ރައްޔިތުންގެ މަޖިލީހުގެ ވޯޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ސަރުކާރުގެ އޮނިގަނޑަށް އިތުރު ކުރުމަށް ހުށަހަޅާފައި ދެ މިނިސްޓްރީގެ މައްސަލައަށް ވޯޓަށް ނޭހި މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.


އާ ދެ މިނިސްޓްރީގެ ގޮތުގައި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ހިއުމަންރައިޓްސް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އުފައްދަވައި، މިނިސްޓީ އޮފް ހެލްތު އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް، އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާންސްޓްރަކްޗާގެ ނަމަށް، ބަދަލުކުރުމަށް ސިސްޓަމް ރަނގަޅުކޮށްގެން ވޯޓަށް އެއްސެވޭތޯ ރިޔާސަތުން 15 ވަރަކަށް މިނިޓް މަޑުކުރެއްވި އެވެ.

މިއަދުގެ ޖަލްސާގެ ވޯޓަށް އަހާ ގަޑި، 1:30 އިން ފެށިގެން މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވޯޓަށް އައްސަވަން މަސައްކަތްކުރެއްވި ނަމަވެސް ވޯޓިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ނުކުރެވިގެން 2:00 އާ ހަމައަށް ދިޔައިރު ވެސް ވޯޓަށް ނޭހުނެވެ. އަދި އެ ވަގުތުގެ ތެރޭގައި ސިސްޓަމް ރަނގަޅު ކުރުމަށް 10 މިނިޓަށް ޖަލްސާ މެދު ކަނޑައިލަގެން ވެސް އެކަމަށް ހައްލެއް ނައުމުން 2:00ގައި ޖަލްސާ ނިންމާލައްވަމުން ނާޒިމު ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށެވެ.

އާ ދެ މިނިސްޓްރީ އުފައްދަވައި، ދެ މިނިސްޓްރީގެ ނަން ބަދަލު ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ، މިނިސްޓްރީ އޮފް ހައުސިން އެންޑް އެން ވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާންސްޓްރަކްޗާގެ ނަމަށް ބަދަލުކޮށް އެ ވުޒާރާގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި ހިޔާވަހި ކަމާ ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި އިމާރާތް ކުރުމާ ބެހޭ އެންމެހާ ކަންކަމާއި ޕަބްލިކް އިންފްރާންސްޓްރަކްޗަރާ ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުން ހަމަޖައްސަވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީގެ ނަމުގައި ވުޒާރާއެއް އުފައްދަވައި އެ ވުޒާރާގެ މަސައްކަތުގެ ދާއިރާއަކީ ތިމާވެއްޓާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި މީޓިއޮރޮލޮޖީއާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި ހަކަތަ އާއި ބޯފެނާ ބެހޭ އެންމެހާ ކަންތައްތަކާއި ނަރުދަމާ އާއި ނަޖިހާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން ކަމަށް ހަމަޖައްސަވައިފަ އެވެ. އަދި މިނިސްޓީ އޮފް ހެލްތް އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް ބަދަލުކޮށް އެ ވުޒާރާގެ މަސައްކަތުގެ ދާއިރާ އަކީ ސިއްހަތާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން ކަމަށް ހަމަޖައްސަވައިފަ އެވެ. އަދި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ހިއުމަންރައިޓްސްގެ ނަމުގައި ވުޒާރާއެއް އުފައްދައި އެ ވުޒާރާގެއ މަސައްކަތުގެ ދާއިރާއަކީ އާއިލާއާ ބެހޭ އެންމެހާ ކަންތައްތަކާއި ކުޑަކުދިންނާ ބެހޭ އެންމެހާ ކަންތައްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭ އެންމެހާ ކަންތައްތަކާއި އިންސާނީ ހައްގުތަކާ ބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސް ކުރުމާ ގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން ކަމަށް ހަމަޖައްސަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދޭތެރެ ދޭތެރެއިން ސިސްޓަމްތަކަށް މައްސަލަ ކުރިމަތިވެގެން މެންބަރުން ޝަކުވާކުރަމުންދިޔަ ކަން ފާހަކަ ކޮށްލެވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ އެ މައްސަލަތަކަކީ ހުސްވި މާޗް މަހުގެ 19 ވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ތަކެއްޗަށް ގެއްލުން ލިބުނު މައްސަލައާ ގުޅިގެން ސިސްޓަމްތަކަށް ދިމާވެފައިވާ މައްސަލަތައް މުޅިން ރަނގަޅު ނުވާތީ ދިމާވަމުން އަންނަ މައްސަލައެއް ކަމަށެވެ.