02 Oct 2022, 15:55
ކޮންމެ މަގެއްގައި ގަސް އިންދިޔަސް، އިންދަން ވާނީ ރޯޑްސައިޑަށް ޚާއްސަކޮށްގެން ޑިޒައިން ކުރެވިފައިވާ ގަސް ކަމަށް އެންވައިރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ޒާހިރު (މީމު ޒަވިޔަނި) މިއަދު ވިދާޅުވެއްޖެއެެވެ.
'ސަން'އާ ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ ރޯޑް ސައިޑުގައި ގަސް އިންދުމަކީ ވަކި ހުނަރެއް، ވަކި ފަންނެއް ކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުތަކުގައި އިންދާ ގަސްތަކަކީ އެކަމަށްޓަކައި ނާސަރީތައް ހަދައިގެން ވަކި ގޮތަކަށް ޑިޒައިން ކޮށްފައިވާ ގަސް ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.
"އަމީނީ މަގުގައި ހުރި ގަސްތަކަކީ ވެސް ބޭނުންތެރި ގަސްތަކެއް. ނަމަވެސް އަމީނީ މަގުގައި އިންދާފަ ހުރި ގަސްތަކަކީ ރޯޑްސައިޑަށް ޑިޒައިން ކޮށްގެން ހައްދާފައިވާ ގަސްތަކެއްތޯ ބަލަންޖެހޭ،" ޒާހިރު ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ ގަހުގެ ވަކި ބާވަތަކަށް ބެލުމެއް ނެތި މަގުތަކުގައި ގަސް އިންދައިގެން ނުވާނެ ކަމަށެވެ. މާލޭގެ ހުރިހާ ތަނެއްގައި ވެސް އިންދާފައި ވަނީ މަގުތަކަށް ޚާއްސަކޮށް ޑިޒައިން ކޮށްފައިވާ ގަސްތަކެއް ނޫންކަން ޒާހިރު ފާހަގަކުރެއްވިއެވެ.
އަމީނީ މަގު ހެދުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސިވިލް ކޯޓަށް ވެސް މިހާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

އަމީނީމަގުގައި ހުރި ގަހެއްގެ ގޮފިތައް ކަނޑަނީ --- ފޮޓޯ/ ލަވޭރާ ޕިއްޒާ
އެކަމަށް ރައްދުދެއްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ މަޝްރޫއު ފެށުމުގެ ކުރިން 100 އަށްވުރެ ގިނަ ފަރާތްތަކުގެ ލަފާ ހޯއްދެވި ކަމަށެވެ. އޭނާ ވިދާޅުވީ ގޯހުން ކަމެއްދާ ނަމަ ކަމާ ގުޅޭ މުއައްސާސަތުން އެކަމެއް ފާހަގަކުރާނެ ކަމަށެވެ.
މޫކޭ ވިދާޅުވީ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު އެ މަގުގައި ރީތި، ބޮޑެތި އަދި ރައްކާތެރި ގަސްތަކެއް ހުންނާނެ ކަމަށެވެ.
"ހިޔާ ދޭ ބޮޑެތި ގަސް އެ މަގުގައި ހުންނާނެ. އެކަމަކު މިހާރަށް ވުރެ ތަރުތީބުން ވީލްޗެއާއަށް ވެސް އެކްސެސް ލިބޭ ގޮތަށް ދުއްވާ މީހުންނަށް ވެސް އުނދަގޫ ނުވާ ގޮތަށް. އަދި ކައިރި ސަރަހައްދުގެ ގޭގެއަށް ވެސް މޫތަކުގެ އުނދަގޫނުވާ ގޮތަށް މިހާރު މިއަޅާ ނެޓްވޯކަށް ވެސް ގެއްލުން ނުވާ ކަހަލަ ގަސް އަޅުގަނޑުމެން ޖަހާނީ," ސަންއާ ވާހަކަ ދައްކަމުން މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މަގު ހަދާ ނިމުމަށްފަހު އަހަރެއް ވަންދެން މަގާއި ގަސްތައް އެ ކުންފުނިން ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.