14:30


ވެރިކަން ދެމެހެއްޓުމަށްޓަކައި ޤައުމީ ދިފާއީ ބާރުތަކަށް ދެއްވާ އެއްވެސް އަމުރެއް އަމިއްލަ ބޭނުންފުޅަކަށްޓަކައި ނުދެއްވާނެ ކަމަށާއި އެ އަމުރެއް ކުރައްވާނީ ޤައުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމް.އެން.ޑީ.އެފް.ގެ އޮފިސަރ ޓްރެއިނިން ވިންގް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ގިރިފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ދިވެހި ސިފައިންނާ މުޚާޠަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ޤައުމަށްޓަކައި ނޫން ގޮތަކަށް، ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނު އެއްވެސް އަމުރެއް ދިވެހި ސިފައިންނަށް ނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ބާރަށްޓަކައި، ނުވަތަ ވެރިކަމަށްޓަކައި، ސިފައިންނަށް ދަންނަވާނެ އެންމެ ވާހަކައެއް ވެސް ނޯންނާނެ ކަމަށެވެ.


ސިފައިންނާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުންތައް ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، މާލެއަށް ތޮއްޖެހިފައިވާ ލަޝްކަރު ރާއްޖޭގެ އެކިއެކި ތަންތަނުގައި ބަހާލުމާއި ސިފައިންގެ ވެރީންނަށް ތިއްބަވާ ބޭފުޅުންނަކީ ތައުލީމާއި ހުނަރާއި ފެންވަރު އަދި ހިތްވަރުގެ ގާބިލު ބޭފުޅުންނަށް ހެއްދެވުމަކީ ވެސް ސަރުކާރުގެ މަގުސަދެއް ކަމަށެވެ.


ރައީސްގެ ވާހަކަފުޅުގައި، ސިފައިންގެ އޮފިސަރުން ރާއްޖެއިން ބޭރުން ތަމްރީނު ކުރެއްވުމުގެ ބަދަލުގައި ރާއްޖޭގައި އެތަމްރީނުތައް ދެއްވައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އަދި ދިވެހި ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެއްވުމަށާއި، މުޅި ސިފައިންގެ ތަރައްޤީއަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތައް، މުޅި ރާއްޖޭގެ ތަރައްޤީގެ ޖުމްލަ މަސައްކަތްތަކެއްގެ ގޮތުގައި، ޤައުމީ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކާ އެކުލަވާލައްވައިގެން، ފުށުނާރާ އިންތިޒާމެއްގެ ތެރެއިން ސަރުކާރަށް ހިންގެވެން އެބައޮތްކަމުގައި ވެސް ވިދާޅުވި އެވެ.


ގިރިފުށިގައި މިއަދު އިފްތިތާޙް ކުރެވުނު އޮފިސަރ ޓްރެއިނިންގ ސެންޓަރަކީ، ހަމައެކަނި ދިވެހި ސިފައިން ތަމްރީނު ކުރެވޭ ތަނެއްގެ ގޮތުގައިވުމުގެ ބަދަލުގައި، މުޅި މިސަރަޙައްދުން ސިފައިން ތަމްރީނު ހޯދަން އަންނަތަނަކަށް ވެގެންދިޔުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.


އެމްއެންޑީއެފްގެ އޮފިސަރ ޓްރެއިނިން ވިންގް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ، އެމް.އެން.ޑީ.އެފް.ގެ އޮފިސަރ ޓްރެއިނިން ވިންގްގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، އެ ވިންގްގެ ދިދަ ނަންގަވައިދެއްވި އެވެ. އަދި އޮފިސަރ ޓްރެއިނިން ވިންގްގެ އާޢިމާރާތުގެ ބިންގާ އެމަނިކުފާނު އަޅުއްވައިދެއްވި އެވެ.