02 Apr 2012, 17:51
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ މިއަދު މެންދުރު ފަހުގެ ސެޝަންގައި ކިޔަވައި ނުދިނުމުން އެ ސްކޫލްގެ ބެލެނިވެރިން ހަތަރު ގަޑި އިރު ވަންދެން މިއަދު މުޒާހަރާކޮށްފި އެވެ.
މުޒާހާރާގައި ބައިވެރިވި އެ ސްކޫލްގެ ބެލެނިވެރިޔަކު ބުނީ މިއަދު 1:00 އިން ފެށިގެން ހަވީރު 5:00 ވަންދެން މުޒާރާ ކުރީ މިއަދު މެންދުރު ސެޝަންގައި ކިޔަވައިދީފައި ނުވުމުން ކަމަށެވެ.
"މިއަދު މެންދުރު 1:00ގައި އަޅުގަނޑުމެން މިދިޔައީ ކުދިން ގޮވައިގެން ސްކޫލަށް، ދިޔުމުން ސްކޫލުން ބުނީ މެންދުރު ފަހު ސެޝަނގެ 10 ޓީޗަރުން ތިބީ ސަލާމުގައޭ. އެހެންވީމާ މިއަދު ކިޔަވައި ނުދޭނެޔޭ،" މުޒާހަރާގައި ބައިވެރިވި ބެލެނިވެރިޔަކު ބުންޏެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޝިމްލާ އަލީ މިއަދު ވިދާޅުވީ މެންދުރު ސެޝަންގައި ކިޔަވައިދޭ 10 ޓީޗަރަކު މިއަދު ސްކޫލަށް ހާރިވެފައިނުވާ ކަމަށާއި އެ ޓީޗަރުން ހާޒިރު ނުވުމުން ހާޒިރުވި ޓީޗަރުންނާ އެކު ކިޔެވުން ކުރިއަށް ގެންދިޔުމަށް ސްކޫލުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކިޔަވައިދިނުމަށް އެ ޓީޗަރުން އެއްބަސް ނުވުމުން މިއަދު މެންދުރު ފަހު ސެޝަންގެ ކިޔެވުން ކެންސަލްކުރީ ކަމަށް ވެސް ޝިމްލާ ވިދާޅުވި އެވެ.
"އާފްޓަނޫން ]މެންދުރުފަހުގެ[ ސެޝަންގެ 10 ޓީޗަރުން މިއަދު ސްކޫލަށް ހާޒިރުވެފައި ނުވޭ. އެ 10 ޓީޗަރުން ހާޒިރުވެފައި ނުވާތީ ދެން ތިއްބެވި ޓީޗަރުންނާ އެކީ ކިޔަވައިދެވޭތޯ އަޅުގަނޑުމެން އުޅުނިން ނަމަވެސް ހާޒިރުވެލެއްވި ޓީޗަރުން ވެސް އެއްބަސް ނުވި. އެހިސާބުން އަޅުގަނޑުމެން ކިޔަވައިދިނުން ކެންސަލް ކޮށްލީ،" ޝިމްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޗަރުން ހަތްގަޑި އިރު ވަންދެން މަސައްކަތް ކުރަންޖެހޭނެ ކަމަށް ބުނެ މިދިޔަ މަހުގެ 21 ވަނަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުން ސާކިއުލާއެއް ނެރެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ސާކިއުލާއަށް އަމަލުކުރުމަށް އެ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް އިއްޔެ އަންގާފައިވާ ކަމަށާއި ގަބޫލުކުރެވޭ ގޮތުގައި މެންދުރު ފަހުގު ސެޝަންގެ ޓީޗަރުން ސްކޫލަށް ހާޒިރު ނުވީ އެ ސާކިއުލާއާ މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.
"ސިވިލްސާވިސް 21 މާޗްގައި ނެރުނު ސާކިއުލާއެއް އޭގައި ވަނީ ހަތްގަޑި އިރު މަސައްކަތް ކުރަން ޖެހޭނެ ކަމާއި އެ ހަތްގަޑިއިރުގެ ތެރެއިން ބްރޭކްގެ ގޮތުގައި ލިބޭނީ 48 މިނެޓްކަމަށް. އިއްޔެ އަޅުގަނޑުމެން ހުރިހާ ޓީޗަރުންނާއި ބައްދަލުކޮށް އެ ސާކިއުލާއަށް އަމަލުކުރަން އެންގިން،" ޝިމްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލްސާވިސްގެ ސާކިއުލާއާ މެދު އެ ސްކޫލްގެ ޓީޗަރުން ހިތްހަމަ ނުޖެހުން މީގެ ކުރިން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމާއި އިހުތިޖާޖުކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ސްކޫލްގެ ސްޓާފް ރޫމްގެ ފާޚާނާ އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ އެކަމުގެ ޝަކުވާ ވެސް ޓީޗަރުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ 364 ދަރިވަރުން ކިޔަވާ، މެންދުރު ފަހު ސެޝަންގައި ކިޔަވައި ނުދިން ނަމަވެސް މިއަދު ހެނދުނުގެ ސެޝަންގައި ކިޔަވާދީފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ޓީޗަރުންނާ މަޝްވަރާކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މުޒާހަރާ ކުރި ބެލެނިވެރިއަކު ބުނީ މިއަދު ޓީޗަރުން ހާޒިރުނުވެ ކިޔަވައިދިނުން ހުއްޓާލި އިރު އެ ސްކޫލްގައި މިހާރު ބޭނުންވާ ވަރަށް ޓީޗަރުން ހަމަވެފައެއް ވެސް ނެތް ކަމަށެވެ. އަދި މިހާރު ތިބި ޓީޗަރުންގެ ތެރެއިން ބައެއް ޓީޗަރުންގެ ފެންވަރު ދަށްކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ޓަކައި ސިލްސިލާ މުޒާހަރާތަކެއް މީގެ ފަހުން ކުރިއަށް ގެންދިޔުމަށް ބެލެނިވެރިން ނިންމާފައިވާ ކަމަށެވެ.