02 Apr 2012, 22:58
ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަންނަ މޭ މަހު އިންޑިޔާ އަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ނޫސްކޮންފަރެންސެއްގައި ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ރައީސް ޑރ. ވަހީދު އިންޑިޔާ އަށް ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ވިދާޅުވެވެން ނެތްކަމަށާއި ނަމަވެސް އެމަނިކުފާނު އިންޑިޔާ އަށް ދަތުރުކުރައް ވަނީ އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ.
ރައީސް ޑރ. ވަހީދު ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރުި ފޮރިން މިނިސްޓަރު ޑރ. އަބުދުއްސަމަދު އަބުދުﷲ މިހާރު ވަޑައިގެން އުޅުއްވަނީ އިންޑިޔާގަ އެވެ.
ދުންޔާ ވިދާޅުވީ ޑރ. ސަމަދުގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ މެދު އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާ އެކު މަޝްވަރާތައް ކުރެއްވުމާއި ވެރިކަން ބަދަލުވި ގޮތާއި އޭގެ ފަހުން ރާއްޖޭގައި ހިނގައި ދިޔަ ސިޔާސީ ހަމަނުޖެހުންތަކާ މެދު އިންޑިޔާ ސަރުކާރުން އޮޅުން ފިލުވަން ބޭނުންވާ ކަމެއް އޮތް ނަމަ އޮޅުން ފިލުވައި ދެއްވުން ކަމަށެވެ.
ރައީސް ވަހީދު އިންޑިޔާ އަށް ދަތުރުފުޅެއް ކުރައްވާނެކަން ސަރުކާރުން އިއުލާންކޮށްފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މި މަހުގެ ތެރޭގައި އިންޑިޔާ އަށް ވަޑައިގެން އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާ އެކު ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވެސް ވަނީ ވިދާޅުވެފަ އެވެ.
ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އޮޅުން ބޮޅުން ބޮޑު ގޮތަކަށް ރާއްޖޭގެ ވެރިކަން ބަދަލުވުމާ އެކު ރައީސް ޑރ. ވަހީދުގެ ސަރުކާރު އެންމެ ފުރަތަމަ ބަލައިގަތް ގައުމަކީ އިންޑިޔާ އެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން އޭރު އުފެދިފައި އޮތް ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަށް އިންޑިޔާ އިން މެދުވެރިއެއްގެ ރޯލު އަދާކުރި އެވެ.