30 Sep 2022, 11:22
އިބްން އައްބާސް ރަޟިޔަﷲ އަންހާ ވިދާޅުވިއެވެ."މައިމީހާއަށް ހެޔޮކޮށް ހިތުމަށްވުރެ ﷲގެ އަޅާ އެ އިލާހާ ކުއްތަން ކުރުވާ އަމަލެއް ތިމަން ކަލޭގެފާނު ނުދަންނަމެވެ."
***
"އަހަންނަނީ ކާކުކަން އެނގުމުގެ ހައްގު ލިބިގެންނުވޭ....."ބަރު އަޑެކެވެ. ދެމީހަކު އެއްފަހަރާ ވާހަކަދެއްކުމުން އަޑު އަންނާނީއެފަދަ ގޮތަކަށެވެ."މަންމައޭ ތިކިޔާ އިންސާނާ ނިޔާނުވާކަމެއް ނޭގޭ. ހޮސްޕިޓަލުގައިވީ.އެ މަންމަ މަރުވަނީ ދެން ކީއްކުރަން ތިއައީ؟ އެތައް އަހަރެއްވާންދެން އެކަނި މާ އެކަނި އެފަކީރު އެ ހާލުގައި އުޅުނުއިރު އުފަލާއި މަޖަލުގައި ހޭދަކޮށްފައި ތިއަހަނީ މަންމަ ކޮބާހެއްޔޭ. ލަދުގެ ކަންފުޅެއް ހުރި މީހެއްނަމަ ތިހެން ނާހާނެ....."
"ހީވާގޮތުން ތިއައީ ޖަނާޒާއަށް. ކަރުނަ އެޅިޔަސް ވަގުތު އަބުރާ ނުގެނެވޭނެ. އަހަންނަށް ކުރިން މިހިސާބަށް ނާދެވުނުކަމީ ކާކުގެ ނަސީބު ނުވަތަ ބަދުނަސީބުކަމެއް ނޭގޭ....." ކުއްލިއަކަށް ހިލްމާއަށް ފެނުނު މަންޒަރު ގެއްލި ގޭތެރެއަށް ހިމޭންކަމެއްވެރިވިއެވެ. އެމީހަކު ވަނީ ބިމަށް ކަމަށް އެރީ އުޑަށް ކަމެއްވެސް ނޭގެއެވެ. އިސްތަށިގަނޑު ވިހުރުވާލައިގެން ހުރި މީހާވެސް ތަހައްލުލުވީ ފާރުގެ ތެރެއަށެވެ.
ހިލްމާގެ ރަބަރުގަނޑަކަށްވެ ހަރަކާތްކެނޑިފައިވާ ދެފައި ކާއްތަމުން ކަހަލަ ގޮތަކަށް ފަހަތަށް ޖެހެމުން ގޮސް އެގެއިން ނިކުމެވުނީ ކައިދަންގެ ކުރިމައްޗަށެވެ. މަންމަ ބިރުން ފިތްކެނޑިފައިވާތަން ފެނި ކައިދަންގެ މޫނުމަތިން ހާސްކަން ފައުޅުވިއެވެ.
"މަންމާ...އާ ޔޫ އޯކޭ؟"ކައިދަން މަންމަގެ ކޮނޑުގައި މަޑުމަޑުން ހިފަހައްޓައިލިއެވެ.
"ކޮ...ކޮބާ މާމަ؟"ރޫރޫ އަޅަމުން ދިޔަ ހިލްމާއަށް ކުޑަ ހިތްވަރެއް ލިބުނެވެ.
""އައިސީޔޫގައި..."
"އެހާ ބޮޑުވަރުވެއްޖެތަ؟"
"ނިއުމޯނިއާ ޖެހުނީ...."
ގޭތެރެއިން އެއްޗެއް ވެއްޓުނު އަޑުފަށްގަނޑަށް ހިލްމާ އަވަހަށް ކައިދަންގެ އަތުގައި ހިފާ ދުރަށް ގެންދާން އުޅުނެވެ. ކައިދަން މަންމައާއެކު އަވަހަށް ހިނގަމުންގޮސް މަގުމައްޗަށް ނުކުތްއިރު ވަށްކަޅިއަކުން ފެނުނީ ދޮރު ހުޅުވާލެވުނުތަނެވެ. އަދި ފިޔަގަނޑެއްގެ ވައި ބޮލާއި ދިމާލަށް އަޅުވައިލުމާއެކު ހިލްމާއަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ވާލަކަށްވުރެ މާ ބޮޑު އެއްޗެއްގެ ހިޔަނި ބޯމަތިން ފެނުނެވެ. ކައިދަން ކާރުގެ ދޮރު ހުޅުވާފައި މަންމަ ކާރަށް އެރުވިއެވެ. އަދި ޑްރައިވަރު ސީޓުގައި އިށީނެވެ. ހިލްމާއަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އިހުސާސްކުރެވުނަސް ވަށައިގެން ފެންނަނީ ބިރުން ހިތްހުއްޓޭފަދަ މަންޒަރުތަކާއި އަޑުތަކެވެ.ކޮޅުކޮޅަށް ދުވާ ހިޔަނިތަކާއި ކަޅު ބުޅާތަކެވެ. ހިކަނދި ބައިގަޑެއްވެސް ޗުސްކަނޑަމުންގޮސް ޖެހިގެން ހުރި ގޭގެ ފުޅައްބުޑުން ވަނެވެ. ފިޔަގަނޑުޖެހޭ އަޑާއި އިންސާނުންގެ އަޑުނޫން ގޮތަކަށް ހޭ އަޑެވެ. ކާރުގައި ބާރަށް ޖެހިގަތުމުގެ ސަބަބުން އަރާ ލޮޅުންތަކުންވެސް ހިތަށް ސިހުން ލިބޭނެއެވެ. ރޫހާނީ ބިރުވެރިކަމެއް ލައިގަތުމުން ހަދަންވީގޮތެއް ނޭގި ހިލްމާ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަވަންފެށިއެވެ.
ހިލްމާއަށް ފެނުނުހާ މަންޒަރުތައް ކިޔައިދިނުމުން ކައިދަން ހިމޭންވިއެވެ. ކައިދަން ބުނީ މަންމަ ޒިކުރުކިޔަވާ އަޅުކަމަށް ފަރުވާތެރިވުމަށެވެ. އޭރުން އެފަދަ ޝައިތާނީީ ބާރުތަކުން ސަލާމަތްކޮށް ދެއްވާނެކަމުގައެވެ. ޖިންނިންނަށްވެސް ﷲގެ އިޒުނަފުޅާއި ނުލައި އިންސާނުންނަށް އެއްވެސް އަނިޔާއެއް ނުދެވޭނެކަމުގައި ގަބޫލުކުރަން ޖެހޭނެކަމުގައި ބުނެލާފައި ކައިދަން މައުޟޫ ބަދަލުކޮށްލައިފިއެވެ.
***
އެމާ ބޮލިތައް އަޅާފައި ހުރި ދަޅަށް ބަލަހައްޓައިގެން އިނީ ގަބުވެފައެވެ. ދުނިޔޭގައި ލެއްވިހާ ހިތާމައާއި ރިހުމެއް އެލޮލަށް ޖަމާވެފައިވިއެވެ.ސޫފީގެ އަތުން އެ އަތުލެވުނުކަމުގެ މޮޔަހީވެ އަލުން މާޒީގެ އެ ސަފުހާ ރިވައިންޑްކޮށް އެދުވަސް ގެންނަން ބޭނުންވިއެވެ. އޭރުން އޭނަ ސޫފީ ދެރަވާފަދަ ހިތުގައިޖެހޭފަދަ އެއްވެސް ކަމެއްނުކުރާނެއެވެ. ސޫފީ ނެތުމުން ގެއެކޭ ފަޅު ޕްލެނެޓެކޭ އެއްފަދައެވެ. އެއްވެސް އުފާވެރި ތުއްތު އަޑެއްނީވެއެވެ. ހުރިހާ ދިމާލަކުން ހިމޭންކަމެވެ. އެމާ މަޑުމަޑުން ހިނގާފައިގޮސް ގޭގެ ދޮރު ހުޅުވާލުމާއެކު ލޮލުގައި އަޅައިގަތީ މާގަސްތަކެވެ. މަލުން ބަރާވެފައެވެ. ޚާއްސަކޮށް މުށިތަކުގައި ހައްދާފައިހުރި އޮރެންޖް ހުދު ފިޔާތޮށި އަދި ރީދުލާއި ވައިލެޓް ބޯގަންވިލާގަސްތަކުގައި ފަތަށްވުރެ މާ ގިނައެވެ. ސޫފީހުރިއިރު ގަސްތަކުން މާ ބިނުމަކީ އާދައެކެވެ. ހުރިހާ މާތައް ހަލާކުކޮށް އުކައިލާނެއެވެ. އެންމެންވެސް އެކަމާ ހަޅޭއްލަވައެވެ. ސޫފީގެ ސަބަބުން ގަހެއްގައި މަލެއްވެސް ހަރުނުލާ ކަމަށް ކިޔާފައި ބަސްތައް ބުނެލެވެއެވެ. މިއަދު މާތައް ބިންނާކަށް އެކުއްޖާ ފުޅު ނެތެވެ. ގަސްތައް އޭގެ ރީތިކަމާއި ފެހިކަމާއި ހުރިހާ ކުލަތަކާއެކު ހިނިތުންވެލައިގެން ތިއްބެވެ. މިއަދު އެ މަންޒަރުންވެސް އެމާގެ ހިތަށް ތަދުވިއެވެ. ކޮޓަރިއަށް ވަދެ ކަތުރެއް ގެނެސް ބަލާކަށް ނުހުރެ ހުރިހާ މާތައް ކޮށައިލިއިރު ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
"ދޮންތިގެ ލޯބި ލޯބި ސޫފީ ނެތުމުން މާތައްވެސް ހުންނާނެކަމެއްނެތް. ހާދަވަރަކަށް އެބަ ހަނދާންވޭ. މަންމަ ހަޅޭއް ލެވިޔަސް ހެޔޮ. އަބަދު މާތައް ކުދިކުދިކޮށްލާނަން......އާހް ލޯބި ސޫފީކޮޅު. ކީއްވެ ދޮންތި ހިތް ހަލާކުކޮށްލީ.ދޮންތިވެސް ގެންދިޔަނަމަ........"
އެމާ ހިނގައިގަތީ ފުއްޓަރު ފަރާތު އަތިރިމައްޗަށެވެ. ކަނޑުގެ ލޮނުގަނޑު ހިނދިފައިވާއިރު މިއީ ސޫފީ ދިރުވައިލި ރުޅިވެރި މަޚުލޫގު ނުވަތަ "މޮންސްޓާ"ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އެމާ ހުއްޓިލައިގެން ހުރެ ދުރަށް މާދުރަށް ބަލަމުން ދިޔައިރު ކޯތާފަތްމަތިން ކަރުނަ ތިކިތައް ދެމެމުން ދިޔައީ ހަމައެކަނި ސޫފީއަށްޓަކައެވެ. ސޫފީއާއި ދިމާލަށް ބުނެވުނު ކޮންމެ ބަހެއް އޭނަގެ ހިތް ކަފާ ކުދިކުދިކުރަމުން ދިޔައެވެ. ދެން ސޫފީއާއި ބައްދަލުވާނީ ޖަންނަތުން ބާވައޭވެސް ހިތާހިތުން ސުވާލުކުރެވުނެވެ. އެމާ ދުޢާކުރަންފެށިއެވެ.
***
ހިލްމާ އައިސީޔޫގެ ބޭރުގައި ރޯޒަލީއާއެކު މަޑުކޮށްލައިގެން ހުރީ އެވަގުތުކޮޅު އެތެރެއަށް ވަނުމުގެ ހުއްދަ ނުލިބުމުންނެވެ. އެތައް އަހަރެއްފަހުން ދެ އެކުވެރިން ދިމާވުމުން ކުރީގެ ހާދިސާއެއް ހަނދާނަށް ގެންނަން މަޖުބޫރުވީވެސް ހިލްމާއަށް މިރަށުން ބިރުވެރި ކަންތައްގަނޑަކުން މަރުހަބާ ކިޔުމުންނެވެ. ހިލްމާ މަޑުމަޑުން އެވާހަކަދައްކަމުން ދިޔައިރު ލޮލުން އޮހެމުން ދިޔަ ކަރުނަ ޓިޝޫއިން ފޮހުނަސް ހުއްޓުވޭނެގޮތެއް ނުވިއެވެ. ބިރާއި ހިތާމަތައް އޭނަ ވަށާލާފައިވިއެވެ. ހަދާފައިވާ ހިމަ ބުމައިން ފެށިގެން އަނދުނުން ފަވާލާފައިވާ ލޮލާއި މަޑު ރަތްކުލައަކުން ޕެއިންޓްކޮށްފައިވާ ތުންފަތުން ހިލްމާ ފެޝަނަށް ލޯބިކުރާކަން ބުނެދޭއިރު ލައިގެން ހުރި އަތްކުރު ކުރުތާއާއި ހަރުވާޅުވެސް އެހާ ސްޓައިލިޝްއެވެ. ހިލްމާގެ އިސްތަށިގަނޑު ރަންކުލައަކުން ހައިލައިޓްކޮށް ހުޅިއެއް ޖަހާފައިވާއިރު ޝާހީގޮތެއް ހުއްޓެވެ.
ރޯޒަލީވެސް ޔަގީންކަމާއެކު ބުނީ މިފަހުން އޭނައަށްވެސް ގަބޫލުކުރެވެނީ އެދެމީހުން ކުރި ކުށުގެ ސަޒާ ލިބެނީކަމުގައެވެ.
"ހިލްމާ. އަހަރެން ތައުބާވެސް ވެއްޖައިން. އެތައް ފަހަރު ﷲއަށް އެދި ދަންނަވައިފިން. އަހަރެމެންނަށް އެކުރެވުނީ ރަގަޅުކަމެއްނޫން. އެއްކުއްޖަކު ވަޅުލާފައި އަނެއްކުއްޖާ އެއްލައިލާފައި އާދެވުނީ. އެކަމާއި މިރަށަށް ލައިގެން އުޅޭ ބިރުވެރި ކަންތައްތަކާއި ގުޅުމެއްވާކަމާއިމެދު ޝައްކެއް ވަސްވާހެއްނެތް. އެއީ ވިއްސާރަ ތޫފާނީ ރެއެއްކަމުން ވާރޭ ވެހޭ ރޭތަކުގައި ބިރުވެރިކަންތައް ފެންނަނީ. މިރަށުތެރެއިން ފެންނަނީ ތިން ޖިންނިންކަމަށް އެންމެން ކިޔާ އުޅެނީ..ކޮން ޖިންނިންނެއް ކަމެއްވެސް އެނގެނީއެއްނޫން. ކުރިން އެހެން ފެނުނަސް އުދަގުލެއް ނުކުރޭ.މިހާރު ކަމެއްގެ ބަދަލުހިފަން އުޅޭފަދަ....................." ރޯޒަލީ ވައިއަޑަކުން ބުނަމުން ދިޔައިރު އެހެން މީހަކު ކައިރިވެއްޖެއްޔާ ވާހަކަ މެދުކަނޑައިލައެވެ. އެދެމީހުންގެ ފާފަ އިތުރު ފަރާތަކަށް އަންގައިފިއްޔާ އެމީހުން އިތުރަށް ބަދުނާމްވާނެއެވެ.
"އާނ..ކައިދަންގެ އުމުރުން ތިން އަހަރުގައި އެކުއްޖާ ގެނެވުނީ...."
ވަޅުނުލާ އެއްލައިލެވުނީ އެކުއްޖާ. އަނެއް ކުއްޖާ މަރުވީ. މަގޭ ދަރިއަކާއި ކައިދަން އިނީ........." ރޯޒަލީގެ ޖުމްލައިން ހިލްމާ ސިހުނެވެ.
"ކީކޭ؟"
"އާނ ކައިދަން ނުބުނޭތަ؟"
"ނުބުނޭ..ހިތަށް އަރަނީ ވަޅުލާފައިވާ ކުއްޖާގެ ރޫހު އަނެއްކާ އަނބުރާ އައީހެއްޔޭ؟ އެކުއްޖާގެ ސިފަ މުޅިން ތަފާތު،ރޯޒަލީ ބުނެބަލަ. އެހެންވެގެންތަ މިއުޅެނީ؟ އަހަންނާއި ދިމާލަށް އެ ރޫހާނީ މަޚުލޫގު ދެއްކި ވާހަކަތަކުން ހީވަނީ އެއީ.......ގޯޑް. ރޯޒް. އެއީ ހަމަ އޭނަ ކަމަށް ވާނީ....ކުއްޖާ މަރުވީމަ އެކުއްޖާގެ ރޫހު އެއުޅެނީ..." ހިލްމާ ރޯޒަލީގެ އަތުގައި ހިފައިގަތްލެއް ބާރުކަމުން އަތަށް ތަދުވިއެވެ.
"ނޫން ތިއީ މުސްލިމުންގެ ގަބޫލުކުރުންތަކާއި ދެކޮޅުކަމެއް..މަރުވުމަށްފަހު ފުރާނަ އެގޮތަށް އަނބުރާ ނާންނާނެ........"
"އެސިފަ ޖެހިގެން ޖިންނިއެއް އައިސްދާނެއްނު..."
"ކޮން ސިފައެއްގައި ހުރީ؟" ރޯޒަލީ އެހިއެވެ.
"އުދުހެމުންދިޔަ ރަތް އިސްތަށިގަނޑަށް ކުލަ އަރާފައި ހުރީކަމެއް ނޫނީ އެ ރުޅިއައިސްގެން އަލިފާންވެގެން ދިއްލިގެން ހުރީ ނޫންކަމެއް ނޭގޭ. އިސްކޮޅުން ދިގު ބިޔަ. އަނދިރީގެ ތެރެއިން ރަތް ދެލޯ ދިއްލާލައިގެން ހުރީމަ ފެނުނު އިންސާނަކު ބިރުން ހޭނެތޭނެ. ތިބުނާ އަންހެން އެތިވެސް ފެނުނު. އެމީހުން އަހަރެމެންގެ އަތުން ބަދަލުހިފަން އުޅެނީ ދޯ. ރޯޒް ބުނެބަލަ.ކިހިނެއް ދެން ހަދަންވީ؟"
"ފަންޑިތަވެރިޔަކާއި ވާހަކަދެއްކީމަ ބުނީ އެގެއާއި އަވަލައިގެން އުޅެނީ ވަރަށް ބާރުގަދަ ޖިންނި ނަސްލެއްގެ ބަޔެއްކަމަށާއި ދެކޮޅަށް ހަގުރާމަކުރަން ހަދައިގެން ކާމިޔާބުވާނެކަމުގެ ޔަގީންކަމެއް ނެތްކަމަށާއި އެހެންވީމަ ހީވާގޮތުން އޭނަ ފައިސާގެ ބޮޑު އަދަދެއް ބުނާނެ.."
"ލައްކައިން ފައިސާ ދީގެންވެސް އެ ޖިންނިތައް އަންދާލަދީ ރޯޒް، ހެޔޮނުވާނެ.."ހިލްމާ އާދޭސްކުރިއެވެ.
"އެބަބަލަން..މަގޭ ދަރިންނަށްވެސް އެކި ގޮތްގޮތަށް މުސީބާތްތައް ކުރިމަތިވާންފެށީ މިކަމުގެ ސަބަބުން ކަން ޔަގީން..."
"މިރޭވެސް އެކަން ބަލާދީ.."
ރޯޒަލީގެ އަތުގައި އޮތް ފޯނުން ނަމްބަރެއް ހޯދާލުމަށްފަހު ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ.ހިލްމާ ވިސްނަމުން ދިޔައީ އޭނައާއި ރޯޒަލީގެ ސޫރައާއި ވިސްނުމަށް އައި ބަދަލުތަކެވެ. އެތައް އަހަރެއްވާންދެން ވަކިން އުޅުމަށްފަހު ބައްދަލުވީއިރު ރޯޒަލީ ފެނުނީ ތަންކޮޅެއް ޖާހިލު މީހެއްގެ ގޮތުގައެވެ. ނަމަވެސް ގާތް އެކުވެރިކަމުގެ ދޭތެރެއަށް އެފަދަ އެއްވެސް ކަމެއް ވަދެ އެގުޅުން ހަލާކުކޮށްލުމަކީ ވެވޭނެކަމެއްނޫނެވެ. އެއަށްވުރެ ހިލްމާއާއި ރޯޒަލީގެ އޮތް ގުޅުންވަރުގަދައެވެ. ރޯޒަލީއަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ކުރެވުނު ފާފަ ފޮރުވަދޭން ގުރުބާންވެ އެކުށުގައި ބައިވެރިވި މީހެކެވެ.ހިލްމާ ރޯޒަލީގެ އަތުގައި ފިރުމައިލަމުން ހިނިތުންވެލިއެވެ. އޭނަ މާޒީއަށް ފިލައިގެން އެތައް އަހަރެއްވުމަށްފަހު އައުމަށް މަޖުބޫރުވީ މަންމަގެ ބަލި ހާލެވެ. ކުރިން އާދެވުނުނަމައޭ އެތައް ފަހަރު ހިތަށް އަރައިފިއެވެ.
***
ހިލްމާ ވަރަށް ރީތިކޮށް އިނގިރޭސިން ޑޮކްޓަރާއި ވާހަކަދެއްކިއިރު ރޯޒަލީ އަނގަ ހުޅުވިފައި ގާތުގައި ހުރެގެން ދޭތެރެއަކުން ބަހެއް ބުނެލަން މަސައްކަތްކުރިއެވެ. އެތެރެހަށީގެ ޑޮކްޓަރ ބުނީ ޚާތޫނުގެ ހާލަތު ރަގަޅުވަމުން އަންނަ ކަމަށާއި ފަހަރެއްގައި ދެތިން ދުވަހުން ވޯޑަށް ބަދަލުކުރާނެ ކަމުގައެވެ. ހިލްމާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.
ހިލްމާފަދަ މުއްސަންޖަކަށް ވެ ތައުލީމު އުނގެނުނަމައޭ ހިތަށް އެރިތަނުން އޭނަގެ ދެ ދަރިންކަމަށްވާ ހައިސަމްއާއި ޖައިޝް ފެނުމާއެކު އެ ޚިޔާލުތައް ނެތިގެން ދިޔައެވެ. ފަޚުރުވެރިކަމާއެކު ހިލްމާއަށް އޭނަގެ ދަރިން ތައާރަފުކޮށްދިނެވެ. އޭނަގެ ނަސީބުގައި ނެތްކަންތައްތަކުން ދަރިންގެ މުސްތަގުބަލް އުޖާލާކޮށްދެވުމަށްވުރެ ވަކި އުފަލެއް ލިބޭނެހެއްޔެވެ؟ހިލްމާގެ ދަރިފުޅު އެހެރީ ނުކިޔަވައެވެ. އޭނަގެ ދަރިފުޅު ޑޮކްޓަރ ހަޒަލްގެ ފިރިއަކަށްވާތީ އެތައް ބަޔަކު މަލާމާތްކޮށް އެއްޗެހި ކިޔައެވެ. އެކަމުން ރޯޒަލީއަށް ފަޚުރުވެރިކަމެއް ލިބުނެވެ.
"އެމޭޒިން...ރޯޒްގެ ދަރިންތައް ހަމަ ވަރަށް ހެންޑްސަމް. ހަޒަލްވެސް އެހާ ލޯބި......"
"ހަޒަލް އިޒް ވެރީ ލޯންގް ރީތި ގާލްއެއް......."
"އެހެންތަ؟ އަދި އަނެއްހެން ދިމަލެއްވެސް ނުވޭ. ކައިދަން މެރީކޮށްގެން އެކޮޅަކަށް ހަޒަލް ނުގެންދޭވިއްޔަ. ސޫފީގެ ފޮޓޯތަކާއި ވީޑިއޯތައް ގަވާއިދުން ފޮނުވާ. ނުފެނުނަސް އެދަރިފުޅު ދެކެ ލޯބި ޖެހިއްޖެ.."
"ސޫފީ ޑެޑް ބައި އޯޝަން....."
"ކީކޭ ރޯޒް..." ހިލްމާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ.
ރޯޒަލީ ތަންކޮޅެއް ތަފްސީލުކޮށް ކިޔައިދިނުމުން ހިލްމާގެ ލޯ ފެންކަޅިވިއެވެ." ސޫފީ ހަމަ ހީވަނީ ކައިދަން ކުޑައިރުގެ ކޮޕީއެއްހެން. ވަރަށް އެޑޮރަބްލް....ހިތަށް ވަރަށް އަސަރުކޮށްފި...ރާއްޖޭގެ ޚަބަރުތައް ބަލައިވެސް ނުލެވޭ.ހަޒަލް ކޮބާތަ؟ ތިގެއަށް މާދަން ދާނީ..މިރޭ މިތާ މަޑުކޮށްލާނަން.."
"އަހަރެންވެސް މަޑުކޮށްލާނަން. ޚާތޫނުއަކީ އަހަރެންގެވެސް ގާތް އެކުވެރިއެއް. ވަރަށް ހިތްހެޔޮ. މީރު އެއްޗެއް ހެދިއްޔާ ގަދަ އަވީގައިވެސް ބޯ ވާރޭގައިވެސް ހިފައިގެން ގެނެސްދޭނެ......" ރޯޒަލީވެސް ގެއަށް ދާން ކުރި ޚިޔާލު ދޫކޮށްލައިފިއެވެ. އެހާ ޒަމާންކޮށްފައި ދިމާވުމުން ދައްކަން ޖެހޭނެ ލައްކަ ގިނަ ވާހަކަ ހުންނާނެއެވެ.
"އެންމެ ކުރިން ރެސްޓޯރެންޓަށް ދަމާ ހިނގާ..."
ހޮސްޕިޓަލުގެ ގޯތިތެރެއަށް ނިކުތްތަނާ ހިލްމާގެ ނަޒަރުގައި އަޅައިގަތީ ގަހުގެ އަނދިރީގައި ހުއްޓިލައިގެން ހުރި ކަޅު އެންދެރިކޮޅެއްފަދަ އަންހެންކުއްޖާއެވެ. އޭނަ ލޯ އަޅާލައިގެން ހުރިތަން ފެނި ހިލްމާއަށް ހިންދިރުވައިލެވުނެވެ. ރޯޒަލީގާތު މަޑުމަޑުން ބުނުމުން އޭނައަށްވެސް އެދިމާލަށް ބަލައިލެވުނެވެ. އެތާ ހުރީ ދެވަނަ މީހެއް ނޫނެވެ. ލައިލާއެވެ. އިސްތަށިގަނޑު ވިހުރުވާލައިގެން އަލިފާނުގެ ބެލުމަކުން އެމީހުންނަށް ބަލާށެވެ.
***
ޚަލީސީ އެމާ ނުފެނިގެން ހޯދަމުން ދިޔައިރު ގޭގެ ފަހަތުގައި އޮތް ބައިގާ ހުރި ރުއްގަނޑެއްގެ މަތީގައި އިށީދެލައިގެން ފޯނާއި ކުޅެން އިނެވެ. އެމާ ބަލަން އިނީ ސޫފީގެ ވީޑިއޯއެކެވެ. އެންމެ ފަހު ދުވަހު އެމާ ނެގި ލޯބި ވީޑިއޯއެވެ. ސޫފީގެ އުފާވެރި ޅަ ހުނުމުގެ އަޑުންވެސް ހިތްތަކަށް އުފާވެރިކަން ލިބޭނެއެވެ. ދުވަހެއްގެ ކޮޅުންވެސް އެކުއްޖާ ނުފެންނާނެކަމީ އެންމެންނަށް ގަބޫލުކުރަން ދަތި ހިތި ހަގީގަތެކެވެ.
"އެމާ ކީއްކުރަނީ؟"
"އައި ފީލް ބޭޑް. ސޫފީއާއި ދިމާލަށް ދެރަވާކަހަލަ އެއްޗެހި ބުނެވިފައި ހުރީމަ..."
އެންމެންވެސް ލޯބިވާ މީހުންނަށް ހާޓްކުރޭ. އެކަމަކު މީން ކޮށްފައެއްނޫން ބުނާނީ. ސޫފީއަށްވެސް އެމާގެ ލޯބި އިހުސާސްކުރެވޭނެ..އެމާއަށް އެނގޭތަ؟ ރާހިލް ބުނި އެއްޗަކުން މި ވާހަކަ ހިއްސާ ނުކޮށް ހުންނަން އުދަގޫވެގެން މިއައީ...."
"ކޮން ވާހަކައެއް؟"
"ރާމިސްގެ ވާހަކަ. ދެރަނުވައްޗޭ.."
"ކީއްވެ؟"އެމާގެ ގައިން ފިނި ހީބިހި ނެގިއެވެ.
"ރާމިސްއާއި ވާހަކަދައްކަން ކުޑަދޮރު ކައިރި ހުރިވާހަކަ ބުނީމެއްނު. އެގަޑީގައި ރާހިލް އެހެން ދިޔަ. އެމާ އެކަނިމާ އެކަނި ވާހަކަދައްކަން ހުރިކަމުގައި ބުނީ. ރާހިލް ބޮޑަށް ކަންބޮޑުވީ އޭނައަށް އުދަގޫކުރާ މީހުންގެ ތެރޭ ރާމިސްއެއް ހުރީމަ. މިގޭތެރޭގައި ބިރުވެރި އާދަޔާޚިލާފު ކަންތައްގަނޑެއް އެބަ ހިނގާ. ރާމިސްއަކީ އިންސާނެއްނޫން އެމާ. އެދުވަސްފަހުން ނާންނަނީ ކީއްވެ؟ އެމާއަށް ނުހިގެނީ ކީއްވެ؟ އެމާއަށް ދިން ކެވެލިކޮޅު ސޫފީއަށް ދިން ކެވެލިކޮޅާއި ވަރަށް އެއްގޮތް. އެހެރީ ހައްތާވެސް ސުވާލު އުފެދޭކަންތައް.........."
"އޯމައިގޯޑް. ދެން ކިހިނެއް ހަދާނީ؟" އެމާއަށް ލޯ ބޮޑުކޮށްލަމުން ޚަލީސީގެ އަތުގައި ހިފައިލެވުނެވެ."އައިމް ސޯ ސްކެއާޑް ޚަލީސީ. ހަމަ ރަގަޅަށްވެސްތަ؟ ރާހިލް ލާނެތްވީމަ ސަމާސާއެއް ނުކުރާނެތަ؟ރާމިސްއޭ ކިޔައިގެން އެދެއްކީ ސީރިޔަސް ވާހަކައަކަށް ވެދާނެތަ؟ ސުބުހާނަﷲ......މިއަދުވެސް ޒިކުރުނުކުރަން. ގުރުއާންވެސް ނުކިޔަވަން. މަންމަ ބުނޭ އަހަރެމެން އުޅޭގޮތުންނޭ ޝައިތާނުން އަވަލަނީ...."
އެމާ ވަށައިގެން ލޯ ހިންގައިލިގޮތުންވެސް އެކުއްޖާ ބިރުގެންފައި ހުރިވަރު އަންދާޒާކުރެވުނެވެ.
"މަންމަ ފަންޑިތަހަދަން މީހަކު ގެންނަނީޔޯ.....ރާހިލް ބުނި ވައިޓް މެޖިކް ކަހަލަ އެއްޗެކޭ.............."
"މިރޭ ނިދަންވެސް ނުކެރޭނެ. ޚަލީސީ އަބަދު ގާތުގައި ހުންނައްޗޭ. ބަގަރާ ސޫރަތް ޖަހާފައި ބަހައްޓާނީ. ސޫފީވެސް މަރައިލީ އެޖިންނި ކަމަށްވާނީ..."އެމާ އެހެން ބުނެފައިވެސް ޚަލީސީއާއިމެދު ވިސްނައިލުމުން މުސްލިމަކަށްނުވާތީ ހިތަށް ބިރުވެރިކަން ވަނެވެ. ކާފަރުންނާއި ޖިންނި އަވަލުން ފަސޭހަވާނެއެވެ. އެހެންވީމަ އޭނަ ދާނީ ހަޒަލްގެ ކޮޓަރިއަށެވެ. އެކަމަކު ކައިދަން އުޅޭނެ ނޫންހެއްޔެވެ؟ ހަދާނެގޮތް ހުސްވެފައިހުރި އެމާ ތެދުވެގެން އަވަސްވެގަތީ އޭނަގެ މަންމަގެ ޚިޔާލު ހޯދަން ދިޔުމަށެވެ. މަންމަގާތުގައި ރާމިސްގެ ވާހަކަ ކޮންމެވެސް ސިފައެއްގައި ނުދައްކާ ހުރެފިއްޔާ އޭނަގެ ދުވަސްގޮސްދާނެއެވެ. ބައެއްގަޑީގައި އޭނައަށް ނުހިނގެނީވެސް ޖިންނިއެއްގެ ގޯނާގެ ސަބަބުންކަން އެމާއަށް ޔަގީންވިއެވެ.
***
ކައިދަން އާއި ރަވާން ފުރަމެންދަމު ހިނގަމުންގޮސް އެންމެ ވާ ބޯ ދިމާލަށް ވަދެ ކިނބި ގަހެއްގެ ބުޑުގައި އިށީދެލިއެވެ. ރަވާންގެ އެކުވެރިންގެ ހިލަންވިޔަސް ކައިދަން އެ މީހުންނަކަށް ފަރުވާލެއް ނުބަހައްޓައެވެ. ރަވާންގެ ގާތުން ކައިދަން އޮޅުން ފިލުވަން ބޭނުންވީ ސޫފީ ކަނޑަށް ގެއްލުމާއި އެއްވެސް ގުޅުމެއް ވޭތޯއެވެ. ރަވާން ހުވާކޮށްފައި ބުނީ އެކަން ނޭގޭކަމުގައެވެ. ޖިންނިންނަށްވިޔަސް ހުރިހާކަމެއް ނޭގޭ ކަމަށާއި ދާ ފުރާނައެއްގައި ނުހިފެހެއްޓޭނެކަމުގައި ބުނުމުން ކައިދަންއަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ފުރަމެންދަމުގައި ވަލުތެރެއިން އަޑު އިވުނު މީހެއްގެ ހިތަށް ބިރުވެރިކަން ވަނަސް ހަގީގަތުގައި ވޭނާއި ހިތާމައާއި ކެކުޅުމުން ފުރިފައިވާ އަޑެކެވެ. އޭނަގެ އުއްމީދުގެ ހުޅުކޮޅު ރަވާންގެ ޖުމްލައިން ނިވާލެވިއްޖެއެވެ.
"ކީއްވެ ސޫފީ ސަލާމަތްނުކުރީ؟ ކީއްވެހެއްޔޭ؟" ކައިދަން ރަވާންގެ މޭމަތީގައި އެތިފަހަރެއްޖެހިއެވެ.
"އަންހެންކުއްޖެއްހެން ފިނޑިނުވެ ހިތް ހިލަކުރަން ދަސްކުރޭ. މާ ޅަވެގެން އުޅޭގޮތުން ހައިރާންވެފައި މިހިރީ. އަހަރެމެންނަށް ލިބިފައިވާ ބާރު ކައިދަންއަށް ނުލިބިގެން އުޅޭ ސަބަބަކީވެސް އެއީ. އެހެންނޫންނަމަ އެއްމާބަނޑު ދެމީހުންނަށްވުމުން އަހަރެންނަށް ލިބިފައިވާ ބާރާއި ފުރިހަމަކަމެއް ހުންނަން ޖެހޭނެ ދޯ. ހިތްވަރުކުރޭ......."
"ހުރިހާ މައްސަލައަކީ ބަދަލުހިފަން އުޅުމާއި ރުޅިވެރިކަމާއި މީހުންނަށް އަނިޔާކުރުން. އެހެންވެ ސޫފީވެސް ގެއްލުނީ.." ކައިދަން ހިތްވަރު ގެއްލި ކަކުލުގައި ބޯ ޖައްސައިލިގޮތަށް ހިމޭނުން އިނީއެވެ.
"ދުނިޔެއަށް އަންނަ ކޮންމެ އެއްޗެއް ފަނާވެގެން ދާނެ...."
"ހޭއި...."ކުއްލިއަކަށް ކުރިމަތިން ރާމިސް ފައުޅުވިއެވެ. އޭނަ ހުރީ އިންސާނެއްގެ ސިފައިގައެވެ." ރަވާން. މާ ވަރުގަދަ ކަންތައްގަނޑަކާއި އަހަރެމެންނަށް ކުރިމަތިލާން ޖެހިއްޖެ. ކައިދަންގެ މައިދައިތަ އުޅެނީ އަހަރެމެންނަށް ސިހުރު ހައްދަންވެގެން. ކިހިނެއް ހަދަންވީ؟"
"މަރުވާހިތުން އުޅޭ މީހަކަށް އެ ސިހުރުވެރިޔާ ވާނީ. އަހަރެމެންނަނާއި ނުކުޅެވޭނެ. މަށަކީ ކާކުކަން އަދި ނޭގިގެން އެއުޅެނީ...."ރަވާން ފައިން ބިންމަތީގައި ޖެހުމާއެކު ކުޑަ ޒަލްޒަލާއެއް އައިފަދައިން ދޮންވެލިގަނޑުވެސް އެކި ފަރާތަށް ބުރުއްސައިގެން ދިޔުމާއެކު ވަޅުގަނޑެއް ހެދުނެވެ. އަލިފާންކަނިވެސް އެކި ދިމާލުން ބުރައިގެންގޮސް ހުއިތަކުގައި ރޯވެ އަނދަންފެށިއެވެ. ވަށައިގެންވާހާ ގަސްތަކުގައި ވައި އަޅުވާ ބިންދައިލަން އުޅުނުފަދައެވެ. ކައިދަންވެސް ބިންމަތިން ތެދުވާން އުޅުމުން ގަދަވައިގާ ވިއްސައިގެންގޮސް ގަހެއްގައި ޖެހުމުގެ ކުރިން ކޮންމެވެސް އަތެއްގެ ހިމާޔަތް ލިބުނުކަން އެނގުނެވެ. ކައިދަން ހޭވެރިކަންވީއިރު އޮވެވުނީ އަމިއްލަ ކޮޓަރީގެ އެނދުގައެވެ.
"ފެނުނު ހުވަފެނަކަށް ވެއްޖެއްޔާ ރަގަޅު...." ކައިދަން ލޯ ހުޅުވައިލިއެވެ.
"ކޮންތާކުން ތިއައީ؟"ހަޒަލް ނުކުމެގެން އައީ ފާޚާނާއިންނެވެ. އޭރު ކައިދަން ހުރީ ކުޑަދޮރު ކައިރީގައި ބޭރަށް ބަލަހައްޓައިގެންނެވެ.
"ވަރަށް ދެރަވޭ މިހެން ބުނަން. އެކަމަކު....."ކައިދަން ހަޒަލްއާއި ދިމާލަށް ކަތި ނަޒަރަކުން ބަލައިލިއިރު އެލޮލުން ހިތާމައިގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. "ސޫފީ ވަޅުލާފައި މިއައީ....ސަކަރާތްވެފައި އޮތްވަރުން ހަޒަލްމެންނަށް ދައްކަން ބޭނުންނުވީ. ފަޅުރަށެއްގެ ގޮނޑުދޮށަށް ދަރިފުޅު ލެއްގީ. ޒިންމާވާން ޖެހޭނީ ހަޒަލް..ތި ވަޒީފާގަނޑަށް ނުގޮސް ދަރިފުޅު ބަލަން ގޭގައި ހުންނަން ޖެހޭ މީހާއޭ ތިއީ. ދަރިން ނުބެލެންޏާ ހޯދުމުގެ އެއްވެސް މާނައެއް ނުފެނޭ. ފެނުނަސް ފޫހިވޭ......."
"ތިއީ މަންމައަކަށް ވާން އެކަށީގެންވާ ވަރުގެ މީހެއްނޫން. އެހެންވެ ސޫފީވެސް ވަކިވީ. ހަމަ ރަގަޅަށް އެވީ..."
ހަޒަލްގެ ކަންފަތުގައި އެ ޖުމްލަތައް ޖެހުނީ ހޮނު ގުގުރިފަދައިންނެވެ.
ނުނިމޭ