ދެހާސް ނުވަ ވަނަ އަހަރުގެ އޭޕްރީލް މަހު އޭޑީކޭ ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި މަރުވި މައްސަލައިގައި އޭނާ ބެލި އިންޑިއާގެ ދެ ނަރުހުން އިހުމާލު ވެފައިވާކަން ޝަރީއަތަށް ސާބިތުވާތީ އެ ދެ ނަރުހުން ހަތަރު މަހަށް ގޭބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ދެހާސް ނުވަ ވަނަ އަހަރުގެ އޭޕްރީލް މަހު ވިހެއުމުގެ ތެރޭގައި ދިމާވި ހާދިސާއެއްގައި ބަނޑުގައި އޮތް ދަރިފުޅާ އެކު އޭޑީކޭ ހޮސްޕިޓަލްގައި މަރުވެފައި ވަނީ މއ. ސަތާވަރީއާގޭ ޝާހީން މުހައްމަދެވެ.

އޭޑީކޭގައި ޝާހީން ބެލި އިންޑިއާގެ ދެ ނަރުހުން ކަމަށްވާ އާޝާ ދަރުމަރާޖް އާއި ޖެކުލިން ޕުނީތާ ޖޯސެފް ގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ދައުލަތުން ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ޝާހީން އާއި އޭނާގެ ކުޑަދަރިފުޅު ބެލުމުގައި އެފަދަ ބަލިމީހަކާއި މެދު ބެލުމަށް އެންމެ އެކަށީގެންވާގޮތަށް ބަލާފައި ނުވާކަމަށެވެ. އަދި އާޝާ އާއި ޖެކްލިން އެ ދެ މީހުންގެ ޒިންމާތައް އަދާކުރުމުގައި ފަރުވާ ކުޑަކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ ގާނޫނޫލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ދެ މީހުން ހަތަރު މަހަށް ގޭބަންދު ކުރުމަށް ހުކުމް ކުރީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގައި ހެކިބަސް ދިން ބައެއް ޑޮކްޓަރުން ވިދާޅުވެފައި ވަނީ ޝާހީން މަރުވި ސީދާ ސަބަބު ނޭނގޭ ކަމަށާއި، ޕްރޮފެޝަނަލް މިންވަރެއްގައި އޭނާއަށް ފަރުވާ ދީފައި ނުވާކަމަށެވެ. އަދި ވިދާޅުވެފައި ވަނީ މަރުވުމުގައި ވަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށާއި ޝާހީން މަރުވިގޮތް އެނގޭނީ ޕޯސްޓްމޯޓަމެއް ހަދައިގެން ކަމަށެވެ.