02 Apr 2012, 15:31
އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ ބައެއް މެމްބަރުންނަށް ފުލުހުންނާއި ސިފައިން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައާ މެދު ބަހުސް ކުރުމަށް އިންޓަޕާލަމެންޓްރީ ޔޫނިއަން އިން ބާއްވާ ބައްދަލުވުމަށް ސަރުކާރުން މަންދޫބަކު ފޮނުވައިފި އެވެ.
މާދަމާ ޔޫގެންޑާގެ ވެރިރަށް ކަޕާލާގައި އޮންނަ އެ ބައްދަލުވުމަށް ސަރުކާރުގެ ފަރާތުން ވަޑައިގެންނެވީ ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލު ރިޒާ އެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު މިއަދު ވިދާޅުވީ އައިޕީޔޫގެ ބައްދަލުވުމަށް ސަރުކާރުން ބޭފުޅަކު ފޮނުވީ އެމްޑީޕީން ހުށައެޅި މައްސަލަ ބަލާ އިރު ސަރުކާރުގެ ބަހެއް ވެސް އޮތުން ރަނގަޅުކަމަށް އައިޕީޔޫ އިން ބުނުމުން ކަމަށެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ދުންޔާ ވިދާޅުވީ އެބައްދަލުވުމުގައި ސަރުކާރުގެ އިތުރުން އެމްޑީޕީ އާއި ޑީއާރުޕީ އަދި ޕީޕީއެމްގެ ފަރާތުން ބޭފުޅުން ބައިވެރިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ދުންޔާ ވިދާޅުވީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހު އަދި އޭގެ ފަހުން ވެސް ހިނގާދިޔަ ކަންތައްތައް ރާއްޖެ އިން ވެސް ތަހުގީގު ކުރެވިދާނެ ކަމަށާއި ރާއްޖޭގައި އެފަދަ މުއައްސަސާތައް އެބަހުރި ކަމަށެވެ.
"އެ މައްސަލަތައް ހުށައެޅިދާނެ، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވެސް، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެދަނީ މަސައްކަތް ކުރަމުން،" ދުންޔާ ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ދުނިޔޭގެ ގައުމުތަކުން މިހާރު ސުވާލު އަންނަނީ މަދުން ކަމަށާއި ކަންތައްތައް ހިނގައި ދިޔަ ގޮތް މިހާރު ގިނަ ގައުމުތަކަށް ސާފުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގިނަ ސަރުކާރުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މިހާރު ތިބީ އިންކްއަރީ ކޮމިޝަންގެ ރިޕޯޓްގެ އިންތިޒާރުގައި ކަމަށެވެ.
ފޮރިން މިނިސްޓަރު ޑރ. އަބުދުއް ސަމަދު އަބުދުﷲ މިހާރު އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ މިނިސްޓަރު އިންޑިޔާ އަށް ވަޑައިގަތީ އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ.
އަދި އެ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރައްވާ ދަތުރު ފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.