02 Apr 2012, 22:09
އެމްޑީޕީގެ ލީޑަޝިޕާ މެދު އިތުބާރު އޮތްތޯ ބެލުމަށް މާދަމާ އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރަން އެ ޕާޓީގެ ބައެއް މެމްބަރުން އެދިއްޖެ އެވެ.
ނަން ހާމަ ނުކުރައްވައި ވާހަކަ ދެއްކެވި އެމްޑީޕީގެ އިސް ބޭފުޅަކު ސަންއަށް ކަށަވަރުކޮށްދެއްވި ގޮތުގައި އެމްޑީޕީގެ ރައީސް ޑރ. އިބުރާހިމް ދީދީ އާއި ނައިބު ރައީސް އަލްހާން ފަހުމީ އާއި ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގައި ދިނުން އެދި އެ ޕާޓީގެ އޮފީހަށް ވަނީ ގަރާރެއް ހުށައަޅައިފަ އެވެ.
ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ވެސް ވަނީ ހުށައަޅައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށައަޅާފައި ވަނީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު އަދި އެންސްޕާގެ ކުރީގެ ޗެއާމަން އިބުރާހިމް ވަހީދު އެވެ.
މާދަމާ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހުށައަޅާފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި އެ ޕާޓީގެ ޗެއާޕާސަންއެއް ހޮވުމަށް ހުޅުވާލުމާއި އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިހާބެއްގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމުގެ ޕްރައިމަރީ އަލުން ހުޅުވާލުމުގެ މައްސަލަ ހިމެނެ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކީ ޕާޓީގެ އިސް ލީޑަރެވެ. ނަމަވެސް ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ ނަޝީދަކީ ޕާޓީގެ އިސް ލީޑަރު ކަމަށެވެ.
"ޕާޓީ ވެރިކަމުގައި ނޯންނަ ހިނދެއްގައި ނަމަ ޕާޓީގެ ރައީސް ޕާޓީގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނާނީ. ޕާޓީ ވެރިކަމުގައި ނޯންނަ ހިނދެއްގައި ޕާޓީގެ ރައީސް ޕާޓީގެ ކެބިނެޓެއް އެކުލަވާލަން ޖެހޭނޭ ކަމަށް ޕާޓީގެ އަސާސީ ގާވާއިދުގައި އޮންނަ އިރު އެކަން ކުރައްވަން އަޅުގަނޑު އުޅުމުން ބައެއް ބޭފުޅުން ހިތްޕުޅާ ހަމަ ނުޖެހިގެން އުޅުއްވާ ކަމަށް ވަނީ،" ޑީޑީ މިދިޔަ ހަފުތާގައި ސަންް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.