ދިވެހި ބަހުގެ އެކެޑަމީން ބާއްވާ ގައުމީ ފެންވަރުގެ އަދަބީ ތިން މުބާރާތެއް މާދަމާ ފެށުމަށް ނިންމައިފިއެވެ.

މާދަމާ ފަށަން ނިންމާފައިވަނީ އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫން ލިޔުމުގެ 37 ވަނަ ގައުމީ މުބާރާތާއި އައްޝައިޚު މަލިމް މޫސާ މާފަތްކަލޭގެފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ ގައުމީ މުބާރާތެވެ. އޭގެ އިތުރުން ހުތްއަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެން ހެދުމުގެ 25 ވަަނަ ގައުމީ މުބާރާތް ވެސް މާދަމާ އޮންނާނެއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ޑިރެކްޓަރު އައިމިނަތު ރާޝިދާ މިއަދު "ސަން" އަށް ވިދާޅުވީ ދ. އަތޮޅު ފިޔަވާ ހުރިހާ އަތޮޅަކުން މި މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތަކުން ބައިވެރިވި ކަމަށެވެ. މުބާރާތް ކުރިއަށް ގެންދާނީ ކޮންމެ ރަށެއްގެ ވެސް ސްކޫލުގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުބާރާތްތައް ކުރިއަށް ދާނީ ހުރިހާ ރަށެއްގައި ވެސް އެއްވަގުތެއްގައެވެ. އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 8:00 ގައެވެ. އަދި ކުރުވާހަކަ ލިޔުން މެންދުރު 1:30 ގައި ފަށަން ނިންމާފައިވާއިރު ޅެން މުބާރާތް ފަށާނީ މާދަމާ ރޭ 8:00 ގައެވެ.

"މަތީ ސާނަވީ ނޫން ހުރިހާ ކުދިންނަށް އަޅުގަނޑުމެން މާދަމާ މުބާރާތް ކުރިއަށްގެންދަނީ. އެއީ އެކުދިންގެ އެގްޒާމް އޮންނާތީ އެ ކުދިންގެ މުބާރާތް ލަސްކުރީ،" ރާޝިދާ ވިދާޅުވިއެވެ.

ވާދަވެރި އެ މުބާރާތްތަކުގެ ވަނަވަނައަށް ދާ ފަރާތްތައް ފާހަގަ ކުރުން ވެސް އޮންނާނެއެވެ.

އެ މުބާރާތްތަކުގައި ބައިވެރިވުމުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އެކެޑަމީން އިތުރު ވެސް ކުރިއެވެ. އެއީ ސްކޫލްތަކުގެ އެދުމުގެ މަތިން ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މިފަހުން އެކެޑަމީން ވަނީ ވާހަކަ ދެއްކުމުގެ ފޯރިގަދަ ގައުމީ މުބާރާތް ވެސް ބާއްވައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދީފައެވެ.