތެވެ. އެއީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލާއި ޕާޓްނާޝިޕް ބިލާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނާއި މަޖިލީހުގެ މަރުހަލާ ކަޑައްތުކޮށް މަދު ދުވަސްކޮޅެއްގައި ތެރޭ ތަންފީޒުކޮށްފައިވާ ބިލެކެވެ. ނަމަވެސް ޓެކްސް ނެގުމުގެ އިދާރީ ގާނޫނާއި އިންޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ވެސް އެމްޑީޕީގެ އިގްތިސާދީ ޕެކޭޖުގެ ދަށުން އިސްލާހު ގެނެސްފައިވެ އެވެ.

ނަމަވެސް މިހާރު މަޖިލީހުގައިވާ ކުރީގެ ސަރުކާރުން ހުށަހެޅި ބިލުތައް ގާނޫނަށް ވެގެންދާނީ މަޖިލީހުގެ ގަވައިދަށް ގެންނަ އިސްލާހުތަކަށްފަހު އެވެ. އެއީ ރައިސް ވަހީދު ނިސްބަތްވާ ޕާޓީގެ މެންބަރަކު މަޖިލީހުގައި ނެތުމުގެ ސަބަބުން މަޖިލީހުގެ ގަވާއިދަށް ގެންނަ ތިން އިސްލާހެވެ. ކުރީގެ ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކަށް ހަދާނެ ގޮތަކާމެދު މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހެވެ.