02 Apr 2012, 17:41
ދައުލަތުން ހަރަދުތައް މިހާރު ހުރި މިންވަރުން ހަރަދުތައް ކުޑަ ނުކުރެއްވިޖެ ނަމަ ރާއްޖޭގެ ރިޒާވް ހުސްވެ ރާއްޖެ ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ]އައިއެމްއެފު[ން ދީފި އެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު މުރާޖައާ ކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިއެމްފްގެ ވަފްދުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާ އެކު އިއްޔެ މަޖިލީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އައިއެމްއެފަށް ފާހަގަވި ކަންތައްތަކުގެ ޕްރެޒެންޓޭޝަނެއް ވަނީ މަޖިލީހުގެ މެންބަރުންނަށް ހުށަހަޅުއްވައިފަ އެވެ. އެ ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަމުން އައިއެފްގެ ޓީމްގެ ޗީފް، ޖޮނަތަން ޑަން ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން ދައުލަތަށް ނުކަތާ ވަރުގެ ބޮޑަތި ހަރަދުތައް ކުރަން ޖެހުމަކީ ރާއްޖޭގެ ރިޒާވް މުޅިން ހުސްވުމުގެ ބިރު އޮތް ކަމެއް ކަމަށާއި މިހާރު ވެސް އެ ބިރު އެބަ އޮތް ކަމަށާއި ރިޒާވް ހުސްވެއްޖެ ނަމަ އިމްޕޯޓްކުރަން ފައިސާއެއް ނުހުންނާނެ ކަމަށެވެ.
"މިކަމުގައި އަޅުގަނޑުމެން ބަލަން އެބަޖެހޭ ގައުމެއްގެ ފެންވަރުން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮން ކަމެއްކަން. އެހެން ނޫނީ އަޅުގަނޑުމެން ބުނަން އޮތީ މިގައުމު ވެސް މީގެ ދެ ތިން އަހަރެއްހާ ދުވަސް ކުރިން ސީޝެލްސްގެ އިގްތިސޯދު އޮތް ދަރަޖައަށް ވެއްޓިދާނެ. އަޅުގަނޑުމެން ފިޔަވަޅު ނާޅައިފިއްޔާ އެގޮތަށް ދިމާވާން މާގިނަ ދުވަހެއް ނުވާނެ،" ޖޮނަތަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ލިބޭނެ ކަމަށް ހުރި އާމްދަނީގެ ތެރެއިން ދެ ބިލިއަނެއްހާ ރުފިޔާ މަދުވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ދައުލަތުގެ ހުރިހާ ހަރަދަކަށް ފައިސާ ހޯދަން ބަޖެޓުގެ ތެރެއިން ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އެ ފައިސާ ހޯދާނީ ކިހިނަކުންތޯ ޖޮނަތަން ސުވާލުކުރެއްވި އެވެ.
"މީގެ އިތުރުން ރިސޯޓުގެ މުއްދަތު އިތުރުކުރި ފައިސާ ކޯޓުގެ ހުކުމާ ގުޅިގެން ވަކިން ނަގަން ޖެހެނީ. އެގޮތުން ގަނޑުކޮށް ލިބޭނެ ކަމަށް ބަޖެޓުގައި އޮތް ފައިސާއެއް ނުލިބޭނެ. އަދި އިމްޕޯޓް ޑިއުޓީ ކަނޑާލައި ޖީއެސްޓީ ނަގަން ފެށީމާ ދައުލަތުގެ އާމްދަނީން ބޮޑުބައެއް ގެއްލޭ. ބަޖެޓުގައި އެބަހުރި ލަފާކޮށްފައި ހުރި، އެކަމަކު ނުލިބޭނެ ފައިސާ،" ޖޮނަތަން ވިދާޅުވި އެވެ.
އަދި ޖީއެސްޓީގެ ބޮޑުބައެއް ޓޫރިޒަމް ދާއިރާ އިން އަންނަކަން ފާހަގަ ކުރައްވައި ޖޮނަތަން ވިދާޅުވީ ޔޫރަޕާއި ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވާނެ ކަމަށް ލަފާކުރެވޭތީ ޖީއެސްޓީން ލިބޭނެ ކަމަށް ލަފާކުރި ފައިސާގެ އަދަދު މަދުވާނެ ކަމަށެވެ. އަދި ޖީއެސްޓީ އިން ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައި އޮތް ފައިސާ އެ މިންވަރަށް ލިބޭނެ ކަމަށް ލަފާނުކުރައްވާ ކަމަށާއި ލިޔެކިޔުމުގައި ބައެއް ފައިސާ ލިބޭނެ ކަމަށް ޖަހާފައި ހުއްޓަސް އެއީ އަދި މުޅިން ލިބޭނެ އަދަދުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ރާއްޖެ އަކަށް ނެތް ހަރަދުތައް ހިފެހެއްޓިފައެއް. ހަމަ ހުރީ މައްޗަށް ގޮސްފައި. އޭރުއްސުރެ އަޅުގަނޑުމެން އިންޒާރުކުރަމުން އަންނަނީ،" ޖޮނަތަން ވިދާޅުވި އެވެ.
އެ މައްސަލަތައް ހައްލުކުރުމަށް އިގްތިސޯދީ ގޮތުން ކުރެވިދާނެ ގޮތްތައް މަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އިތުރަށް ފައިސާ ޖެހިދާނެ ކަމަށާއި ބޭރު ގައުމުތަކުން އިތުރަށް ލޯނެއް ނެގިދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެއީ އިގްތިސޯދީ ގޮތުން ރާއްޖެ މިހާރު އޮތް ފައްތަރުން އަޅަން ހެޔޮވާވަރު ފިޔަވަޅުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓީބިލްސް އަށް އަބަދު ބޮރޯސާއެއް ނުކުރެވޭނެ. އެގޮތަށް ކުރިއަކަށް ނުގެންދެވޭނެ. ބޭރު ގައުމަކުން ލޯނެއް ނެގުން، އެއީ މި ހާލަތުގައި ރާއްޖެ އަށް ލިބުން އިމްޕޮސިބަލް ކަމެއް،" ޖޮނަތަން ވިދާޅުވި އެވެ.
ދެން އެޅެން އޮތް ފިޔަވަޅުތަކަކީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫން ހަރަދުތައް މަދުކުރުން ކަމަށާއި ސަރުކާރުގެ އެކި ފަންތީގެ މީހުންނަށް ދޭ އެލަވަންސްތަކާއި މުސާރަ އަލުން މުރާޖައާ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާމްދަނީ އިތުރުކުރުމަށް މިހާރު ހަ ޕަސެންޓުގެ ޖީއެސްޓީ 15 ޕަސެންޓް ބޮޑުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިމްޕޯޓް ޑިއުޓީ އެކީއެކަށް ނޫނީ ވަކި މިންވަރެއް އިއާދަކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބެޑް ޓެކްސް އަށް ޑޮލަރުން 12 ޑޮލަރަށް އިތުރުކޮށް އެކަން 2013 ހިސާބަށް ދިގު ދެންމުމަށް ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޮނަތަން ވިދާޅުވީ ކަރަންޓް ސަބްސިޓީ ދެނީ އެއްވެސް ބަލައިލުމެއް ނެތި ކަމަށާއި އެންމެ މުއްސަނދި މީހާ އަށް ވެސް ކަރަންޓް ސަބްސިޓީ ދޭ ދިނުން ހުއްޓާލައި އެ ނިޒާމް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާސަންދަ ވެސް އެންމެ މުއްސަނދި ހިލޭ އޮންނަ ކަމަށާއި އެ ނިޒާމަކީ ވެސް އެއްޗެއް ލިބިގެން ހިންގޭ ނިޒާމަކަށް ހަދަން ޖެހޭ ކަމަށެވެ.
"މިއީ އުނދަގޫ ފިޔަވަޅުތަކެއް. މިކަމުގައި ތިޔަ ބޭފުޅުން ވެސް [މަޖިލީހުގެ މެންބަރުން] އެއްބާރުލުން ދެއްވަން ޖެހޭ. އެއީ ތިޔަ ބޭފުޅުންގެ ވެސް ކަމެއް. މިއީ ގައުމެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް. މިފިޔަވަޅުތައް އަވަހަށް އަޅަން ޖެހޭ. މިއީ ހަގީގަތަކީ. މިކަމާ ކުރިމަތިލާން ޖެހޭނެ،" ޕްރެޒެންޓޭޝަން ނިންމާލައްވަމުން ޖޮނަތަން ވިދާޅުވި އެވެ.