އިންޑޮނޭޝިއާގެ އިރުމަތީ ޖާވާގެ މަލާންގުގައި ރޭ އޮތް ފުޓުބޯޅަ މެޗެއްގައި ކުޅި ބަލަން ވަދެ ތިބި ސްޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 127އަށް ވުރެ ގިނަ މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

އެ ހަމަނުޖެހުން ހިނގީ އިންޑޮނޭޝިއާގެ އެންމެ ވާދަވެރި ފުޓްބޯޅަ ޓީމުތައް ކަމަށްވާ އަރީމާ އެފްސީ އާއި ޕަރްސެބަޔާ ސުރަބަޔާ ރޭ އަރީމާގެ ދަނޑުގައި ކުޅުނު މެޗުގެ ތެރެއިންނެވެ. އެގޮތުން އެ މެޗުން އަރީމާ އެފްސީ 3 - 2އިން ބަލިވުމުން، ދަނޑުގައި ތިބި އެޓީމުގެ ސަޕޯޓަރުން ދަނޑަށް އަރާ ހަމަނުޖެހުން ހިންގީކަމަށް ޚަބަރުތައް ބުނެއެވެ.

އެ މެޗުގައި ހަމަނުޖެހުން ހިނގީ ދެ ޓީމުގެ ތެރެއިން އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ޓީމު ބަލިވުމުން -- ފޮޓޯ/ އޭޕީ

އެ ހާދިސާއާ ބެހޭ ގޮތުން އިރުމަތީ ޖާވާގެ ފުލުހުންގެ ވެރިޔާ ނިކޯ އަފިންތާ ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ދަނޑަށް އެހާ ބައިވަރު މީހުން އެރުމުން ފުލުހުން ކަރުނަ ގޭސް ބޭނުން ކުރީކަމަށެވެ. އަދި ފުލުހުންނަށް ފިލަން ދުވި މީހުން ވެއްޓި ނޭވާ ހާސްވެގެން ގިނަ ބަޔަކު މަރުވިކަމަށް އޭނާ ވިދާޅުވިއެވެ.

މަރުވި 127 މީހުންގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނެއެވެ. އަދި އެކިވަރުގެ އަނިޔާ ލިބިފައިވާ 200އެއްހާ މީހުން ސްޓޭޑިއަމް ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންދިޔައެވެ.

ފުލުހުން ބުނާގޮތުގައި އެ ހަމަނުޖެހުން ފެށީ އަރީމާގެ ސަޕޯޓަރުންނެވެ. އަދި ރޭގެ މެޗު ބަލަން އަރީމާ ސްޓޭޑިމް އޮތީ ފުރިފައި ކަމަށާއި 42،500 މީހުންގެ ޖާގައިގެ ސްޓޭޑިއަމް ކަމަށް ފުލުހުން ބުންޏެވެ.

އިންޑޮނޭޝިއާގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ އަރީމާ އެފްސީއަށް ކުރިއަށް އޮތް ސީޒަނުގެ އެއްވެސް މެޗެއްގައި ދެން ނުކުޅެވޭނެ ކަމަށް ބުނެފައެވެ. އަދި އެ އިދާރާގެ ފަރާތުން އެ ހާދިސާ ތަހުގީގު ކުރަން ހާއްސަ ޓީމެއް ފޮނުވާނެ ކަމަށް ބަޔާނުގައިވެއެވެ.

ދަނޑަށް އެރި މީހުން ހުއްޓުވަން ފުލުހުން އަމަލުކުރީ މާ އަނިޔާވެރިކޮށް ކަމަށް ބައެއް މީހުން ބުނޭ --- ފޮޓޯ/ އޭޕީ

އެ ހާދިސާގައި ދަނޑަށް އެރި މީހުން މައިތިރިކުރަން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ބުނެ ބައެއް މީހުން ވަނީ ފާޑު ކިޔާފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން, ފުލުހުންގެ މަސައްކަތްތައް މޮނިޓާ ކުރާ އެންޖީއޯއެއް ކަމަށްވާ އިންޑޮނޭޝިއަން ޕޮލިސް ވޮޗް (އައިޕީޑަބްލިޔު)އިން ވަނީ ގޮވާލާފައެވެ.