އިސްތަންބޫލް (މާޗް 2): މިސްރުގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައްދާ ގޮތް ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެވެ.

ތުރުކީގެ އިސްތަންބޫލްގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ މިސްރުގެ ވެރިކަން ޑިމޮކްރަސީ އަކަށް ބަދަލުވަމުންދާ ދިޔުން ވަރަށް ގާތުން އެމެރިކާ ބަލާނެ ކަމުގަ އެވެ. މިސްރުގެ ބައިމަދު ނަސާރާ ޤިބްތީންނާއި އެނޫން ވެސް ބައިމަދު ދީނީ ޖަމާއަތްތަކާ އަދި އަންހެނުންގެ ޙައްޤުތަކާ މެދު މިސްރުން ގެންގުޅޭނެ ސިޔާސަތުތައް ސާފުވުން އެމެރިކާ އަށް މުހިއްމު ކަމަށް ހިލަރީ ވިދާޅުވި އެވެ.

ޑިމޮކްރަސީގެ މާނައަކީ މިތަފާތުތައް ނައްތާލުން ކަމަށާއި ޑިމޮކްރެޓިކް މިސްރުން މިފަދަ ތަފާތުކުރުންތައް ނުފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ހިލަރީ ވިދާޅުވި އެވެ. ހިލަރީ މިމޭރުމުން ވާހަކަ ދެއްކެވީ މިސްރުގެ ވެރިކަމަށް އިސްލާމީ ޚިޔާލުގެ ބޭފުޅެއް ކަމަށްވާ ޚީރަތުއްޝާތިރު ކުރިމަތިލައްވާފައި ވަނިކޮށެވެ.

ޚީރަތުއްޝާތިރަކީ މިސްރުގެ އިސްލާމީ ޚިޔާލުގެ ޖަމާއަތެއް ކަމަށްވާ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ މުރްޝިދު ޢާންމުކަން ކުރައްވާފައިވާ އިސްލާމީ ސިޔާސީ ފިކުރުގެ ތަޖްރިބާކާރެކެވެ. އިންޖިނޭރިންގެ ދާއިރާއިން މަތީ ތަޢްލީމް ޙާސިލްކުރައްވާފައިވާ ޚީރަތުއްޝާތިރު މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވީ އިޚްވާން ޖަމާޢަތުގެ ސިޔާސީ ޕާޓީ ކަމަށްވާ ފްރީޑަމް އެންމެ ޖަސްޓިސް ޕާޓީގެ ފަރާތުންނެވެ.

އިސްރާއީލު ވަނީ ޚީރަތުއްޝާތިރު މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވުމުން ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ނަން ހާމަކުރަންނޭދޭ އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވީ މިސްރުގެ ރިޔާސަތަށް އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ކެންޑިޑޭޓަކު ކުރިމަތިލުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އިޚްވާނުންނަކީ އިސްރާއީލާ ރަހްމަތްތެރި ބައެއް ނޫން ކަމުގަ އެވެ. އަދި އެ ޖަމާއަތާއި އެޖަމާއަތަށް ނިސްބަތްވާ ފަރާތްތަކުން އިސްރާއީލަށް ހެޔޮނޭދޭ ކަމަށް ވެސް އިސްރާއީލުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

އިޚްވާނުން ވަނީ މިސްރާއި އިސްރާއީލުން ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއާ ދެކޮޅުކަން ހާމަކޮށްފަ އެވެ. ހިލަރީގެ ވާހަކަތަކަކީ މިސްރުގެ ރިޔާސަތަށްއިޚްވާން ޖަމާއަތުގެ ކެންޑިޑޭޓަކުކުރިމަތިލުމުން އެކަމާ އެމެރިކާ ކަންބޮޑުވާކަން ނުސީދާ ގޮތެއްގައި ހާމަކުރެއްވުން ކަމަށް މިސްރުގެ ބައެއް ނޫސްތައް ބުނެ އެވެ.

އީޚްވާނުންގެ ވެރިކަމެއްގައި މިސްރަށް ބާރާއި ނުފޫޒު ހިންގުމުގެ ފުރްސަތު އެމެރިކާއަށް ގެއްލިގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ކަމަށް ތުހުމަތުކުރެވޭ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމް ވެއްޓުމާ އެކު މިސްރުގައި ސިޔާސީ ގޮތުން އެންމެ ބާރުގަދަޖަމާއަތެއްގެ ގޮތުގައި ފާޅުވެފައި ވަނީ އިޚްވާނުންނެވެ. މިކަންހާމަވެފައި ވަނީ މިދިޔަ އަހަރު މިސްރުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެނަތީޖާ އިންނެވެ.
އަމިއްލަ މަސްލަޙަތައް ޓަކައި ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އެމެރިކާ ފަދަ ޤައުމުތަކުން މިހާރު ބޭނުންކުރާ ހަތިޔާރަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ.

މިސްރުފަދަ އެތައް ޤައުމެއްގެ ޑިކްޓޭޓަރުންގެ ފަހަތުގައި ތިބެގެން އެމީހުންގެ ވެރިކަމުގެ ނިޒާމްތައް ދެމެހެއްޓުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްފައިވާ ޤައުމަކީ ވެސް އެމެރިކާ އެވެ. (އަލްޖަޒީރާ+މީޑިޔާ ރިޕޯޓްތައް