02 Apr 2012, 15:12
ހދ. ނޮޅިވަރަމްގައި އަލަށް ދޫކުރި 172 ގޯތީގެ ރަޖިސްޓްރީ ކައުންސިލުން ދޫކޮށްފައި ނުވާތީ އެ ރަށު މީހުން ކައުންސިލް އިދާރާ ދޮށަށް އެއްވެ މުޒާހަރާ ކުރަމުން އެބަދެ އެވެ.
މުޒާހަރާގެ ބައިވެރިޔަކު މިއަދު ބުނީ ކައުންސިލުން ގޯތިތަކުގެ ރަޖިސްޓްރީ ދޫކޮށްފައިނުވާތީ ކައުންސިލާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ނުކުމެ މުޒަހަރާ ކުރަމުންދާތާ 10 ދުވަސް ވެފައިވާ ކަމަށެވެ.
މުޒަހަރާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ހަނީފް ބުނީ ކައުންސިލުން ގޯތި ދޫކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް މީހަކު ހުށަހަޅާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ ނުނިމި އޮންނަތާ މިހާރު ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ވެސް ގޯތި ރަޖިސްޓްރީ ދޫނުކުރުމަށް ކައުންސިލުން އެކި އެކި ބަހަނާތައް ދައްކާފައިވާ ކަމަށާއި މުޒާހާރާ ހުއްޓާލާނީ ގޯތީގެ ރަޖިސްޓްރީ "އަތަށް ދިނީމާ ކަމަށް" ކަމަށެވެ.
ކައުންސިލްގެ ރައީސް ޝާފިއު މުހައްމަދު މިއަދު ވިދާޅުވީ ގޯތިގެ ރަޖިސްޓްރީ ދޫކޮށްފައި ވަނީ ގޯތިތައް ދޫކުރުމުގައި ކައުންސިލުން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާ ގުޅިގެން ގޯތީގެ ރަޖިސްޓްރީ ދޫނުކުމަށް އެ ކޯޓުން ވަގުތީ އަމުރެއް ނެރިފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެން ]ކައުންސިލުން[ ގޯތީގެ ރަޖިސްޓްރީ ހިފެއްޓުމަށް އެއްވެސް މަސައްކަތެއް ނުކުރަން. އަޅުގަނޑުމެން ހަމަ ގޯތި ދޫކޮށް، ގޯތީގެ މަސައްކަތްތައް ރައްޔިތުނަށް ހަމަ ހުޅުވާލާއިގެން، އަދި ރައްޔިތުން ގޯތި ސާފުކޮށް ރައްޔިތުނަށް ގޯތީގެ ބަދަލުދީ އެ މަސައްކަތްތައް އެހެން ކުރަމުން ދަނިކޮށް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ނުކުރެވިފައި އޮތް ކަމެއް. އަޅުގަނޑުމެން ކައިރި ކިތަންމެ ދުވަހަކު ތިއްބަސް ކޯޓުން ވަކި ގޮތަކަށް ނުނިމެނީސް އަޅުގަނޑުމެނަކަށް ]ގޯތި ރަޖިސްޓްރީ ތަކެއް[ ނުދެވޭނެ." ޝާފިއު ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ އެ މައްސަލައިގައި މިހާރު ތިން އަޑު އެހުން ބޭއްވުމަށް ފަހު ދެން އޮތީ ހުކުމް އިއްވެވުމުގެ މަރުހަލާގައި ކަމަށެވެ.
ނަމަވެސް ގޯތި ރަޖިސްޓްރީ ދޫނުކޮށްގެން ގިނަ ދުވަސް ވަމުންދާތީ އެ ރަށުން ބަޔަކު ނުކުމެ ކައުންސިލް އިދާރާ ދޮށުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަނީ މުޒާހަރާ ކުރަމުންނެވެ. މިއަދު ވެސް ކައުންސިލް އިދާރާ ތެރެއަށް ވަދެ މުޒާހަރާ ކުރަމުންދާ ކަމަށް ޝާފިއު ވިދާޅުވި އެވެ.