ގދ. ހޯޑެއްދޫ ކައުންސިލްގައި ހިމެނޭ ކައުންސިލަރެއްގެ މައްޗަށް ދަރިންނަށް ޚަރަދު ނުދީ އޮތް މައްސަލައެއް ސާބިތުވުމާ ގުޅިގެން، ކައުންސިލްގެ ގަރާރަކުން އެ މެމްބަރު ކައުސިލަރުކަމުން ވަކިކޮށްފި އެވެ.

ހޯޑެއްދޫ ކައުންސިލްގެ ގަރާރަކުން ކައުންސިލަރުކަމުން މިއަދު ވަކިކޮށްފައި ވަނީ އެމްޑީޕީގެ ކައުންސިލް މެމްބަރު މުހައްމަދު އަޔާޒެވެ.

އަޔާޒު ކައުންސިލަރު ކަމުން ވަކިކުރަން ވޯޓު ދިނީ ކައުންސިލްގައި ހިމެނޭ ހަތަރު މެމްބަރުންގެ ތެރެއިން ރައީސް ނުލައި ތިބި ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނެވެ.

ހޯޑެއްދޫ ކައުންސިލްގައި ހިމެނޭ ކައުންސިލް މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކައުންސިލުން އެގޮތަށް ނިންމީ އަޔާޒުގެ މައްޗަށް އެ މައްސަލަ ސާބިތުވެފައި ވާތީ އާއި އަދި ހަމައެގޮތަށް ދަރިންނަށް ޚަރަދު ނުދީ އޮތް މައްސަލައެއް ސާބިތުވި ފުވައްމުލަކު ކައުންސިލަރަކާ ދޭތެރޭ ވެސް އަމަލު ކޮށްފައި އޮތް އުސޫލަށް ބެލުމަށް ފަހު ކަމަށެވެ.
ސައީދު ވިދާޅުވީ އަޔާޒު ކައުންސިލަރު ކަމުން ވަކި ކުރެއްވީ ލޯކަލް ކައުންސިލްތަކުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.