02 Oct 2022, 22:44
ރާއްޖޭގެ ވައިގެ ބަނދަރުތައް ތަރައްގީވެ، ސީޕްލޭންގެ ވިއުގަ ފުޅާވެ، އާރުޓީއެލް ފެރީތަކުން ރަށްތައް ގެތިގެންދިއުމުން ތުރާކުނުން އައްޑޫއަށް ފަތުރުވެރިކަމުގެ މަންފާ ނުކުރާ ރަށެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފަތުރާލުމަށް އެންމެ މުހިންމީ ދަތުރު ފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމްކުރުންކަމަށެވެ.
އެހެންކަމުން ސަރުކާރުން މިހާރު ދަނީ ހަނިމާދޫ އެއާޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންކަމަށާއި، އައްޑޫ އެއާޕޯޓުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20-30 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން. ވައިގެ ބަނދަރުތައް ތަރައްގީވެ ސީޕްލޭންގެ ވިއުގަ ފުޅާވެ އާރުޓީއެލް ފެރީތަކުންމި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށްވުރެ މާ ފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފަ،" ރައީސް ވިދާޅުވިއެވެ.
"އެހާރުން، ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެންމެ ރަށެއް ވެސް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، ދެ ޔޮޓް މެރީނާއާއި، 13 ޓޫރިސްޓް ހޮޓަލާއި، 721 ގެސްޓް ހައުސް ހިންގަމުން ދާކަމަށެވެ. އޭގެއިތުރުން ހޯމްސްޓޭ ހަތަރު ގެސްޓް ހައުސްއާއި، 147 ޓޫރިސްޓް އުޅަނދު މިވަގުތު ރާއްޖޭގައި ހިންގަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.
"އެނދުގެ އަދަދަށް ބަލާއިރު އެއީ 57436 އެނދު. މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ގެސްޓްހައުސްތައް އެބަ ހިންގާ. އިތުރު ރަށްރަށުގައި ވެސް އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް އެއަންނަނީ ތައްޔާރުވަމުން،" ރައީސް ވިދަޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ކާމިޔާބީ ފާހަގަކުރާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމާއި ގެއްލުން ވެސް ހަނދާނުގައި އެބަހުރިކަމަށެވެ.
"ތަރައްޤީއަށްޓަކައި ކުރަން ރާވާފައި ހުރި އެތައް ކަމެއް މަޑުޖައްސައިލަން ޖެހުނު. ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ރާއްޖޭގެ ރިސޯޓްތައް. ގިނަ ޤައުމުތަކެއްގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން، އެތައް މަހަކަށް ރާއްޖޭގެ ބޯޑަރުތަކާއި ރިސޯޓްތައް ވެސް ބަންދުކުރަން ޖެހުނު،" ރައީސް ވިދާޅުވިއެވެ.
އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ފެށުނު ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ އަސަރު ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިކަމަށް ރައީސް ވިދާޅުވިއެވެ.
ރަައީސް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރު ވެސް ތަރައްޤީނުކުރެވި އޮތް އޮތުންކަމަށެވެ. އެއީ، ދުރު ރާސްތާގެ ރޭވުމެއް ނެތި، ދޫކޮށްފައި ހުރި ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ.
"ޚާއްޞަކޮށް އެމްއެމްޕީއާރްސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލި އިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭކަމަށެވެ. އަދި އެތަންތަނުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް މިހާރު ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން "މޯލްޑިވްސް ޓުއަރިޒަމް އެވޯރޑްސް"ގެ ނަމުގައި މިރޭ ވަނީ ދާއިރާއަށް ޚިދުމަތްކޮށްދެއްވި ޚިދުމަތްތެރީންނަށް އެވޯޑު ދެއްވާފައެވެ. ރައީސް ވިދާޅުވީ އެވޯޑަކުން އެބޭފުޅުންގެ އަގު ވަޒަން ނުކުރެވޭނެކަމަށެވެ.
އެބޭފުޅުންނަކީ ރާއްޖޭގައި މުޅިން އާ ސިނާއަތެއް އުފަންކުރެއްވި ބައެއްކަމަށް ރައީސް ވިދާޅުވިއެވެ.
"ވަކިން ޚާއްޞަކޮށް، ރާއްޖޭގައި އެއްގޮތަކަށްވެސް ނެތް މުޅިން އައު ޞިނާޢަތެއް ރާއްޖޭގައި އުފަންކުރެއްވި ބޭފުޅުން، އެކަމަށްޓަކައި އުފުއްލެވި ތަކުލީފާއި، ގިރާކުރެއްވި ހުރަސްތައް އަޅުގަނޑުމެންގެ ޚިޔާލަށް ވެސް ނުގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭ މިއަދު މުޅި ދުނިޔެއަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށްވީ އެބޭފުޅުންގެ ހިއްވަރާއި މިންނެއް މަސައްކަތުގެ ސަބަބުންކަމަށެވެ.
"ފަން ޖިފުޓިތަކާއި ދަނޑިފަންގެތަކުން ބޯހިޔާކުރި ދިވެހިން، އުސް އިމާރާތްތަކާއި ޒަމާނީ ގެތަކަށް ވައްދަވައިދެއްވީ ތިޔަ ބޭފުޅުން. މާ ބޮޑު ތަނަވަސްކަމެއް އޭރު ނެތް ދިވެހިންނަށް، ކޮންމެ މުނާސަބަތަކަށް ކަލަކޯޑުން ހެދުން އެޅުމުގެ ތަނަވަސްކަން ހޯއްދަވައިދެއްވީ ތިޔަ ބޭފުޅުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖެއަށް މިފަދަ ސިނާއަތެއް އުފަންކޮށްދެއްވީތީ މިހާރުގެ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށާއި، މުޙައްމަދު ޢުމަރު މަނިކު އަދި ޗަމްޕާ ޙުސައިން ޢަފީފަށް ޝުކުރު ދަންނަވާފައެވެ.