ޓޫރިޒަމް މިނިސްޓްރީގެ އަޒުމަކީ މިއަހަރު ނިމޭއިރު ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން ގެނައުން ކަމަށާއި އެ ޓާގެޓް ހާސިލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ މަލީހު މިއަދު ވިދާޅުވީ ރާއްޖެއާ ދެކޮޅަށް ހިންގޭ ނެގެޓިވް ކެމްޕޭންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަމާއި ވިސްނުން ޓޫރިޒަމް މިނިސްޓްރީގެ ޓީމްގައި އެބަހުރި ކަމަށާއި މިހާރު ކުރެވޭ މަސައްކަތުން ރާއްޖެ އަށް ޓޫރިސްޓުން އަންނަ މަންޒިލްތަކުން ޓޫރިސްޓުން އަންނަ އަދަދަށް ކުރިއެރުން އަންނަ ކަމަށެވެ.

"ޔޫރަޕިއަން ޔޫނިއަންގައި އެކޮނޮމިކް ކްރައިސިސްއެއް އުޅޭކަން، އެކޮނޮމިކް ސްލޯޑައުންއެއް އުޅޭކަން މިއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް. އެކަމަކު އިއްތިފާގުން އަޅުގަނޑުމެންނަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މުހިންމު މާކެޓްތައް ކަމުގައިވާ ހާއްސަކޮށް، ޖާމަނީ އަޅުގަނޑު ފާހަގަ ކުރަން، ސްވިޒަލޭންޑް ފާހަގަ ކުރެވޭ، މި މާކެޓްތަކުން ދައްކަނީ ވަރަށް ޕޮޒިޓިވް ގްރޯތު. މިސާލަކަށް އިނގިރޭސި ވިލާތުން އިޓަލީން އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެވެސް ދަށަށް ދިޔަ ނަމަވެސް ޔޫރަޕް މާކެޓުގެ އެހެން ތަންތަނުން ކުރިއެރުން އެބައާދޭ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕުގެ ބައެއް ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު މަދު ނަމަވެސް އޭޝިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ޗައިނާ މާކެޓަށް ހާއްސަކޮށްގެން މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި އަންނަ މަހު ރާއްޖޭގެ ހާއްސަ ޑެލިގޭޝަނެއް ޗައިނާއެއް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ޕޮޒިޓިވް ގްރޯތު. ޗައިނާގެ މާކެޓުން ވެސް. އެހެންވީމާ ބޮޑު މަންޒަރަށް ބަލާ އިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދެއްނުވާނެ،" މަލީހު ވިދާޅުވި އެވެ.

"ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި ރާއްޖޭގެ ޕްރޮމޯޝަން ކުރިއަށް ގެންދާ އިރު މަލީހު ވިދާޅުވީ ގިނަ ފައިސާ ހަރަދުކޮށްގެން ހެދި، އަލަށް ފަރުމާކުރި އޯލްވެސް ނެޗްރަލްގެ ލޯގޯވެސް ރަނގަޅު ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކަކާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެ ފައިސާ ބޭކާރު ގޮތުގައި ދިޔައަކަ ނުދޭނަން،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ގެ އެހެން ބައެއް އޮފިޝަލުން ވެސް މިއަދު ވަނީ މީޑިއާއަށް މައުލޫމާތުދެއްވާފަ އެވެ. އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ޓްރެވަލް އެޖެންސީތަކާއި އެއާލައިންތައް ގުޅިގެން ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެ ކަމަށެވެ. އެ ކުންފުނިން ވެސް ބުނީ ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން މިއަހަރު ގެނެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ ފެބުރުއަރީ މަހުގެ ހިސާބުތަކުން ދައްކާ ގޮތުން 83252 ޓޫރިސްޓަކު ރާއްޖެ ވަނީ އައިސްފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.7 ޕަސެންޓް ދަށްއަދަދެކެވެ.