‎ރާއްޖޭގެ ޒުވާން އާބާދީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ޒުވާން އާބާދީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް މިނިސްޓަރު ގޮވާލެއްވީ ޔުނެސްކޯއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޔޫތު އޭޒް ރިސާޗާސް އިން ސްރީލަންކާ އެންޑް ދަ މޯލްޑިވްސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 45 އިންސައްތައަކީ ޒުވާނުންކަމަށާއި އަމާޒަކީ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޝާމިލުވުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެ ގޮތްތަކެއް އިސްނެގުމާއެކު ހޯދުން ކަމަށެވެ. އަދި ރިސާޗުގެ ސަބަބުން ޒުވާނުން ކަންކަމުގައި އިސްނަގައި ޝާމިލުވުމުގެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

‎ޒުވާނުންނަށް ސިޔާސަތުތަކާއި ޑިމޮކްރަސީއާ ބެހޭގޮތުން ދަސްކުރެވޭނެ އެންމެ މުހިއްމު ކަމަކީ އަޑުއުފުލުމަށް ހިތްވަރު ދިނުމާއި ނިންމުންތައް ނިންމުމުމަށް ފުރުސަތު ލިބުމާއި އަދި ނުފޫޒު ފޯރުވުމަށް ފުރުސަތު ލިބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުން ދިރާސާވެރިންނަށް ވުމަކީ އެކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ. ‎2020 ވަނަ އަހަރު ޝާއިއުކުރި އައިއެލްއޯގެ "ޔޫތު އެންޑް ކޮވިޑް19، އިމްޕެކްޓްސް އޮން ޖޮބްސް، އެޑިއުކޭޝަން، ރައިޓްސް އެންޑް މެންޓަލް ވެލްބީން" ރިޕޯޓުން އެތަކެއް ފިލާވަޅެއް ލިބިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރިޕޯޓަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ ކޮވިޑުގައި އެކަހެރި ވެގެންދިޔަ ޒުވާނުންނަށް ނަފްސާނީ އަސަރުކުރުވި ކަން އެ ރިޕޯޓުން ފާހަގަވި ކަމަށާއި އެހެންކަމުން ކޮވިޑުގެ ދުވަސްވަރު އެމީހުންނަށް ކުރިމަތިވި މައްސަލަތަކަށް އަޑުއުފުލުމުގެ އިތުރުން ބަލިމަޑުކަމަށްފަހު ކުރިމަތިވި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު މި ރިސާޗުން ލިބިގެންދާނެ ކަމަށެވެ.

‎"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމަކީ، އެކަހެރިވެގެން ދިޔަ ޒުވާނުންނަށް، ނުވަތަ ސްކޫލް ބަންދުކޮށް، މޮބިލިޓީއާއި ވަޒީފާ ގެއްލިގެން ދާން ޖެހުނު ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ އަސަރުތައް. އަޅުގަނޑުމެން އެބޭފުޅުންނާ މަޝްވަރާކުރަންޖެހޭ، އަޅުގަނޑުމެންނަށް ރަނގަޅަށް ބިލްޑް ބެކް ކުރުމަށް ކުރާ މަސައްކަތް ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

‎މިނިސްޓަރު ވިދާޅުވީ ޒުވާނުންނަކީ ކެތްތެރި، ދަތިތަކާއި ކުރިމަތިލާންކެރޭ އަދި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގައި ގާބިލުކަން ބޭނުންކުރަން ދަންނަ ބަޔަކަށް ވާންޖެހޭކަން އެ ރިޕޯޓުން ފާހަގަވި ކަމަށެވެ.

އެހެންކަމުން ސިޔާސަތުތައް އެކުލަވާލާ، ތަންފީޒުކުރާ ގޮތާއި ޒުވާނުންނަށް އަސަރުކުރާނެ ސިޔާސަތުތަކުގައި އަޑު އުފުލުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

‎އިޖުތިމާޢީ ދިރާސާތަކާއި ސިޔާސަތުގެ މަޝްވަރާތަކުގެ ތެރެއިން އަމިއްލަ މުސްތަޤްބަލް އަލުން ފަރުމާކުރުމުގައި ބައިވެރިވުމަކީ ހަމައެކަނި ޤައުމަށް ފައިދާހުރި ކަމެއް ނޫން ކަމަށާއި، ފަރުދުންނާއި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ކުރިއަރައި ދިއުމަށް އެއީ އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

‎މިނިސްޓަރު ވިދާޅުވީ މުޖުތަމައުގައި ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދެކެވި ޒުވާން ދިރާސާވެރިންގެ ވިސްނުންތަކުގެ ސަބަބުން ހެޔޮ އަދި މާނަހުރި ބަދަލެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.