30 Sep 2022, 20:17
އަންނަމަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ ރަސްމީކޮށް ހުޅުވަން އެއާޕޯޓުގެ ހުރިހާ ދަތުރުތަކެއް އަށް ގަޑިއިރަށް މެދުކަނޑާލަން ނިންމައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނަރަލް މެނޭޖަރު ހަސަން އަރީފް މިއަދު "ސަން"އަށް ވިދާޅުވީ އެއާޕޯޓުގެ ރަންވޭ ބަންދުކުރަނީ ބާ ރަންވޭއިން އާ ރަންވޭއަށް ބަދަލުކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށެވެ.
އެގޮތުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ 11:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 7:00 ޖެހުމާ ހަމައަށް މުޅި ރަންވޭ ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށް އަރީފް ވިދާޅުވިއެވެ.
"ފުރަތަމް ފުލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 7:00 ގަ. މި ވާހަކަ ވާނީ ސާކިޔުލާއެއްގެ ސިފައިގައި ހުރިހާ އެއާލައިންތަކަށްވެސް އަންގާފަ،" އަރީފް ވިދާޅުވިއެވެ.
އެ އަށް ގަޑިރަށް ފަހު އާ ރަންވޭ ހުޅުވައި، ވީއައިއޭގެ އޮޕަރޭޝަންސް އަލުން ފަށާނެ ކަމަށް އަރީފް ވިދާޅުވިއެވެ.
ވީއައޭގެ އާ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި ރަންވޭ އަޅާފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، އެގައުމުގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ.