29 Sep 2022, 21:44
ރައީސުލްޖުމްހޫރިއްޔާ ވޮޝިންޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަމަށް ބަދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ "ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ގެ ނަން "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވޮޝިންޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަމަށް ބަދަލު ގެންނަވާފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ. މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ ނޯޓުގައި ޖަހަމުން ގެންދާނީ ނަންބަރު 488 އެވެ.
އެމެރިކާގެ ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާކަން އިއުލާނުކޮށްފައި ވަނީ ވެސް މި މަހުގެ ތެރޭގައެވެ.
މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ނިންމެވީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ދުވަހަކު ވެސް ބަދަހިވެފައި ނުވާ ވަރަށް މިހާރު ބަދަހިވެފައި އޮތުމުން އެ ސިޓީގައި ރާއްޖޭގެ އެމްބަސީއެއް ހުރުން މުހިއްމުކަމަށް ފެންނާތީ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދުވަސްވަރު 2007 ވަނަ އަހަރު އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވި ނަމަވެސް ބަޖެޓްގެ ތާށިކަމާހުރެ އެ އެމްބަސީ ވަނީ ޖެހިގެންއައި 2008 ވަނަ އަހަރު ބަންދުކޮށްފައެވެ. ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައިވާއިރު، އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ 2020 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
ރާއްޖެއާ އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރެވެ.