ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ލިއޮނަލް މެސީ ޖެހި ދެ ގޯލުން ޖަމައިކާގެ މައްޗަށް އާޖެންޓީނާ ކުރި ހޯދައިފިއެވެ.

ރޭ އެމެރިކާގެ ރެޑްބުލް އެރީނާ ސްޓޭޑިއަމްގައި އާޖެންޓީނާއާއި ޖަމައިކާ ބައްދަލުކުރި އެކުވެރިކަމުގެ މެޗު އާޖެންޓީނާ ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުން ފެނުނުއިރު އެ ޓީމުން ވަނީ ބަލިނުވެ 35 މެޗު ފުރިހަމަކޮށްފައެވެ.

ރޭގެ މެޗުގެ 13 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ގޯލުޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ލައުޓާރޯ މާޓިނޭޒްގެ އެހީތެރިކަމާއެކު ހޫލިއަން އަލްވަރޭޒް ޖެހި ގޯލެކެވެ.

ބަދަލު ކުޅުންތެރިއްގެ ގޮތުގައި މެޗުގެ 56 ވަނަ މިނެޓުގައި މެސީ ކުޅެން ނިކުމެ މެޗުގެ 86 ވަނަ މިނެޓުގައި ވަނީ ގޯލެއް ޖަހައިފައެވެ. ޖަމައިކާ ގޯލު އޭރިއާ ބޭރުން މެސީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީކަނަށެވެ.

ގޯލުޖެހުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ/ އޭފްއޭ

މެޗުގެ 89 ވަނަ މިނެޓުގައި ޖަމައިކާ އޭރިއާ ބޭރުން މެސީއަށް ކުރި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން މެސީ ވަނީ މެޗުގެ ތިން ވަނަ ގޯލު ޖަހައިފައެވެ.

ވޯލްޑްކަޕްގެ ކުރިން އާޖެންޓީނާ އެކުވެރި ކަމުގެ މެޗެއް ވަނީ ކުޅެން ހަމަޖެހިފައެވެ. ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުޅޭ އެ މެޗުގައި އާޖެންޓީނާ ނިކުންނާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ދެކޮޅަށެވެ.

ވޯލްޑްކަޕްގައި އާޖެންޓީނާ ލައްވާލައިފައިވަނީ ސައުދި އަރަބިއާ، މެކްސިކޯގެ އިތުރުން ޕޮލެންޑާއެކު ގްރޫޕް ސީގައެވެ. ވޯލްޑްކަޕްގައި އާޖެންޓީނާގެ ފުރަތަމަ މެޗުގައި އެ ޓީމު ނޮވެމްބަރު 22 ވަނަ ދުވަހު ކުޅޭނީ ސައުދީއާ ދެކޮޅަށެވެ.