ނ. އަތޮޅު ޅޮހީގެ ގޮނޑުދަށަށް ގިނައަދަދެއްގެ މަސް މަރުވެ ލައްވަމުން ދާތީ ރަށުގައި ކުނިވަސް ފެތުރިފައިވާކަމަށް ކައުންސިލް އިދާރާއިން ބުނެފި އެވެ.

ޅޮހީ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ނިޔާޒު މިއަދު ވިދާޅުވި އެރަށަށް މަހެއްގެ ބާވަތެއް ކަމުގައިވާ ރޮނޑާއްޔާއި އެކިފާޑުގެ މަސް ގިނައަދަކަށް ލައްގަމުންދާތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެފައިވާކަމަށާއި މަސްތަށް ކުނިވެ މިހާރު ވަސްދުވަން ފަށާފައިވާ ކަމަށެވެ. ނިޔާޒު ވިދާޅުވީ ކުރިން ހީކުރެވުނީ ރަށު ގޮނޑުދޮށަށް ލައްވާ ރޮނޑުތަކަކީ ކަންނެލި އޮޑިފަހަރު ތަކުން އުކާލި މަސްތަކެއް ކަމަށާއި ގިނަ އަދަދަކަށް މަސްމަރުވާ ކަން ފާހަގަވީ ރޮޑުގެ އިތުރުން ރަތްމަހާއި ގިޔޮޅާއި ނޫމަހާއި ވެން އަދި އެހެންވެސް ވައްތަރުގެ މަސް ލައްގަންފެށުމުން ކަމަށެވެ.

"މި ރަށުގެ އިތުރުން ރަށް މިތާ ކައިރި އޮންނަ ކުރެދިވަރުގެ ގޮނޑުދޮށަށްވެސް ގިނަ އަދަދެއްގެ މަސްމަރުވެގެން ލައްވެފައި. މަސްވެރިންވެސް މައުލޫމާތު ދެއްވާފައި އެބަހުރި ކަނޑުމަތިން ވެސް ރަތްމަސްފަދަ މަސް މަރުވެފައި ހުއްޓާ ފެނިފައި އެބަހުރި. ބަލިވެގެން ބަނޑުފުއް މައްޗަށް ޖެހިގެން ބައެއް މަސްފަޅުތެރެއިން ވެސް ފެނިފައި އެބަހުރި،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށަށް ލައްވާ އެއްވެސް މަހެއް އެއްވެސް މީހަކު ކެއުމުގައި ބޭނުންނުކުރުމަށް ރައްޔިތުންނަށް ލަފާދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބައެއް މަސްތަކުގެ ސާމްޕަލް މެރިން ރިސާރޗް ސެންޓަރަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިހާމް ސަން އޮންލައިން އަށް މިއަދު ވިދާޅުވީ ނ. އަތޮޅު ޅޮއްސައް މަރުވެފައިވާ މަސް ލައްގަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސީދާ މަސްމަރުވާ ސަބަބު ދެންނެވޭނީ ބަލަން ޖެހޭ ބެލުންތައް ބެއްލެވުމަށް ފަހުގައި ކަމަށެވެ.

"މީގެ ކުރިން2007 ވަނއަހަރު ވަނީ ހއ. އަތޮޅާއި މ. އަތޮޅުގެ އިތުރުން އއ. އަތޮޅުގެ ބައެއް ރަށްރަށަށް މަރުވެފައިވާ މަސް ލެއްގުމުގެހާދިސާއެއް ކުރިމަތިވި. އެފަހަރުގެ މައުލޫމާތުން އެގުނު ގޮތުގައި ގިނައަދދަކަށް ރޮނޑު މަރުވެފައިވާކަން ފާހގަކުރެވުނު. މިހާރުވެސް އެބާވަތްތައް ގިނައިން ފެންނަނީ. އޭރު ބެލިމބެލުމުން އެގުނު ގޮތުގައި އެމަރުވާ ރޮނޑުތައް [ޓްރިގާރ ފިޝް] މަރުވަނީ އޭތީގެ ގިލް އަށް ޖެހޭ ބެކްޓީރިއަލް އިންފެކުޝަނެއްގެ ސަބަބުންކަމަށް ދިރާސާއިން އެގުނު،" ޝިހާމް ވިދަޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ހޫނު އެންމެ ގަދަވާ ދުވަސްވަރުގައި އަލްގަލް ބުލޫމުސް (ފެން ގަޑުގެ ކުލަޔަށް ބަދަލު އަންނަ މާއްދާއެއް) އިތުރުވާ ކަން ފާހަގަ ކުރެވޭ ކަމަށާއި ގިނަ އަދަދަކަށް ފެނުގައި އަލްގަލް ހިމެނޭނަމަ މަސްތަކަށް އެ އެއްޗިހި ކެވިގެން މަރުވުން ގާތް ކަމަށެވެ. ނަމަވެސް އެކަން ޔަގީން ކުރެވޭނީ ދިރާސާތަކަށް ފަހުކަމަށްވެސް ވިދާޅުވި އެވެ.