"ހަޔާތުގައި އަހަރެމެންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ ވަގުތު އެބައޮތް ކަމަށް ހީކުރެވުމެވެ."

***

ކައިދަން ނުރުހުމުގެ ނަޒަރަކުން ބަލާލާފައި އެތެރެއަށް ވަންނަން ހިނގައިގަތުމާއެކު ބުރުޤާން ބުނެލި ޖުމްލައިން އެންމެން ސިއްސުވާލައިފިއެވެ.

"ހަގީގަތުގައި އެއީ ޖިންނިއެއް. އިންސި މަންމައެއް ހުރުމުން އިންސާނެއްގެ ގޮތުގައި ދުނިޔޭގައި ހުރެވެނީ...."

އެންމެންގެ މޫނުން ބިރުވެރި ކުލަވަރު ފެނުނެވެ. ހަޒަލްގެ މޫނުން އިތުރު ކުލަވަރެއް ނުފެނުނެވެ. އިސްޖަހައިލެވުނީ ކަންބޮޑުވުމާއެކުގައެވެ. ކައިދަންގެ ހަގީގަތް ކުރިއްސުރެ އެނގިފައިވާތީ އޭނައަށް ސިހުމެއް ނުލިބުނަސް ދެރަވެ ހާސްވާގޮތްވީ ކައިދަންއަށް ގެއްލުމެއް ލިބެން ނޭދޭތީއެވެ. ފަންޑިތަ ހަދާ ޖިންނިން އަންދާ ގެއްލުން ދިނުމަކީ އޭނަ އަޑުއަހާފައިވާ ވާހަކަތަކެވެ. ކައިދަން ރަހުމް ކުޑަވިޔަސް ރުޅިގަދަ މީހަކަށްވިޔަސް އިސްތަށްޓަކަށް ގެއްލުންވާންވެސް އޭނަ ނޭދެއެވެ. ހަޒަލްގެ ލޮލުން ކަރުނަ އައުމާއެކު ވަގުތުން ކައިދަންގެ ފަހަތުން ދެވުނެވެ. އޭރު ކައިދަންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރަންވީ ކަމަކާއިމެދު އޭނަ ޚިޔާލު ކުރަމުން ދިޔައެވެ.

"މާދަން ރޭ އަހަރެން އަންނާނަން. މިބުނާ އެއްޗެހި ހޯދާފައި ބަހައްޓާ. އެއްވެސް ކަމަކާއި ބިރުގަންނާނެކަމެއްނެތް. އެއްވެސް ކަހަލަ ގެއްލުމެއް އަނިޔާއެއް ނުދެވޭނެ.." ބުރުޤާން ކަޅުކުލައިގެ ދަބަސްތެރެއިން ނެގި ފެންފުޅިއަކުން އެންމެން ގަޔަށް ފެން ވިއްސާލައިފިއެވެ." ހަގީގަތުގައި މިގޭ ހުރިހާ ކުދިންގެ ފަރާތުން ބަދަލުހިފަން އުޅޭ ޖިންނިންތަކެއް މިގެއަށް ގަދަކޮށްލައިގެން މިއުޅެނީ. އެ މަރުވި ކުޑަކުއްޖާއަކީވެސް ޖިންނި ނަސްލުން އައިސްފައިވާ ކުއްޖެއް....."

ރޯޒަލީއަށް އަނގަމަތީގައި އަތް އެޅުނުއިރު އެމާއަށްވެސް ޚަލީސީގެ އަތަށް ބާރުކޮށްލެވުނެވެ. ހައިސަމްއާއި ރާހިލް އެކަކު އަނެކަކަށް ބަލާލިއެވެ.

"ހުއްޓާލާ.....ހުއްޓާލާ. މަގޭ ދަރިފުޅުގެ ވާހަކައޭ މިގޭގައި ހުރެ ތިދައްކަނީ..ސޫފީއަކީ ޖިންނި ކުއްޖެއް ނޫން. އެހެން ވިނަމަ އެދަރިފުޅު ކަނޑުގައި ޣަރަގުވެގެން މަރުވެެއެއް ނުދާނެ..."ހަޒަލް އަޑު އަހަން ހުރެފައި ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ."މުޅިންވެސް ދޮގު ވާހަކަތައް ހަދަހަދައިގެން ތި ދައްކަނީ. ކައިދަންއަކީވެސް އިންސާނެއް. ޖިންނިއެއްނޫން. ޖިންނިންނަށް އެހާ ނޯމަލްކޮށް އިންސާނުންގެ ތެރޭ އުޅެވެނީ ފިލްމާއި ވާހަކަތަކުގައި......................"

"ހަޒަލް އަދަބެއް ސަދަބެއްވެސް ނެތީތަ؟"ރޯޒަލީ ރުޅި އަންނަގޮތްވިއެވެ.

"ކައިދަން ޖެހޭނީ ރޯޒަލީ ދައްތަގެ ދަރިފުޅަށް އަޚުލާގު ކިޔަވާދޭން.. ޖިންނިއަކަށް ނޫނީ ތިކަހަލަ އަންހެންކުއްޖަކު މައިތިރިއެއް ނުކުރެވޭނެ........." ބުރުގާން ތެދުވުނުއިރު ތުންފަތުގައިވި ލާނެތް ހިނިތުންވުމާއެކު ލޯ ދިއްލުނުހެން ހީވިއެވެ. ހަޒަލްގެ ހިތުގައި ބިރުވެރިކަމާއެކު ޝައްކުތަކެއް ހިނގައިލިއެވެ. ފަންޑިތަވެރިއެއްގެ ސިފަޖެހިގެން އައިސްފާ މިއިނީ ކައިދަންގެ އެކުވެރިއެއްކަމަށް ނުވާނެހެއްޔެވެ؟ ހިންދިރުވާލާފައި އަނެއްފަރާތަށް އެނބުރުނުއިރު ކައިދަން ލޮލުގެ އިޝާރާތުން އެންގީ ގާތަށް އައުމަށެވެ.

"ހަޒަލް. އެއީ ފަންޑިތަވެރިއެއްނޫން. ރަވާން....."

"ކީއްކުރަން އެއައީ؟"

"އަސްލު ފަންޑިތަވެރިޔާ ޕެރެލައިޒްކޮށްފައި. އޭނަގެ ބާރުތައް ދައްކަން ފަހެއްނުޖެހޭނެ........."

"ކައިދަންއަށް އޭނަ ނުހުއްޓުވޭނެތަ؟"

"ފަންޑިތަވެރިންނަށް ނުހުއްޓުވިގެން އުޅޭއިރު މަށަށް އޮންނާނީ ކޮން ބާރެއްތަ؟ އަހަންނަކީ ޖިންނިއެކޯ އެކަމަކު ތެދަށް ބުނެފާނަން . އަހަންނަށް އިތުރު އެއްވެސް ބާރެއް ލިބިފައިވާކަމަކަށް އިހުސާސެއްނުވޭ. ކުރީ ދުވަހު ގަހުން ފުންމައިލީމާވެސް ތަންތަން މެށި ހެދުނު ހޭލިއިރު ނުރިއްސާ ކަށިކޮޅެއްނެތް. ތަނެއް ކަނޑައިގެން ދިޔައީމަ ލޭވެސް އަންނަނީނު. ރަވާންއަކީ އަހަރެންގެ އެއްމާބަނޑު ބޭބެ. އެކަމަކު އޭނައަށް ސިފަ ބަދަލުކުރުމުގެ ކުޅަދާނަކަން ލިބިފައިވޭ. އެހާ ބާރަށް ދަތުރުކުރެވޭ....." ކައިދަން ވާހަކަދައްކަމުންގޮސް ކޮޓަރިއަށް ވަނެވެ." އަހަންނަށް ނުވިސްނެނީ ރަވާންއާއި އަހަރެން އެކަކަށް މަންމަ ކިޔާ ސަބަބެއް. ޖިންނި ބައްޕައަކަށް ވީމަ އަހަންނަށް އެއްވެސް ބާރެއް ނުލިބުނު ސަބަބެއްވެސް އެނގެން ބޭނުން. ބައެއްފަހަރު ހިތަށް އަރަނީ ރަވާން ހަދަހަދައިގެން ކިޔާ އެއްޗެކޭ. މަންމަ ދުވަހަކުވެސް އެފަދަ ވާހަކައެއް ނުދައްކާ...ޖިންނި ކުއްޖެއް ލިބުނުނަމަ މަންމަވެސް ބިރުންވެސް އުޅޭނެއްނު.."

ކައިދަން މިހާ ތަފްސީލުކޮށް ކިޔާދިނުމުން ހަޒަލްއަށް ހައިރާންކަމެއް ލިބުނެވެ. ރަހުމްކުޑަގޮތަކަށް ސޫފީގެ ފުރާނަނެތް ހަށިގަނޑު ފެނުނު ޚަބަރު ދިން ކައިދަން މުޅިން ބަދަލުވެ ހިތާމަވެރި ސޫރައަކަށް ވެގެން މިހިރީ ހަޒަލްގެ ކުރިމަތީގައެވެ.

"ދޮރު ވައްޓައިލި ވަގުތު އަހަންނަށް ފެނުނީ ސުޕަމޭންއެއް. އާދައިގެ މީހަކަށް އެ ދޮރު ވައްޓައެއްނުލެވޭނެ.."

"އާނ....ހޫމް އެހެންވެދާނެ...ބޮލުގައި ރިއްސަން ފަށައިފި. ވާން އުޅޭގޮތަކާއިމެދު ބިރުގަނޭ.........."

"ކައިދަން މޫމިން ޖިންނިއަކަށް ވީއިރު ތި ރަވާންއަކީ ﷲއަށް ކާފަރުވެގަތް ޝައިތާނެއްތަ؟"

"ނޭގޭ...މިދަނީ ނަމާދަށް. ނަމާދުކުރުމުން ހިތްހަމަޖެހުން ލިބޭނީ. އަހަރެންގެ ދުޢާއަކީ އާއިލާގެ އެންމެނަށް ތެދުމަގު ދައްކަވާ އެކީގައި ޖަންނަތުގައި ލެއްވުން..."

"އާމީން.." ހަޒަލްއަށް މަޑުމަޑުން ބުނެވުނެވެ.

"ކައިދަން. މިރޭ ކޮޓަރީގައި މަޑުކޮށްދީފާނަން. ނަމާދުކުރަން؟ޕްލީޒް..." ހަޒަލްގެ ހިތް ބިރުގަންނަނީއެވެ. ރަވާން ފަންޑިތަވެރިއަކަށް ވެގެން މަންމައާއި އެންމެންގެ ބޮލަށް އެރިގެން ކޮށްފާނެކަމަކާއިމެދު ބިރު އެބަގަނެއެވެ. އޭނަ އެކަނި ސަލާމަތްވެގެން އެހެންމީހުން އިފުރީތެއްގެ ވަކިތަކުގެ ތެރެއަށް ލާފައި އަންނަހާ އަމިއްލަ އެދުން ބޮޑުމީހެއްހެއްޔެވެ؟ ހަޒަލް ދެރަވިއެވެ. އޭނަ އަވަސްވެގަތީ ބޭރަށް ދިޔުމަށެވެ. ރަވާންގެ އަމަލު ހުރިގޮތް ސިއްރުން ދެކެލަން އޭނަ ބޭނުންވިއެވެ.

ކައިދަން ނަމާދުކޮށް ނިމިގެން އަތް އުފުލާ ދުޢާކުރަމުން ދިޔައީ ދުނިޔެއިން އެންމެ ކަމަކަށް އެދިއެވެ. ތަކުރާރުކޮށް ކުރެވޭ ދުޢާއަކީ އެއީއެވެ. ފިރިހެނަކަށްވިޔަސް ހިތް ކުދިކުދިވެފައިވާކަން އެނގެނީ ކޯތާފަތްމަތިން ހިފެހެއްޓުމެއްނެތި ދެމެމުން ދިޔަ ކަރުނަތަކުންނެވެ.

***

ސިޓިންރޫމްގައި އެންމެން ތިއްބާ ކުއްލިއަކަށް ތޫފާނެއްފަދައިން ކެރިގަނޑުގައި އައި ވަޔާއެކު ދޮރުތައްވެސް ތެޅިގެން ދިޔައެވެ. އެއާއެކު ކަރަންޓްކެނޑި އަނދިރިކަމުގެ ތެރެއަށް ރޯޒްމެހެލްވެސް ގެނބުނެވެ. ބިރުން އިން އެމާ އަވަހަށް ފޯނުން އަލި ކުރަން އުޅުމުން ފޯނު އަތުން ދޫވެގެން ވެއްޓުނެވެ.

"އިހަށް އެއްވެސް ކުއްޖަކު ފޯނުން އަލިނުކުރާތި. އިތުރު ޖިންނިންތަކެއްގެ ހިލަން އެބަވޭ. އަނދިރީގައި ތިބުން ހަގީގަތުގައި ބޮޑަށް ރައްކާތެރީ.....އަހަރެން ހުއްޓާ ބިރުގަންނާނެކަމެއްނެތް އިނގޭ. އެންމެންނަށް ރައްކާތެރިކަން ލިބޭނެ..."

"ބުރުގާން. ބުނީމެއްނު ސޫފީއަކީވެސް ޖިންނިއެކޭ.. ކިހިނެއް ޔަގީންވީ؟"

"ކައިދަންއާއި ސޫފީ ޖިންނިންކަމުގެ ހެކި މަ ދައްކަންތަ؟" ކުއްލިއަކަށް ރަވާން ގެ ވާހަކަ ދެއްކުމުގައި ހުރި މާތްގޮތް ކެނޑުނެވެ.

ކުއްލިއަކަށް އައި ގަދަ ވަޔާއެކު ދޮރު އަޑާއަށް ހުޅުވުނެވެ. އެންމެނަށް އެދިމާލަށް ބަލައިލެވުނުއިރު އިންސާނެއް ކީއްކުރަން ދިރޭ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ފެންނަނީ ވަޔާއެކު ގަހުގެ ފަތްތަކާއި މާތައްވެސް ވަކިވެ އެކި ދިމާލަށް އުދުހެމުން ދިޔަ ތަނެވެ. ހަލުވިކަމާއެކު ދަތުރުކޮށްލި ހިޔަނިތައްވެސް ލޮލުގައި އަޅައިގަތުމުން ހިތްތަކަށް ބިރުވެރިކަން ވަނެވެ. ކުއްލިއަކަށް ދޮރު ބުޑުން ކުޑަކުއްޖެއްގެ ހުނުމުގެ އަޑާއެކު ފުންމައިގެން އައިސް ގޭތެރެއަށް ޖެހިގަތުމުން ހައިސަމް އަލިކޮށްލިއެވެ. ކޮފީ މޭޒުމައްޗަށް އަރާ އިނީ ސޫފީގެ ސިފައިގާ ހުރި ކުއްޖެކެވެ. މަރުވި ދުވަހު ލައިގެން ހުރި ހެދުން ކޮޅާއެކު ތެމިގެން ހުރުން ފިޔަވާ އިތުރު އެއްވެސް ބަދަލެއް އައިސްފައެއްނެތެވެ.

"ސުބުހާނަﷲ....ސޫފީ...."

"ތޭންކް ގޯޑް....ސޫފީ އައީ.........."

"أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ......." ރޯޒަލީއަށް ކިޔުނެވެ.

އެމާގެ ހިތްވެސް އޭގެ މަގާމު ދޫކޮށް އުދުހިގެން ދިޔަހެން ހީވި ވަގުތުކޮޅެކެވެ. މޭޒުމަތީގައި އެއިނީ އޭނަގެ ހިތެވެ. ފުރާނައެވެ. އޭނަގެ ލޯބިވާ ކުޑަ ކުޑަ ކޮއްކޮއެވެ. ކުރިއަށް ފިޔަވަޅެއް އެޅުނެވެ. މުޅި ގައިން ހީބިހި ނަގައިގަތީ އެއީ އިންސާނެއް ނޫންކަމާއި ޖިންނި ކުއްޖެއްކަން ޔަގީންވުމުންނެވެ. ސޫފީ ކަނޑަށް ޣަރަގު ވީ އޭނަގެ ލޮލުގެ ކުރިމަތީގައެވެ. އެހެންމީހުންނަށްވުރެ ބޮޑަށް ޚަލީސީ އާއި އޭނައަށް ސޫފީ ދުނިޔެއާއި ވަކިވެފައިވާކަން ޔަގީންވާނެއެވެ. ނަމަވެސް އެކުއްޖާ އެހެރީ ފެންނާށެވެ.

ހަޒަލްއަށް އޭނަގެ ދަރިފުޅު ފެނުމުން އުފަލުންގޮސް ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދުއްވައިގަނެވުނުގޮތަށް ސޫފީ އުރައިލެވުނެވެ. އެތަން މިތާ ބޮސްދީފައި ފިރުމާފައި އެއުޅުނުގޮތުން ލޯތަކަށް ކަރުނަ ނާންނަވަރެއްނޫނެވެ. ހަޒަލް އުޅުނުގޮތުން އެމާއާއި ޚަލީސީއަށްވެސް ރޮވުނީއެވެ.

"މަންމަގެ ފުރާނަ ކޮންތާކަށް ދިޔައީ؟ މަންމަ ދެރަވާނެވަރު ދަރިފުޅަށް ނޭގުނުތަ؟ މަންމަ މޮޔަނުވީ ކިރިޔާ. ޖިންނި ކުއްޖަކަށްވިޔަސް މަންމަ ހާދަ ލޯބިވެއޭ...މަންމަގެ ހިތް ހިފައިގެން ދަރިފުޅު ދިޔައީ. ބުނެބަލަ. މަންމަގެ ސޫފީ ކޮންތާކަށް ދިޔައީ؟"

"ރަވާން އަންކަލް......"

"ކީކޭ ދަރިފުޅު؟" ހަޒަލް ސިހުނެވެ.

"ސޫފީ ޓޭކް ފިޝް. ކްރެބީ....ލޮބްސްޓާ......" ސޫފީ ހުރީ އުފަލުންނެވެ." ސޫފީ ހެޕީ.............."

"ދަރިފުޅު މޫދަށް ވެއްޓުނީނު. ދެން ކީއްވެ ހެޕީވަނީ؟ މަންމަ ހީކުރީ ދަރިފުޅު ދުނިޔެއާއި ވަކިވީކަމަށް އެކަމަކު ޔޫ އާ ހިއަރ. މަންމަގެ ޕްރެޝަސް........." ހަޒަލް ސޫފީގެ ކޯތާފަތުގައި ފިރުމަމުން ރޮމުން ދިޔައެވެ. ބުރުގާން އެ މަންޒަރުތައް ދެކެން މޭގައި އަތް ހުރަސްކޮށްލައިގެން އިނދެފައި ފާޑަކަށް ހީލައިފިއެވެ." ހާދަ ވަރެއް ތިވަނީ. ގުޑްބައި ކިޔަން ތައްޔާރުވަނީ ދޯ..ހަޒަލް ތިހާ އުޅޭނެކަމެއްނެތް އިނގޭ. ސޫފީއާއި ކައިދަން އަކީ ހަޒަލްގެ ނަސްލުގެ ބަޔަކަށް ނުވާއިރު ތިވަރަށް ލޯބިވުމަކީ މޮޔަކަމެއް. އަމިއްލަ ނަފުސަށް ދެވޭ އަނިޔާއެއް. ސަބަބަކީ މިގެއާއި އާއިލާ ސަލާމަތްކުރެވެން އޮތީ ތި ޖިންނި އާއިލާ ނައްތާލައިގެން ކަމަށްވާތީއާއި އެކަމުގެ ތެރޭ ކައިދަންއާއި ދަރިފުޅުވެސް އަލިފާނުގައި އަނދައިގެން ދާނެތީ. އެހެންވީމަ ވަދާއުގެ ސަލާމްކޮށްލާ...."

ހަޒަލް ކަޅި އަޅައިގަތުމާއެކު ކުއްލިއަކަށް ގުދުވެ ދަގަނޑު ގަނޑެއް ނަގައިގެން ބުރުޤާންއާއި ދިމާލަށް މަޅައިގަތެވެ. އެހިސާބާއި އަރާ ހަމަވީއިރު ލޯމަތިން ބުރުގާން ގެއްލުނަސް އެހެން މީހަކަށް އެކަމެއް ރޭކާނުލީ ހައިސަމް އަތުގައި އޮތް ފޯނުވެސް އަތުން ދޫވާން އެނގުނީ އެސިކުންތުކޮޅުކަމުގައި ވުމުންނެވެ.

ކަރަންޓުގެ އަލިކަން އަނބުރާ އައިއިރު ބުރުޤާންގެ އެއްވެސް ހިލަމެއްނުވިއެވެ.

"ހަޒަލް ހާދަ ހަޑިކޮށް އުޅުނީ. މެހުމާނެއްގެ ގަޔަށް އަތްލާން އުޅުނީމަ އޭނަ ނުކުމެގެން ދިޔައީނު..." ރޯޒަލީ ތެދުވުނެވެ." އަހަރެން މިދަނީ ޚާތޫނު ގާތަށް ހޮސްޕިޓަލަށް........................."

ރަވާންމެންގެ ހަގީގަތް ކިޔާދޭން ބޭނުންވިޔަސް ހަޒަލް ޚިޔާރުކުރީ ހިމޭންކަމެވެ. ފަންޑިތަވެރިޔަކަށް ހެދި ބުރުޤާންގެ ނަމުގައި އައީ ރަވާން ކިޔާ ޖިންނި ނަސްލުގެ ޒުވާނެއްކަމަށް ބުނެފިއްޔާ މަންމަމެންނަށް ވާނެގޮތް ބަޔާން ކުރަން ދަތްޗެވެ.

***

ކައިދަންގެ ކަންފަތުގައި ދަރިފުޅުގެ އަޑު ޖެހުމާއެކު ވަގުތުން ތިރިވެވުނީ ޝުކުރުގެ ސަޖިދައަށެވެ. ދުޢާ އިޖާބާވާނެކަމަށް ގަބޫލުކުރިޔަސް އެއްލި ދުނިދަނޑިފަދައިން ޖެހިދާނެކަމަށް އޭނަވެސް ހިޔެއްނުކުރެއެވެ. ރަހުމާންވަންތަ ރަހީމްވަންތަ އިލާހު އޭނަގެ ހިތުގެ އަޑު އައްސަވައިފިއެވެ. ދުނިޔެއިން އޭނަ ބޭނުންވީ ސޫފީއެވެ. އޭނަގެ ދަރިފުޅެވެ. ކައިދަން ތެދުވެގެންގޮސް އަތް ދިއްކޮށްލުމާއެކު ސޫފީ އަޑުކޮޅަށް ޕާޕާ ކިޔަމުން ގޮސް ކަނދުރާގައި ބައްދައިގަތެވެ. ކައިދަންއަށް ދަރިފުޅު ގެނެސް މޭގައި ޖައްސާ ބާރުކޮށްލެވުނުގޮތަށް ދުރުވެސް ކޮށެއްނުލެވުނެވެ. ކަރުނަތައްވެސް ނުހިފެހެއްޓުނެވެ. ސޫފީގެ ކުޑަ ދެއަތުން ނިކަން ލޯބިން ކަރުނަތައް ފޮހެދިނެވެ. ކައިދަންގެ ކޮންމެ ލޮލެއްގައި ވަކިން ބޮސްދިނެވެ. ނުރޯށޭ ބުނާފަދަ ގޮތަކަށް މަޑުމަޑުން ބޯ ހޫރައިލުމުން ހަޒަލްވެސް ހައިރާންވިއެވެ. ކިތަންމެ ކުޑަވިޔަސް ބުއްދިވެރި ވިސްނުންތެރި ކުއްޖެކެވެ. ދެބަފައިންގެ ދެމެދުގައި އޮތް ލޯބި ފެނިފައި ހަޒަލްގެ ހިތް ބަންޑުންވިއެވެ.

***

ރޯޒަލީ އެމާ އާއި ޚަލީސީ ގެނެސްފައި އޭނަ ދައްކާ ވާހަކަތައް ތަރުޖަމާކޮށްދޭން އެދުނެވެ. މިގޭގައި ޖެހިގެން އުޅޭ ސުންޕާ ކަންތައްތައް ފިލާނީ ޚަލީސީމެންފަދަ މީހުންވެސް އެގެއިން ދިޔުމުންކަމަށާއި މިރެއަށްފަހު އެގޭގައި ޚަލީސީ އެގޭގައި ހުންނަން ރޯޒަލީގެ ހުއްދައެއްނެތްކަން އެންގިއެވެ. އެމާ ދެރަވިއެވެ. މަންމައަށް ވިސްނައިދޭން މަސައްކަތްކުރުމުން ރޯޒަލީ އަޑުލައިގަތުމުން އެމާވެސް ހިމޭންވިއެވެ. ދިފާއުގައި ބުނާނެ މާ ގިނަ އެއްޗެއްވެސް ނުވިސްނުނެވެ. ޚަލީސީ ކޮޓަރިއަށްވަދެ އޭނަގެ އެއްޗެހި ޕެކްކޮށްލުމަށްފަހު ދިޔުމުގެ ކުރިން ހައިސަމްގެ ގާތު ބުނަން ބޭނުންވިއެވެ. ހައިސަމްގެ ކޮޓަރި ތަޅުލާފައި ހުރުމުން މެސެޖެއްކޮށްލުމަށްފަހު ނިކުމެގެން ދިޔައީ ހަލާކުވެފައިވާ ހިތަކާއެކުގައެވެ. އޭނަ އެރޭ ގެސްޓްހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފިއެވެ.

އެކަނި އޮންނަންވުމުން ބިރުން ނުނިދިފައި އޮތްވާ ނިދީގެ އުނގުތެރެއިން ހިމާޔަތް ލިބުނެވެ. ހުވަފެނުގައި ފެނުނީ ލޯ ތަރަތަރަޖަހައިގެންދާވަރުގެ އަލި ކަމެކެވެ. ދޭތެރެއަކުން މުސްކުޅި މީހަކު ފެނުނެވެ. ހުދު ތުނބުޅިއެއްގެ އަހުލުވެރިއެކެވެ. މާތް ފާޑު ހުއްޓެވެ. އޭނަ ޚަލީސީއާއި މުޚާތަބު ކުރީ ދަރިފުޅު ކިޔައިގެންނެވެ. ތަފާތުު ހުވަފެންތަކުގައި އޮވެފައި ހޭލެވުނުތަނާ ކަންފަތުގައި ޖެހުނީ މީހަކު މަޑުމަޑުން އެއްޗެއް ބުނެލި އަޑެވެ."لا إلهَ إلاّ اللّهُ....."ދެތިން ފަހަރު ތަކުރާރުކޮށް ކަންފަތް ކައިރީ އެ ކަލިމަތައް ކިޔުމުން ގައިން ހީބިހި ނަގާގޮތްވިއެވެ. ބުނަން ނޭގޭފަދަ އަސަރުތަކެއް ހަށިގަނޑުގައި ހިގައިލިއެވެ. މުޅި ރޫހަށްވެސް އެނގުންވިއެވެ. ފުންމައިގެން ތެދުވެ ވަށައިގެން ހޯދައިލިއިރު އެ ފަނޑު އަލިކަމުގެ ތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ޚަލީސީ ތެދުވެ ހުރިހާ ތަނެއް ހޯދިއެވެ. ކައިރީގައި ހުރި މިސްކިތަކުން އަޒާންގެ އަޑު އިވެން ފެށުމުން ޚަލީސީ ބުދެއްފަދައިން ހިމޭނުން އިނދެ ކަނުލާ އަޑުއެހިއެވެ. ކިތަންމެ ފަހަރަކު ބަންގީގެ އަޑު އިވުނަސް މިފަހަރު ހީވީ އަލަށް އިވެމުން ދިޔަ އަޑެއް ހެންނެވެ. އަޖައިބެއްފަދަ އަސަރުތަކެއް ކުރުވާފަދަ ހިތްގައިމު ކަމެއް ހުއްޓެވެ. ޝަހާދަތުގެ ކަލިމައިގެ އަޑު ފަދައިން ބަންގީގެ އަޑުންވެސް ހިތަށް ގަނޑުފެން އެޅުމުންވާފަދަ އިހުސާސެއް ކުރެވިއްޖެއެވެ.

"ގޯޑް.....ގައިޑް މީ ޓު ދަ ޓްރޫ ޕާތް......" ޚަލީސީގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓިގެން އައެވެ.

***

ޚާތޫނުގެ ގާތަށް ސޫފީ ގެންދިޔުމުން މަރުވެފައިވާ ހިތަށް ދިރުމެއް ލިބުނުފަދައެވެ. ޚާތޫނު ސޫފީގެ އަތް ގެނެސް މޫނުގައި ޖައްސާލާފައި ހިނިތުންވެލިއެވެ. ސޫފީވެސް އޭނަގެ މޫދުގެ 'އެޑްވެންޗާ' ތުއްތު ބަހުރުވައިން މާމައަށް ކިޔައިދޭން މަސައްކަތްކުރަމުން ދިޔައެވެ. ޚާތޫނުގެ ހާލު މަޑުމަޑުން ދަށަށްދާންފެށިއެވެ. މެޝިނުން އެލާމް އަޅަންފެށުމުން ދެތިން ނަރުހުން ދުވެފައި އައިސް ވެގެން އުޅޭގޮތް ބަލައިލިއެވެ.

"އޮކްސިޖަން ޑްރޮޕްވާންފެށީ...."

ރޯޒަލީއާއި ހިލްމާ ލޯބޮޑުކޮށްގެން ބަލަން ތިއްބެވެ. ހިލްމާއަށް "ބިރު" އެއީ ކިހާވަރެއްގެ ނުބައި އިހުސާސެއްކަން ރޭކާލީ އެވަގުތުއެވެ.

***

"ރަވާން....ހާސް ފަހަރު ބުނެފީމެއްނު ހަޒަލްދެކެ ލޯތްބެއް ނުވެއޭ....."ކައިދަން ރުޅި އަންނަގޮތްވިއެވެ. އޭނަ އެކަނި ހުރެ ވާހަކަދައްކާތަން ބަލަން ދެތިން އަންހެންކުދިން ފާޑަކަށް ހިނިއައިސްފައި ތިއްބެވެ.

ނުނިމޭ