ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅު ހެދުމުގެ ގޮތުން މި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީ އަށް ގެއްލުން ދިން ކަމުގެ ތުހުމަތަށް ހޯދަމުން އަންނަ މީހުންގެ ތެރެއިން 19 އަހަރުގެ ޒުވާނާ އަމިއްލަ އަށް ގޮސް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ފުލުހުން ހޯދަމުން އަންނަ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު، 19 ފުލުހުންނާ ހަވާލުވީ މިއަދު މެންދުރު 12:00 ޖަހާއެހާކަންހާ އިރު ކަމަށެވެ.

ވީޓީވީ އަށް ގެއްލުންދިން މައްސަލައާ ގުޅިގެން ފޮޓޯއާ މައުލޫމާތު އާންމުކޮށް ހޯދަމުން އައި ހަތަރު މީހުންގެ ތެރެއިން އަދި ވެސް ނުފެނި ވަނީ ހ. ރޯޒަންޑޭލް ޝިފާން ސަފްރަތު، 17 އެވެ.

އެ މައްސަލައިގައި ފުލުހުން ހޯދަމުން ދިޔަ ހަތަރު މީހުންގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށީ ހަމީދީ މަންޒިލް އަހުމަދު ހަމީދު، 29 އާއި އަދި ހަމަ އެގޭ ހުސައިން ހަމީދު، 26 އެވެ. އެ ދެ މީހުން ހައްޔަރުކުރީ މާލޭގެ ރެސްޓޯރެންޓެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ވީޓީވީ އަށް ގެއްލުންދިން މައްސަލައިގައި ހިމެނޭ އިތުރު މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.