Last Updated:
3 year 2 month ago

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ

    ބުލޮގު ޚުލާސާ

    މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ ހއ. އުތީމުގައި ކުރިއަށްދަނީ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ

    10:53

    ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލައިފި.

    10:38

    ބޮޑުތަކުރުފާނު ޒުވާން ދުވަސްވަރު މަޅިފަތި ހިއްޕަވައިގެން ދޫނި ހިއްޕެވި ދޫނި ތުނޑި ގިރާ، ނެތިގޮސްފައިވާ ކަމަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު. އެހެންކަމުން އެ ތަރިކަ އަލުން ވުޖޫދަށް ގެންނަވާ ހިމާޔަތް ކޮށްދެއްވުމަށް ރައީސް ޞާލިޙު އަރިހުގައި ކައުންސިލް ރައީސް އަބްދުﷲ އެދިވަޑައިގަތް

    10:29

    ބޮޑުތަކުރުފާނުގެ މަސައްކަތްޕުޅުން ހިތްވަރާއި އަޒުމު ދަސްކުރަން ޖެހޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވި

    10:03

    ބޮޑުތަކުރުފާނު ވެގެން ދާނީ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ތެދުވި ކޮންމެ މީހެއްގެ ބަތަލަކަށް ކަމަށާއި އެ މަނިކުފާނަކީ ބައިނަލްއަގުވާމީ ބަތަލެއް ކަމަށް ތާރީހާ ގުޅޭ މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަހުމަދު އަލާ ދީދީ ވިދާޅުވި

    09:53

    ގައުމީ ދުވަހުގެ އުފަލަކީ ހުރިހާ ދިވެހިންގެ އުފަލެއް ނަމަވެސް ގައުމީ ދުވަސް ޒީނަތްވެ، ޝަރަފްވެރިވެ، ތަކުރާރުވާ ސަބަބަކީ ސަލާމަތީ ޚިދުމަތުގެ އޮފިސަރުން ކަމަށް ރައީސް ވިދާޅުވި

    ރައީސް ޞާލިޙު

    އުތީމު ގަނޑުވަރު ނޫނީ ދިވެހި ގައުމިއްޔަތު ދައްކުވައިދޭ މިފަދަ އާސާރެއް، ހަނދާނެއް އަދި ތާރީޚީ ބިނާއެއް ނެތޭވެސް ދެންނެވިދާނެ
    09:49

    މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެން ޖެހެނީ އަމިއްލަ ތާރީޚު ކަމަށާއި އެގޮތުން ތިމާމެންނަކީ ކޮންތާކު، ކިހިނެއް ދިރިއުޅުނު ކޮންބައެއްކަން އެނގެންޖެހޭ ކަމަށް ރައީސް ވިދާޅުވި

    ރައީސް ޞާލިޙް

    ބޮޑުތަކުރުފާނު އަމާންކުރެއްވި ކަނޑުތަށް ނާމާން ކުރާ މަސްތުވާތަކެއްޗާ ވަގުވިޔަފާރިއަށް މަގުފަހި ކުރުމަކީ ދިވެހި ގައުމިއްޔަތެއް ނޫން. މަސްތުވާތަކެއްޗާ، ގޭންގްކުށްތަކަކީ ގައުމިއްޔަތާ ދުރުވިވަރަކަށް ގާތްވާކަންކަން
    09:47

    މިއަދު ފެންނަ އިޖްތިމާއީ ބޮޑެތި ހުރިހާ މައްސަލަ ތަކެއްގެ ފެށުން ގުޅެނީ ގައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމާ ކަމަށް ރައީސް ވިދާޅުވި

    ރައީސް ޞާލިޙު

    ފަތުރުވެރިން ރާއްޖެއަންނާން ފެށިތާ މިއީ 50 ވަނަ އަހަރު. މެހެމާންދާރީއާ އޯގާތެރި ކަމާ ހިތްހެޔޮކަން ނުވި ނަމަ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލްކަމުގައި ރާއްޖެ އަކަށް ނުވެވުނީސް
    09:44

    ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހެމާނުންނަށް ކަމޭ ހިތާ އިހްތިރާމްކޮށް އޯގާތެރިވުން ކަމަށާއި ރާއްޖެއަށް ލާބަ ހުރި ކޮންމެ ކަމެއްގައި އެތަކުރުފާނު އިސްކުރެއްވި ޚާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް ކަމަށް ރައީސް ވިދާޅުވި

    09:44

    ދިވެހި ކާބަފައިން އެކީ އެއްހަމައެއްގާ އުފުލާ ގެނެސް އަޅުގަނޑުމެންނާ ހަވާލު ކުރި ޒިންމާއަކީ މިގައުމާއި ދިވެހި ޤައުމިއްޔަތާއި ދުނިޔެއާއި މާތްވެގެންވާ އިސްލާމް ދީން ކަމަށް ރައީސް ވިދާޅުވި

    ރައީސް ޞާލިޙް

    ކަނޑުގެ ބާޒުގެ ނަމުން ޕޯޗްގީޒުން ދެއްކި ގަދައަށް ރައްދު ދެވޭނީވެސް ކަނޑުގެ ބާރަކުން ކަމާއި އެކަމަށް ބޭނުންވާ ވިސްނުމާ ހުނަރުހުރި ކަނޑުގެ ބާރަކީ ދިވެހިންކަން ބޮޑުތަކުރުފާނު ދެނެވަޑައިގަތް
    09:40

    މިހާރު ވާހަކަދައްކަވަނީ ރައީސް ޞާލިޙު

    މިނިސްޓަރު އިމްރާން

    ބޮޑުތަކުރުފާނަކީ ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ފުރިހަމަ ބޭފުޅެއް ކަމަށް މިނިސްޓަރު ވިދާޅުވި

    ޕޯޗުގީޒުންގެ އަނިޔާވެރިކަން ސިފަކުރަން އިހުގެ ދިވެހިން ބޭނުންކުރި އެންމެ އަސަރުގަދަ އެއް އިބާރާތަކީ ދިވެހި ދަރިންގެ ލެއިން ދިވެހި ކަނޑުތައް ރަތްވެގެން ދިޔަ ދުވަސްވަރު ކަމަށް. މިހާލަތުގައި ދިވެހި ރާއްޖެ އޮއްވާ ރާއްޖޭގެ އެންމެ އުތުރުގެ އެންމެ ކުޑަ އެއް ރަށުގެ މި އުތީމުގެ ފަސްގަނޑުން ނެރެދެއްވި ބަތަލަކީ ދުނިޔޭގެ ތާރީޚުގައިވެސް އާދަޔާ ޚިލާފު ޖިހާދެއް ކުރެއްވި ކޮމާންޑަރެއް

    މިނިސްޓަރު އިމްރާން

    އުތީމުން ނެރެދެއްވި ބަތަލު މުހައްމަދު ތަކުރުފާނަކީ ދުނިޔޭގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ކޮމާންޑަރެއް
    09:21

    ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަން ފައްޓަވައިފި

    09:10

    ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފަށައިފި