01 Oct 2022, 22:09
ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ދާނީ ވަރުގަދަ ވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 73 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ޗައިނާގެ ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ ލީ ކީކްޔާން އަދި ރައީސް ޝީ ޖިންޕިންއަށް ފޮނުއްވެވި މެސެޖެއްގައި ރައީސް ޞާލިޙު ވަނީ، ރާއްޖެއާއި ޗައިނާއާ ދެ ގައުމުން ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިއުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.
ޗައިނާގެ ރައީސްއަށް ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައިވަނީ ފާހަގަކުރަމުންދާ ޗައިނާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައްޔިތުން ގުޅިގެން ޤައުމަށް ތަރައްޤީ ގެނައުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނޭކަމަށް އުއްމީދުކުރައްވާކަމަށެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަސް ޗައިނާގައި ފާހަގަކުރަނީ ޗައިނާގެ މިނިވަން ދުވަހުގެ ގޮތުގައެވެ. އެއީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ހިސާބުން ފެށިގެންނެވެ.
ރާއްޖެ އާއި ޗައިނާގެ ގުޅުން ކުރިއަށްއޮތްތަނުގައި ވަރުގަދަ ވެގެންދާނޭކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާއިރު، އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން ވަނީ ގޯސްވެފައެވެ.