01 Oct 2022, 12:17
އދ. މަޖިލިސް (1 އޮކްޓޯބަރު 2022): އިސްރާއީލުގެ އުދުވާނާ ގުޅިގެން އދ. ގައި ފަލަސްތީނަށް ޖެހޭ ހާލަތު ޔޫކްރެއިންގެ މައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކަށް ޖެހިއްޖެއެވެ.
ރަޝިޔާއިން ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއް ރަޝިޔާގެ އިއްތިޙާދާ އެއްކޮށްލައި ރަޝިއާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުން އެމެރިކާ ރުޅިގަދަވެ ރަޝިޔާ ކުށްވެރިކޮށް ގަރާރެއް ފާސްކުރަން އދ.ގެ ސަލަމާތީ މަޖިލީހަށް ހުށަހެޅުމުން ރަޝިއާއިންވަނީ އެގަރާރުވެސް ވީޓޯކޮށް އެމެރިކާއާއި ޔޫރަޕްގެ ބާރުތައް އިތުރަށް ރުޅިއަރުވާލާފައެވެ. ރަޝިއާ މިގަރާރު ވީޓޯކުރިއިރު ޗައިނާ، އިންޑިއާ، ގެބޯން އަދި ބްރަޒީލް އިން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

ރަޝިއާއިން ވީޓޯ ކުރަނީ
ރަޝިއާގެ އަމަލުތައް ޑިޕްލޮމެޓިކް ގޮތުންނާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާ އަދި ޔޫކްރެއިން މެދުވެރިކޮށް ހަނގުރާމަ ކޮށްގެންވެސް ހުއްޓުވުމުގައި އެމެރިކާއާއި ޔޫރަޕް މުޅިން ނުކުޅެދިފައިވާއިރު އެދެފަރާތަށް މިހާރު ކުރެވޭކަމަކީ ރަޝިއާ ހިންގަ އަމަލުތައް ހަމައެކަނި އަނގަބަހުންނާއި ލިޔެކިޔުންތަކުން ކުށްވެރިކުރުމެވެ.
މިއީ ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާގެ ބާރު ނެތްވަރު ހާމަވެގެންދިޔަ ކަމެއްކަން މުހައްލިލުންނާއި މުރާސިލުން ފާހަގަ ކުރެއެވެ. އދ. ގައި ހުންނަވަ އެމެރިކާގެ މަންދޫބު ލިންދާ ތޯމަސް ވިދާޅުވިގޮތުގައި ރަޝިއާ ކުށްވެރި ކުރުމަކީ ސަލާމަތީ މަޖިލީހުގައި ކުރެވޭނެ ކަމެއް ނޫންކަމުން އެމެރިކާއާއި ޔޫރަޕަށް ދެންކުރެވޭނެ ކަމަކީ ރަޝިޔާ ކުށްވެރިކޮށް ގަރާރެއް ފާސްކުރުމުގެ މައްސަލަ އދ. ގެ އާންމު ޖަމްއިއްޔާއަށް ހުށަހެޅުމެވެ.

އދ. ގެ ސަލާމަތީ މަޖިލިސް
އާންމު ޖަމްއިއްޔާއަކީ އދ. ގެ ހުރިހާ މެންބަރު ގައުމުތައް ހިމެނޭ މަޖިލީހެކެވެ. ނަމަވެސް އެއީ އެއްވެސް ބާރެއް ނޯންނަ މަޖިލީހެކެވެ. އަދި އެތަނުން ފާސްކުރާ ގަރާރުތަކަށް އަމަލު ކުރުމަކީވެސް ގައުމުތަކަށް ލާޒިމް ކަމެއްނޫނެވެ.
އެހެންކަމުން އދ. ގައި އެމެރިކާއާއި ޔޫރަޕަށް މިހާރު ޖެހިފައިވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލަތެވެ. އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނާއި ލައިންސާނީ އަމަލުތައް ކުށްވެރިކުރުމަށް ގޮވާލާ ގަރާރުތައް، އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ވީޓޯ ކުރުމުން ފަލަސްތީނަށް ޖެހޭ ހާލެވެ. މިހާލަތްތަކުގައި އިސްރާއީލު ކުށްވެރި ކުރުމަށް ނިކަމެތި ގޮތެއްގައި ފަލަސްތީނުން ދާންޖެހެނީ އެންމެފަހުން އދ. ގެ އާންމު ޖަމްއިއްޔާއަށެވެ. ރަޝިއާގެ ކުރިމަތީގައި އެމެރިކާއާއި ޔޫރަޕަށް މިހާރު ތަހައްމަލު ކުރަން ޖެހިފައިވަނީ އެމީހުން ފަލަސްތީނަށް ޖައްސަމުން ގެންދާ ނިކަމެތި ހާލަތެވެ.

ޔުކްރެއިންގެ ސަރަހައްދުތައް ރަޝިއާއާ އެއްކޮށްލުމުގެ ރިޔާސީ ގަރާރުގައި ޕޫޓިން ސޮއިކުރައްވަނީ
ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ހިފާފައިވާ ޔޫކްރެއިން ހަތަރު ސަރަހައްދެއް އިއްޔެވަނީ ރަޝިޔާގެ އިއްތިޙާދާ އެއްކޮށްލައި އެއީ ރަޝިއާގެ ތަންތަނުގެ ގޮތުގައި ހެދުމުގެ ރިޔާސީ ގަރާރެއްގައި ރައީސް ވްލަޑިމީރު ޕޫޓިން ސޮއިކުރައްވާފައެވެ. އަންނަ ހޯމަ ދުވަހު ރަޝިއާގެ ޕާލަމެންޓުން މިގަރާރު ތަސްދީގުކުރާނެއެވެ.
މިގަރާރުގައި ޕޫޓިން ސޮއިކުރެއްވީ ޔޫކްރެއިންގެ އެސަރަހައްދުތައް ރަޝިއާއާ ގުޅެން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި އެތަންތަނުގައި ދިރިއުޅޭ އާންމުންގެ މެދުގައި ވޯޓެއް ނެގުމަށްފަހު ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ރަޝިއާ އާ ގުޅެން ފެންނަކަމަށް ރައްޔިތުން ވޯޓު ދީގެންކަމަށް ރަޝިއާ ބުނެއެވެ.

ރަޝިއާއާ އެއްކޮށްލި ޔުކްރެއިންގެ ހަތަރު ސަރަހައްދުގެ ލީޑަރުންނާއެކު ޕޫޓިން
ރަޝިއާ އާ އެއްކޮށްލި ޔޫކްރެއިންގެ ހަތަރު ސަރަހައްދަކީ ރަޝިއާއާއި ސަރަހައްދީ ރޮނގުން ގުޅިފައިވާ ދުންބާސް ސަރަހައްދުގެ ދެ ޕްރޮވިންސްކަމަށްވާ ލޮޣާންސްކްއާއި ދޮނިޔެކްސް ގެ އިތުރުން ޔޫކްރެއިންގެ ދެކުނުގައިވާ ދެސަރައްދުކަމަށްވާ ޒަބަރޮޖިއާ އާއި ޚަރްސޮން އެވެ. މިހަތަރު ސަރަހައްދުގެ އާބާދީގެ ބޮޑު ބަޔަކީ ރަޝިއާ ނަސްލުގެ މީހުންނެވެ.
މިހަތަރު ސަރަހައްދަކީ ޔޫކްރެއިންގެ ބިމުގެ 15 އިންސައްތައެވެ. މިއީ ދަނޑުވެރިކަމުގެ ގޮތުންނާއި ސިނާއަތުގެ ގޮތުންނާ އަދި ގުދުރަތީ މުއްސަނދި ކަމުގެ ގޮތުން ޔޫކްރެއިންގެ އެންމެ މުހިއްމު ހަތަރު ސަރަހައްދެވެ. ރަޝިއާ ބުނެފައިވާގޮތުން މިހަތަރު ސަރަހައްދަށް ޔޫކްރެއިން އިން ދޭ ކޮންމެ ހަމަލާއެއް މީގެފަހުން ބަލާނީ ރަޝިއާގެ ބިމަށް ދޭ ހަމަލާތަކުގެ ގޮތުގައެވެ. އަދި މިތަންތަނުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަންވެސް ފަސް ނުޖެހޭނެކަމުގެ އިންޒާރު ރަޝިއާ ވަނީ ދީފައެވެ.
ޔޫކްރެއިންގެ މިސަރަހައްދުތަކުގައި ރަޝިއާއިން ފެންނަ ނުފެންނަ ވޯޓު ނަގަމުން ގެންދިޔައިރުވެސް އެތަންތަނަށް ހަމަލާދޭން ޔޫކްރެއިން ސިފައިންނަށް ކެރިފައެއް ނުވެއެވެ. ރަޝިއާގެ މިނިންމުމާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ވަނީ ވަރަށް ހަރުކަށިކޮށް ރަޝިއާގެ މިނިންމުން ކުށްވެރި ކޮށް ރަޝިއާގެ މިނިންމުން ގަބޫލު ނުކުރާނެކަމަށް ބުނެ ބަޔާންތައް ނެރެފައެވެ.
ޔޫކްރެއިން ގެ ރައީސް ޒެލެންސްކީވަނީ ރަޝިއާގެ މިއަމަލު ކުށްވެރި ކުރެއްވުމަށްފަހު މިކަމުގެ ރައްދެއްގެ ގޮތުން ނޭޓޯގައި ޔޫކްރެއިން ބައިވެރިވުމަށް ރަސްމީ ގޮތުން ހުށަހެޅުމަށް ނިންމިކަމަށް ވިދާޅުވެ ރަޝިއާއަށް އިންޒާރެއް ދެއްވާފައެވެ. ނަމަވެސް ޔޫކްރެއިން އަކީ މިހާރު ހަނގުރާމައިގާ މުޅިން ހަލާކުވެ އިންފްރާސްޓްރަކްޗާ ފުނފުނޑު ވެފައިވާ ގައުމަކަށްވާތީ ޔޫކްރެއިން ނޭޓޯއަށް ވެއްދުމަކީ ނޭޓޯގެ ޗާޓާރު ތަންދޭ ކަމެއްނޫނެވެ. އަދި ހަނގުރާމައިގެ ހާލަތުގައި އޮތުމަކީވެސް ޔޫކްރެއިން އަށް ނޭޓޯއަށް ވަނުން އެޖަމާއަތުގެ ޗާޓަރު މަނާކުރާ ސަބަބެކެވެ.