02 Apr 2012, 22:52
ކުރީގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ މަތިބަރު ނުވާ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
ދި ޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ މަގާމްތަކާ އަޅާބަލާ އިރު މިހާރުގެ ސަރުކާރުގެ މަތިބަރު ކަމަށް ފާހަގަ ނުކުރެވޭ ކަމަށާއި އެފަދަ ގޮތަކަށް މަތިބަރު ކަމަށް ބައެއް ފަރާތްތަކަށް ސިފަކުރެވިގެން ދިޔައީ އެއްފަހަރާ ބައެއް މިނިސްޓްރީތަކަށް ބޭފުޅުން ހަމަޖެއްސެވުމާ ގުޅިގެން ކަމަށެވެ.
"މިހާރުގެ ސަރުކާރުން ދެއްވި މަގާމުތައް އެއްފަހަރާ ދެއްވުމުން ގިނަ ބަޔަކަށް މަގާމުތައް ދެއްވި ތަން ފެނިވަޑައިގެން ދިޔައީ. ނަމަވެސް މިއީ ކުރިން ހުރި އަދަދުތަކަށް ބަލާފައި އެކަށީގެންވާ އަދަދެއް އުނިކޮށްފައި ހަމަޖައްސާފައި ހުރި މަގާމުތަކެއް. ސަރުކާރުގެ މަތިބަރުވުން ނުވަތަ ލުއިވުން ބިނާފައި ވަނީ މިނސްޓްރީތައް އުފެއްދުމުގެ މައްޗަކަށް ނޫން،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވި މިދިޔަ ސަރުކާރުން މިނިސްޓްރީތަކުގެ އަދަދަތައް މަދުކުރެއްވުމަށް ފަހު ސްޓޭޓް މިނިސްޓަރުންނާއި އެފަދަ އެތައް މަގާމުތަކެއް އެތައް ގުނައަކަށް އިތުރު ކުރައްވާފައިވާ ކަމަށާއި މިހާރުގެ ސަރުކާރުން އިތުރު މިނިސްޓްރީތައް އަލަށް އުފެއްދި ނަމަވެސް ސްޓޭޓް މިނިސްޓަރުންނާއި އެފަދަ މަގާމުތަކަށް އައްޔަން ކުރާ އަދަދު ކުރީގެ ސަރުކާރުން އައްޔަން ކުރެއްވި އަދަދަށް ވުރެ އެތައް ގުނައެއް މަދުވާނެ ކަމަށް ވިދާޅުވި އެވެ.
"ކުރީގެ ސަރުކާރާ އަޅާބަލާ އިރު މިހާރުގެ ސަރުކާރަކީ މަތިބަރު ސަރުކާރެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން އަދި އެހެން ވެގެން ދާނެކަމަށް ވެސް ގަބޫލެއް ނުކުރަން. އަދި އެގޮތަށް އެކަން ވެގެން ދާކަށް[މަތިބަރުވެގެން ދާކަށް] އަޅުގަނޑު ތާއީދެއް ވެސް ނުކުރާނަން،" ތަސްމީން ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ މިނިސްޓްރީއެއް ސަރުކާރުން އުފައްދަން މަސައްކަތް ކުރާ ދަނޑިވަޅެއްގައި އެކަމަށް އަލި އަލުވާޅައި ތަސްމީން ވިދާޅުވީ އަލުން އުފައްދާ މިނިސްޓްރީގެ މަގުސަދަކަށް ވާނީ ސަރުކާރުން ބޭނުންވާ ހިއުމަންރައިޓްސް އާ ގުޅޭ ކަންކަން ކޯޑިނޭޓް ކުރުން ކަމަށާއި އެކަމާ ގުޅޭ ވަކި މިނިސްޓްރިއެއް ހެދުމުން ހިއުމަން ރައިޓުސް ކޮމިޝަނުން ކުރާ މަސައްކަތާއި އަލަށް ހަދާ މިނިސްޓްރީއާ ދެމެދު ފުށުއެރުން އޮންނާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.