މި އަހަރު ބާއްވާ އެފް.އޭ.އެމުގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ތައްޔާރުވެއްޖެ އެވެ.

އިތުބާރުހުރި ގޮތަކަށް ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އިލްހާމާއެކު އެފް.އޭ.އެމުގެ ނާއިބް ރައީސްކަމަށް ކުރިމަތިލައްވަނީ ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ. ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މި ދެ ބޭފުޅުންނަށް އެހީތެރިވެދެއްވުމުގައި ވިލިފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ފީފާ ރެފްރީ ރިޔާޒު ރަޝީދު ވެސް މުހިންމު ރޯލެއް ކުޅުއްވަ އެވެ.

އެމްއީއެސްއިން ތައުލީމް ހާސިލްކުރެއްވުމަށްފަހު ކުރިން ޓީވީ މޯލްޑިވްސްގެ ވަރަށް މަގުބޫލު ޕްރޮގްރާމްތަކެއް އުފެއްދެވި އިލްހާމްގެ އިތުރުން ވިކްޓަރީގެ ޖާޒީގައި ފެނިފައިވާ ޖޭފޯ ވެސް މިކަމާބެހޭ ގޮތުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއްނުދައްކަވަ އެވެ.

ނަމަވެސް މި ދެ ބޭފުޅުން މިހާރު ވަނީ އިންތިހާބުގައި ވޯޓުލާ ގިނަ ކުލަބުތަކެއްގެ ތާއީދު ހޯއްދަވައި ވޯޓިން ރައިޓްސްވެސް ހޯއްދަވައިފަ އެވެ. ހާއްސަކޮށް ފުރަަތަމަ ޑިވިޝަނުގެ ވިކްޓަރީ އާއި ވީބީ އަދި އީގަލްސް އާއި ވިޔަންސާއަކީ މި ދެ ބޭފުޅުންނަށް ތާއީދުކުރައްވާ ކުލަބުތަކެވެ.

ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެފް.އޭއެމުގެ އިންތިހާބުގައި ވޯޓުލާނީ ޖުމުލަ 13 ކުލަބަކުންނެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ތިން ކުލަބަކާއި ތިން ވަނަ ޑިވިޝަނުގެ ދެ ކުލަބަކުންނެވެ. މީގެ ތެރެއިން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓުލާކުލަބުތައް ހޮވާނީ ކޮންމެ ޑިވިޝަނެއްގައި ހިމެނޭ ހުރިހާ ޓީމެއްގެ މެދުގައި ޕްރިލިމިނަރީ ވޯޓެއް ނަގައިގެންނެވެ. މި ދެ ޑިވިޝަނުން އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބޭނީ އެންމެ ގިނަ ވޯޓު ލިބޭ ޓީމުތަކަށެވެ.

ފުރަަތަމަ ފަހަރަށް ބޭއްވި އެފް.އޭ.އެމުގެ އިންތިހާބު ކުރީގެ ޗެއާމަން އަދި ގައުމީ ކެޕްޓަން މުހައްމަދު ކަލީމާ ވާދަކުރައްވައި ވަރަށް ތަނަވަސް އައުލަބިއްޔަތަކުން ކާމިޔާބު ކުރައްވައި ރައީސް ކަމުގައި މިހާރު ހުންނެވީ ނިއުރޭޑިއަންޓްގެ ކުރީގެ ކުޅުންތެރިޔާ އަލީ އާޒިމެވެ. އޭނާ އަކީ ނިއުރޭޑިއަންޓް ހިންގެވުމުގައ ގިނަ ދުވަސްތަކެއް ހޭދަކުރައްވައި އެކުލަބުގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރެވެ. މީގެ އިތުރުން ޕީޕީއެމާ ވާދަވެރި ޑީއާރްޕީގެ އިސްމެމްބަރެއްކަމަށްވާ އާޒިމަކީ އެންމެ ފަހުން އިންތިހާބުކުރި އޭ.އެފްސީގެ ހިންގާ ކޮމިޓީގެ މެމްބަރެއްްވެސްމެ އެވެ.
އާޒިމް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާާއިރު އޭނާގެ ނާއިބަކަށް ހުންނެވި ވެލެންސިއާގެ ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވައިފަ އެވެ.

ނަމަވެސް ސަން އަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އާޒިމް އާއި އިލްހާމަށް ފުރަަތަމަ ޑިވިޝަނުގެ ޓީމުތައް ވަނީ ހަމަހަމައަށް ބެހިފަ އެވެ.