29 Sep 2022, 12:38
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަމަށް އަންނަ މަހު ހުޅުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބިޑުގެ ޕްރިކޮލިފިކޭޝަން މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަރުހަލާއިން ހަތް ކުންފުންޏެއް ބީލަމަށް ކޮލިފައިވެފައިވާ ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި އާ ޓާމިނަލެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަނެއް، އަދި ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ތަރައްގީ ކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއެކު ސޮއިކޮށްފައެވެ. އެކުންފުންޏަން ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 137 މިލިއަން ޑޮލަރުގެ އަގަކަށެވެ.