ހިތުގެ ބަލިތައް ގުޅިފައިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ މައްޗަށް ކަމަށް އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި ބަލިތަކުގެ ސަބަބުން މީހުން މަރުވާ ނުވަތަ ނުކުޅެދުންތެރިކަމަށް ދާ ކަންކަމަށް ބަލާއިރު 84 ޕަސެންޓް ހިއްސާކުރަނީ ގައިން ގަޔަށް ނާރާ ބަލިތައް ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އެގޮތުން، ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ނިސްބަތުން ގިނަ ކަމަށާއި ހިތުގެ ބަލިތަކުގެ ސަބަބުން ސްޓްރޯކު ޖެހޭ މިންވަރު ވެސް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަންދާޒާ ކުރާ ގޮތުން 21 ޕަސެންޓު އަންހެނުންނާއި 29 ޕަސެންޓް ފިރިހެނުން މަރުވަނީ ހިތުގެ ބަލީގައި،" ހަސަން ވިދާލުވިއެވެ.

ނަމަވެސް މިހާރު ރާއްޖޭގައި ވެސް ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް މިހާރު ކުރިއަށްވުރެ ފަސޭހަ ކަމަށާއި އެ ބައްޔަށް ފަރުވާ ކުރެވޭނެ ގޮތް ވެސް މިހާރު ރާއްޖޭގައި ވަނީ ކުރިއަރާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ސަބަބުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދައި އަދި އެ ބަލީގައި މަރުނުވާ ކިތަންމެ ބަޔަކު ވެސް އުޅޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ ހިތުގެ ދުވަސް ފާހަގަކުރާ އެންމެ ބޮޑު ސަބަބަކީ މީހުން އިތުރަށް މިކަމާ މެދު ހޭލުންތެރިކުރުވުން ކަމަށެވެ. ބަލިތަކުގެ ނިސްބަތުން ގިނަ ބަޔަކު ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން މިހާރު ވެސް ދާއިރު ބައްޔާ ބެހޭ ގޮތުން އެމީހުން ހޭލުންތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، އެމީހެއްގެ ކެއުން ބުއިމުގެ އާދަތަކާއި އެމީހެއްގެ އުޅުމާއި ގުޅުން ހުންނަ ގޮތާއި، ދިރިއުޅުން ބައްޓަންވެ ތަރުތީބުވެފައިވާ ގޮތް ވަރަށް ބޮޑަށް ވެސް ހިތުގެ ބަލިތަކާ ގުޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ހިތުގެ ބަލިތަކުގެ ވާހަކަދެއްކުމާއި ހިތުގެ ދުޅަހެޔޮކަމުގެ ވާހަކަދެއްކުމަކީ ޖުމުލަ ގޮތެއްގައި ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަދެއްކުމެވެ.

އެގޮތުން ބަލާއިރު ހިތުގެ ދުވަސް ފާހަގަކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ދުވަހެއް ފާހަގަކޮށްގެން އެ ދުވަހުން ދުވަހަށް ތަފާތެއް ނުފެނުނަސް، އެފަދަ މުހިއްމު ދުވަހެއް ފާހަގަކުރާތީ، ހަނދާނުގައި ބަހައްޓަން ޖެހޭ ބައެއް ކަހަލަ ކަންކަން އާންމުންނަށް ހަނދާން ކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އާންމުންގެ ސަމާލުކަން ހޯދައި އިތުރަށް ބައްޔާމެދު ހޭލުންތެރިކުރުވައި ވަކާލާތު ކުރަން ޖެހޭ ކަންކަމާ މެދު ވަކާލާތު ކުރަން ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

ވޯލްޑް ހާޓް ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ. އެ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ހިތުގެ ބަލިތަކަކީ ނިސްބަތުން ގިނަ ބަލިތަކަކަށްވެ، އެ ބައްޔާމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށެވެ.