މޮސްކޯ (އެޕްރީލް 2): ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި މީހުންގެ ތެރެއިން 31 މީހަކު މަރުވެއްޖެވެ.

ރަޝިޔާގެ އިމަރޖެންސީ ކަންތައްތަކާ ބެހޭ މިނިސްޓްރީ އިން ބުނީ ޔޫރަޕްގައި އުފައްދާ އައިޓީއާރު 72 މަރުކާގެ މިބޯޓު ވެއްޓިފައި ވަނީ ސައިބީރިޔާގެ ތިޔޮމިން ސަރަޙައްދަށް ކަމުގަ އެވެ. މިއީ މޮސްކޯގެ އިރުން 2100 ކިލޯ މީޓަރު ދުރުގައިވާ ހިސާބެކެވެ. ރަޝިޔާގެ އިމަރޖެންސީ މިނިސްޓްރީގެ ތަރްޖަމާނަކު ވިދާޅުވި ގޮތުގައި މިބޯޓު ވެއްޓުނީ ސައިބީރިޔާގެ ރޮސްތެޝީނޯ އެއަރޕޯޓުން ފުރައިގެން ސިރްގޫތަށް ދަތުރުކުރަނިކޮށެވެ.

ބޯޓު ވެއްޓުނު ކަމަށް ބެލެވެނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި ވެއްޓިފައިވާ ބޯޓުގެ ބައިތައް ފެނުނީ އެބޯޓު ނައްޓާލި އެއަރޕޯޓާ 40 ކިލޯމީޓަރު ދުރުން ކަމުގަ އެވެ. ދެއިންޖީނު ހުންނަ 74 ފަސިންޖަރުންގެ ޖާގައިގެ މިބޯޓުން ދަތުރުކުރީ 39 ފަސިިންޖަރުންނާއި ހަތަރު ފަޅުވެރިން ކަމަށް ޚަބަރު ލިބެ އެވެ. މިބޯޓު ވެއްޓުމުގެ ޙާދިސާގައި މަރުވިކަން ކަށަވަރުވެފައި ވަނީ 31 މީހުންނެވެ. ސަލާމަތްވެފައި ވަނީ 12 މީހުންނެވެ. ދެ މީހަކު ވަނީ ގެއްލިފަ އެވެ.
މިދިޔަ ސެޕްޓެމްބަރުގައި ވެސް ރަޝިޔާގެ މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި 44 މީހަކު މަރުވެފައިވެ އެވެ. (ރޮއިޓާސް)