ބޮޑުބޭބެގެ ނަޒަރު ވެސް ޒިޔާނާއަށް ހުއްޓުނެވެ.

ޒިޔާނާއަށް ވެސް އޭނާގެ ބޭބެ ފެނުމާއެކުއެކީ، މިޝްޔާއަށް ބަލައިލެވުނެވެ.

"މިހާރު މިޝްޔާވެސް ބޮޑުވެއްޖެއޭ ދޯ... " ޒިޔާނާއަށް ބަަލައިލުމަށްފަހު، އެހެން ބުނެލި ބޮޑުބޭބެގެ މޫނުމަތީގައިވީ ކުލަވަރުތައް މިޝްޔާއަށް ފަހުމްވިއެވެ. ބޮޑުބޭބެގެ ނިޔަތް އޭނާއަށް އެނގުނު ނަމަވެސް، އަމިއްލަ ދިފާޢުގައި އެއްޗެއް ބުނަން މިފަހަރުވެސް އޭނާ ނުކުޅެދުނެވެ. ޒިޔާނާ ހިނިތުންވެލީ ހަޤީގަތް ނޭނގި ހުރެއެވެ. އޭނާގެ ބޭބެގެ ފަރާތުން މިޝްޔާގެ ޙަޔާތަށް އަންނާނީ ކޮންފަދަ ތޫފާނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ޒިޔާނާ ދިޔުމާއެކު މިޝްޔާވެސް ސޯފާއިން ތެދުވެލިއެވެ. އެއާއެކު ބޮޑުބޭބެ މިޝްޔާގެ އަތުގައި ހިފެއްޓިއެވެ.

"ކީއްކުރަން އަހަރެންގެ އަތުގައި ތި ހިފެއްޓީ..." މިޝްޔާއަށް ބުނެވުނެވެ.

"ކީއްވެ ތި ދަނީ؟ މިތާ އިށީނދެބަލަ!" ބޮޑުބޭބެގެ ދެލޮލުން މިޝްޔާއަށް ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ.

"ދޫކުރޭ އަހަރެންގެ އަތުން..." މިޝްޔާ އެ އަތް ފޮޅުވައިލަން މަސައްކަތް ކުރިނަމަަވެސް، ބޮޑުބޭބެ އެ އަތުގައި ހިފަައްޓާފައިވަނީ މާ ބާރަށެވެ. މިޝްޔާ ކުރި ހުރިހާ މަސައްކަތެއް ބޭކާރުވަމުން ދިޔުމުގެ ސަބަބުން އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ހަމައެއާއެކު އޭނާގެ ހިތުގައިވަނީ ނުފިލާފަދަ ބިރުވެރިކަމެކެވެ.

* * * * *

ފުންމައިގެން ތެދުވުމާއެކު މިޝްޔާ އެނދުގައި އިށީނދެ ފުންނޭވާތަކެއް ލާން ފެށިއެވެ. އޭނާއަށް އެ ހަނދާންތަކުން ބުނެދޭން ނޭނގޭ އުނދަގޫތަކެއް ވަމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވުމާއެކު، އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. ދޮރާ ދިމާލަށް ބަލައިލުވުމާއެކު، އޭނާއަށް ދެއަތް މުށްކަވައިލެވުނެވެ. މޭގައި އުފެދުނު ތޫނު ރިހުން އޭނާގެ މުޅި ހަށިގަނޑު ހިޞާރުކުރަމުން ދިޔައެވެ. ދެންމެ ދެންމެ އެކޮޓަރިއަށް ބޮޑުބޭބެ ވަދެފާނެހެން އޭނާއަށް ހީވަނީއެވެ. އަދި އަމްދުން އޭނާގެ ކުރިމައްޗަށް އެރުމަށްފަހު ބޮޑުބޭބެގެ އަމަލުތައް ހުރި ގޮތުންވެސް އޭނާ ވަނީ ހާސްވެ ކަންބޮޑުވެފައެވެ. ބިރުގަނެފައެވެ. އަދިވެސް އެނުބައި ނުލަފާ މީހާގެ ވިސްނުން ބަދަލުނުވާކަން މިޝްޔާއަށް ޔަޤީންވިއެވެ. އޭނާ ހުރީ ހަމަ އޭނާގެ ގޮތުގައެވެ. ކަންތައް ކުރެވުނު ގޮތުން އެއްވެސް ވަރަަކަށް ދެރަވެ ހިތާމަކުރާކަމުގެ އަސަރެއް އެމޫނުމަތީގައި ނުވެއެވެ. އެހެނެއްކަމަކު އެ މޫނުމަތިން ފެންނަނީ ފަޚުރުވެރިކަމެވެ. ބޮޑާކަމެވެ. ވާނީވެން އެހެންކަން މިޝްޔާއަށް އެނގެއެވެ. އެހުރިހާކަމެއް އެނގުމަށްފަހު ވެސް އޭނާ އެ އުޅެނީ މިނިވަންކަން މަތީގައެވެ. އެކަހަލަ މީހުންނަށް ދިރިއުޅެން ފުރުސަތު ދިނުންވެސް ހައްޤެއްް ނޫނެވެ. އެފަދަ ފުރުސަތެއް ދީފިނަމަ ދެވަނަ ފަހަރަށް ވެސް އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލާކަށް އެކަހަލަ މީހުން ފަހެއް ނުޖެހޭނެއެވެ. އެފަދަ މީހުން މުޖުތަމައުއަށް ދޫކޮށްލާފައި ތިބޭކަމަށް ވާނަމަ އެތައް ކުދިންނެއްގެ ދިރިއުޅުން ބަރުބާދުވެގެން ދާނެއެވެ. މައްސަލައަކީ ކަނޑައެޅިގެންވާ އަދަބު ނުދެވޭތީއެވެ. އަންހެން ކުއްޖާގެ އިއްޒަތަށްޓަކާ ކަމަށް ބުނެ އެފަދަ ހަޑ މުޑުދާރު އަމަލުތައް ސިއްރުކުރާތީއެވެ. އެއީ އަންހެން ކުއްޖަކަށް ލިބޭ ނިކަމެތިކަމެއްކަމުގައި ބައެއް މީހުން ދެކޭތީއެވެ. އާއިލާ ބަދުނާމުވެދާނެކަމަށް ބުނެ އެފަދަ މީހުންގެ އަމަލުތައް ސިއްރުކުރާތީއެވެ.

މިޝްޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ސައިޑް ކަބަޑުމަތީގައި ހުރި، ޖަގުން ތައްޓަށް ފެން އެޅިއިރުވެސް ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ. ފެންތަށި އެއްނޭވާއިން ދަމައިލުމަށްފަހު ތަށި ބަހައްޓަން އުޅުނު ވަގުތު ވެއްޓި ނުތެޅުނީވެސް ކިރިޔާއެވެ. އޭނާ އެނދުގައި އޮށޯވެލާ ދެލޯ މަރައިލިއެވެ. އެ ހަނދާންތައް އަލުން އާކުރަން ބޭނުން ނޫންނަމަވެސް، އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫންކަންވެސް މިޝްޔާއަށް އެނގުނެވެ.

އެ ހަޤީގަތަކީ މުޅި ދުނިޔެއަށް ވެސް ސިއްރުކުރެވިފައިވާ ހިތި ހަޤީގަތެކެވެ. އެއީ އޭނާ ދިރިއުޅުން މަތިން ފޫހިކޮށްލި ހާދިޔާއެވެ. މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ވަންނަން މެދުވެރިވީ ވެސް އެ ހާދިޔާއަށްފަހު، ދިމާވި ކަންތައްތަކުގެ ސަބަބުންނެވެ. މަންމަ ނިޔާވުމާއެކު އާއިލާ ތެރެއިން ބޭނުންވި އެހީތެރިކަން އޭނާއަކަށް ނުލިބުނެވެ. މާކިންވެސް ކިޔަވަން ފުރުންވީ މިޝްޔާއަށް އެކަނިވެރިކަން އިންތިހާއަށް އިޙްސާސްވީ ކަމަކަށެވެ. ރިފްއަތު ވެސް ގިނަ ވަގުތު އުޅެނީ ވަޒީފާގެ ކަމެއްގައި ބިޒީކޮށެވެ. ނުވަތަ ރާއްޖޭން ބޭރުގައެވެ. ގޭގައި ތިބެނީ ގެންގުޅޭ ނޯކަރުން އެކަންޏެވެ. މިޝްހާގެ އެކަނިވެރިކަން ފިލުވައިދޭނެ މީހަކު ނުހުރެއެވެ. އެކަނި މާއެކަނި ރޮއިރޮއި އޮވެ ނިދެނީ ކިތައް ރޭކަމެއް ނޭނގެއެވެ. މީހެއްގެ އެހީތެރިކަމަށް އެދި އާދޭސްކުރެވުނު އަދަދެެއް ނޭނގެއެވެ. އެ ހިމޭން ރުއިމުގެ އަޑު އިވޭ ހިސާބެއްގައި އެއްވެސް މީހަކު ނެތެވެ. އަމިއްލައަށް އެ ވޭން ބަރުދާސްތުކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ހިތުގައި އަޅަމުންދިޔަ ވޭނާ، އެ ހަށިގަނޑުގެ ހުރިހާ ސެލްއެއްގައި ރެއާ ދުވާލު ދައުރުވަމުން ދިޔަ މާޔޫސްކަމެއް ހައްލެއް ގެންނާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ދުވާލާ ރޭގަނޑު އެކަނިމާއެކަނި ކޮޓަރީގެ ހަތަރު ފާރަށް ބަލަހައްޓައިގެން އެތައް އިރަކު މިޝްޔާ އޮވެއެވެ. ކަރުނަތައް ފުހެދޭނެ އަތެއް ނެތެވެ. އެހެންކަމުން އޭނާ ބޭނުންވީ އެ އެކަނިވެރިކަމުން އަމިއްލަ ނަފްސު މިންޖުކުރުމަށެވެ. ޑްރަގްގެ ވަބާގެ ތެރެއަށް ވަދެވުމާއެކު ގޭތެރެއިން އޭނާއަށް ނުލިބުނު އެ އަޅާލުމާ އޯގާތެރިކަމުގެ ބަދަލުގައި ކުށުގެ ވެށިން އޭނާއަށް ލިބުނު އެކުވެރިންގެ ފަރާތުން ލިބުނު ސަމާލުކަމަށް އޭނާގެ ހިތް ލެނބެމުން ދިޔައެވެ. އެކަމުން އެހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެން ދިޔައެވެ. އެތައް އިރަކު އެފަދަ ވިސްނުންތަކެއްގައި މިޝްޔާއަށް އޮވެވުނެވެ.

*****

ޖެހިގެން އައި ދުވަހު ސައިބޯން ވެގެން ތިރިއަށް ދާންވެގެން މިޝްޔާ ނުކުތްއިރު މާކިންވެސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުންނަނީއެވެ. އޭރު އޭނާ ހުރީ ކަންފަތުގައ ފޯނު ޖަހައިގެންނެވެ. މާކިންއައިސް އޭނާއާ އަރާ ހަމަވަންދެން މިޝްޔާ މަޑުކޮށްލިއެވެ.

"ކާކު؟" ލޮލުން އިޝާރާތް ކޮށްލަމުން މިޝްޔާ ސުވާލުކުރިއެވެ.

"ވެއިޓް..." މާކިން މަޑުމަޑުން ބުނެލިއެވެ.

"ފަހަރި ދޯ؟" މިޝްޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. މާމިން ދެފަރާތަށް ބޯ ހޫރައިލުމަށްފަހު، އާއެކޭ ބުނެލިއެވެ. މިޝްޔާ ދެއަތް އުފުއްލައިލީ ދެން އެއްޗެއް ނުބުނާނަމޭ ބުނާފަދައަކުންނެވެ. މާކިން ފޯނު ބޭއްވުމަށްފަހު، މިޝްޔާއަށް ބަލައިލިއެވެ. ރޭގައި މިޝްޔާގެ މޫނުމަތީގައި ހުރި އަސަރުތައް ނުފެނުނު ނަމަވެސް، އެ ދެލޮލުގައި ހުރި ހުސްކަން އޭނާއަށް ސިއްރެއް ނުކުރެވުނެވެ.

"ޔޫ އޯކޭ؟" މާކިން ސުވާލުކޮށްލިއެވެ.

"ޔެސް،،، ދެން ބުނެބަލަ ކޮން އިރަކުން ފަހަރި އިންޓްރޮޑިއުސް ކޮށްދޭނީ... ހިނގާބަލަ މިރޭ ޕްލީޒް..." މިޝްޔާ އާދޭސް ކުރަން ފެށުމުން މާކިން ބުނީ އޭނާ ވިސްނާނެކަމުގައެވެ.

"ދެން ދޮންބޭ.. ޕްލީޒް..." މިޝްޔާ ބުނެލިއެވެ.

"އޯކޭ ބުނާނަން..." މާކިން ބުނެލިއެވެ.

ކާން އައިސް އިށީންއިރު މޭޒުމަތި ހުރި ތައްޔާރުކޮށްފައެވެ. މަސްހުންޏާއި ރޮށީގެ އިތުރުން ސެލެޑަކާއި ބައެއްކަހަލަ މޭވާތައް ވެސް ކޮށާފައި ހުއްޓެވެ. މޭޒުދޮށުގައި އިށީނދެލުމަށްފަހު، ތައްޓަށް ކާއެއްޗެހި އަޅަން އުޅުނު މިޝްޔާއަށް އޭނާގެ ބޮޑުބޭބެގެ ޚިޔާލުތައް އައުމާއެކު އަތް ތިރިކޮށްލެވުނެވެ. އެ ހަނދާންތައް އޭނާއަށް އާވަނީ މާ ވަރަކަށެވެ. ވަކި ވަގުތެއް ވަކި ތަނެއް ނޯވެއެވެ.

"މިޝޫ..." މާކިންއަށް މިޝްޔާއަށް ވީ ގޮތް ފެނުމާއެކު ސުވާލުކޮށްލެވުނެވެ. މިޝްޔާ ބޯ ޖަހައިލިއެވެ.

"ކަމުނުދަނީތަ؟ އެހެން އެއްޗެއް ތައްޔާރުކުރަން ބުނަންވީ؟" މާކިން އަނެއްކާވެސް މިޝްޔާއާ ސުވާލުކޮށްލިއެވެ.

"އިޓްސް ޖަސްޓް. އައި މިސް މޯމް ސޯ މަޗް. އައި ވިޝް ޝީ އިޒް ހިއަޔ... ވިތް މީ..." މިޝްޔާއަށް އިސްޖަހައިލެވުނެވެ.

"މިޝޫ... ދޮންބެ ކައިރީގައި ވީގޮތެއް ބުނެބަލަ! ކިހިނެއްވީ އަސްލު. ނުބުނާތި ކަމެއް ނުވެޔޭ. ދޮންބެއަށް އެނގޭ ވަރަށް ބޮޑުކަމެއް ވެއްޖެކަން..." މާކިން މިޝްޔާއަށް ފުން ނަޒަރަކުން ބަލައިލީ އޭނާ ހުރިހާކަމެއް ވެސް އެނގެން ބޭނުންވެޔޭ ބުނާ ފަދައަކުންނެވެ.

"ދޮންބޭ... އޭނަ އަތުވެއްޖެ!" މިޝްޔާ ބުނެލީ ހަމައެކަނި އެހެންނެވެ.

"ކުރިން ދުވަހަކުވެސް ބުނީމެއްނު. އަނެއްކާ އޭނަ ފެނުނީތަ؟ ކޮންތާކުން؟" މާކިން މިޝްޔާއާ ސުވާލުކޮށްލިއެވެ.

"ފެނުނީއެއް ނޫން..." މިޝްޔާ އެއިން ގޮތަށް އިނދެ ބުނެލިއެވެ.

"ދެން. މިޝޫ..." މިޝްޔާ އިތުރު އެއްޗެއް ނުބުނެ ގިނަ އިރުވާން ފެށުމުން މާކިން އަނެއްކާވެސް ގޮވައިލިއެވެ.

"އޭނަ އަހަރެން ކުރިމައްޗަށް ވެސް އަރައިފި. ހީ އިޒް ސްޓިލް ދަ ސޭމް ދޮންބޭ... އޭނަ ބަދަލެއް ނުވޭ..." މިޝްޔާއަށް މާކިންއަށް ބަލައިލެވުނީ ކަރުނަވީ ދެލޮލުންނެވެ.

"ވެއިޓް މިޝޫ... ވީ ގޮތް މިހާރު ކިޔައިދީ..." މާކިންގެ ދެލޮލުން ކަންބޮޑުވުމުގެ އަސަރުތައް ފެންނަމުން ދިޔައިރު ކޮންމެވެސް ކަމެއް ހިނގައިފިކަމުގައި އޭނާގެ ހިއްސުތައް ބުނެލިއެވެ. އަދި އެއީ ރޭގައިކަމުގައި އޭނާގެ ހިތް ބުނަން ފެށިއެވެ. ރޭގައި މިޝްޔާގެ މޫނުމަތިން ފެނުނު އަސަރުތައް ހަނދާންވުމާއެކު މާކިން އަނެއްކާވެސް ސުވާލުކޮށްލިއެވެ. މިޝްޔާ މާކިންއަށް ބަލައިލުމަށްފަހު، ރޭގައި ވީކަންތައް މާކިންއަށް ކިޔައިދޭން ފެށިއެވެ. ވާހަކަ ކުރިއަށް ނުގެންދެވި އެތަކެއް ފަހަރަކު އޭނާއަށް ހުއްޓައިލަން ވެސް ޖެހުނެވެ. އުނދަގުލުން ނަމަވެސް އެ ހާދިސާ ހިނގިގޮތް ކިޔައިދިނުމަށްފަހު، މިޝްޔާ ނާޒިލް އޭނާ ސަލާމަތް ކޮށްދިން ކަމުގައި މާކިންގެ ކައިރީގައި ބުނެލިއެވެ. މާކިންއަށް އޭނާގެ ދެއަތް މުށްކަވައިލެވުނެވެ. ރުޅިވެރިކަން އޭނާގެ ނަފްސަށް ވެރިވަމުން ދިޔައެވެ.

"މިޝޫ... މިފަހަރު އޭނާއަށް ނުކެރޭނެ މިޝޫއަށް އެއްވެސް ކަމެއް ކުރާކަށް." މާކިން ޔަޤީންކަމާއެކު ބުނެލިއެވެ. އޭނާ މިޝްޔާ ގާތުން އެދުނީ އޭނާއަށް އިތުބާރުކުރުމަށެވެ. މިޝްޔާ ބޯ ޖަހައިލަމުން އާއެކޭ ބުނެލި ނަމަވެސް، ކުރިން ވީ ގޮތަށް ކަންތައް ވެދާނެތީ އޭނާ ހުރީ ބިރުގަތްފައެވެ.

****

ސައިބޮއިގެން މާކިން އޮފީހަށް ދިޔުމުން މިޝްޔާ އަނެއްކާވެސް އެކަނިވިއެވެ. ރޭގައި ނުނިދުމުގެ ސަބަބުން އޭނާގެ ދެލޮލަށް ނިދި ސަވާރުވާން ފެށުމާއެކު އޭނާ އަނެއްކާވެސް ގޮސް ކޮޓަރިއަށް ވަދެ އޮށޯވެލީ ހެނދުނުގަޑީގައި ކާން ދީފައިހުރި ބޭސްވެސް ކައިގެންނެވެ. މާ ގިނައިރެއްނުވެ މިޝްޔާއަށް ނިދުނެވެ. އޭނާއަށް ހޭލެވުނީ ހަވީރު މާކިން ގެއަށް ވެސް އައިފަހުންނެވެ.

"މިރޭ ތައްޔާރުވައްޗޭ ނުވައެއް ޖަހާއިރު... ދޮންބެ އަންނާނަން މިޝޫ ބަލާ! ކުޑަ ކަމަކު ބޭރަށް ދާން ޖެހިގެން މިދަނީ..." ގެއަށް އައިސް ފެންވަރައިގެން ރީތިވެގެން ނުކުމެ މިޝްޔާ ކައިރީގައި އެހެން ބުނެލުމަށްފަހު، އަނެއްކާވެސް މާކިން ދިޔައީ ބޭރަށެވެ.

ރޭގަނޑު ނުވައެއް ޖަހަން ދިހަ ވަރަކަށް މިނެޓަށް ވީއިރު މިޝްޔާ ހުރީ ރީތިވެގެންނެވެ. އޭނާ ލާފައިހުރީ ފެހިކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ޖީންސްއެކެވެ.

ނުވައެއް ޖަހާ ފަނަރަ މިނެޓަށް ވީއިރުވެސް މާކިން އެއް ނައެވެ. މިޝްޔާ މާކިންއަށް ގުޅަން އުޅެނިކޮށް މާކިން ގުޅާފައި އޭނާ ތިރީގައި ހުރިކަމަށް ބުނެލިއެވެ. މިޝްޔާ ގޮސް ކާރުގެ ކުރީ ދޮރުފަތް ހުޅުވައިލުމަށްފަހުވެސް، ލައްޕައިލާފައ އެރީ ފަހަތަށެވެ.

"އެ ގޮނޑި ދޭން ވާނީ ދޮންބެ ދައްތައަށް ދޯ..." މިޝްޔާ ލާނެއްގޮތަކަށް ބުނެލިއެވެ. މާކިން އެއްޗެއް ނުބެނެ ހަމައެކަނި ހިނިތުންވެލީއެވެ.

އެމީހުން ނައިރާމެންގޭ ކައިރިއަށް ދިޔައިރު ނައިރާ ހުރީ ގޭ ދޮރުމަތީގައެވެ. މާކިންގެ ކާރު ފެނުމާއެކު އޭނާ އެ ދިމާލަށް އަންނަން ފެށިއެވެ. ކާރާ ދިމާލަށް އަންނަމުން ދިޔަ އަންހެން ކުއްޖާއަށް ބަލައިލުމަށްފަހު މިޝްޔާ ވާހަކަ ދެއްކިއެވެ.

"އެއީތަ؟"

"އާނ..." މާކިން ލޯގަނޑުން ބޭރުބަލަން އިން މިޝްޔާއަށް ބަލައިލަމުން ބުނެލިއެވެ.

ނައިރާ ލާފައިހުރީ ފްލޯރަލް ޓޮޕަކާއި ޖީންސްއެކެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އަލަށް މާކިންގެ އާއިލާ މީހަކާ ދިމާވާތީ އޭނާ ހުރީ ކުޑަކޮށް ނުތަނަވަސްވެފައިކަން އެ މޫނުމަތިން ހާމަވަމުން ދިޔައެވެ.

(ނުނިމޭ)