02 Apr 2012, 13:59
އޭއެފްސީ ކަޕުގެ ގްރޫޕް ސީގައި މާދަމާ ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގާ ދެކޮޅަށް ނިކުންނާނީ 200 ޕަސެންޓުގެ ޔަގީން ކަމާއެކު މޮޅުވުމުގެ އަޒުމުގައި ކަމަށް ވީބީ އައްޑޫ އެފްސީގެ މިޑްފީލްޑަރު ސަންވީލް ގާސިމް (ބޮންޑާ) ބުނެފި އެވެ.
ގަލޮޅު ދަނޑުގައި މާދަމާ ރޭ ނުވަ އެއްޖަހާއިރު ފަށާ މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބޮންޑާ ބުނީ، ބޭރު ގައުމެއްގެ ޓީމަކާ ދެކޮޅަށް މާދަމާ ރޭގެ މެޗަށް ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި ދިވެހި ގައުމަށް ރީތި ނަމެއް ހޯދާދިނުމަށް ކަމަށެވެ.
"ކުޅުންތެރިން ވެސް ތިބީ މޮޅުވުމުގެ އަޒުމުގައި. 200 ޕަސެންޓު ޔަގީން ކަމާއެކު މޮޅުވުވުމަށް މާދަމާ ނިކުންނާނީ. ޓީމަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ދިވެހިން ދަނޑަށް ވަންނާނެ ކަން ޔަގީން. ޓީމުގެ އެދުމަކީ ވެސް އެއީ" ބޮންޑާ ބުންޏެވެ.
ވީބީއާ ދެކޮޅަށް މާދަމާރޭގެ މެޗަށް ނިކުންނަ އަލް އިއްތިފާގު ޓީމުގެ ވައިސް ކެޕްޓަން ބްރެޒިލްގެ ކާލޯސް ބުނީ، ވީބީ އަކި ބަލިޓީމެއް ނޫން ކަމަށާއި މަދަމާގެ މެޗުން މޮޅެއް ހޯދުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މާދަމާ ރޭގެ މެޗަށް ނިކުތުމުގެ ކުރިން އަލް އިއްތިފާގު ޓީމުގެ ކޯޗް ކްރޮއޭޝިއާގެ ބްރަންކޯ އިވަންކޮވިޗެވް ބުނީ، ރާއްޖޭގެ ފިނި ހޫނުމިނުގެ އެއް ވެސް މައްސަލައެއް މާދަމާގެ މެޗުގައި ކުޅުންތެރިއަކަށް ކުރިމަތި ނުވާނެ ކަމަށެވެ. އަދި ގުރޫޕް ސީގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތް ނަމަވެސް، މާދަމާގެ މެޗުން ނަތީޖާއެއް ނެރުމަކީ މުބާރާތުގައި ޓީމަށް ލިބޭނެ ހިތްވަރެއް ކަމަށް ވެސް އިއްތިފާގު ޓީމުގެ ކޯޗް ވަނީ ބުނެފަ އެވެ.
ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ކުޅުމަށް އިއްޔެ ރޭ ފަތިހު މާލެއާ އަލް އިއްތިފާގުގެ ޓީމުގައި ކުޅުންތެރިންނާއި އޮފިސަލުންނާއެކު 40 މީހުން ވަނީ އައިސްފައެވެ. އެގޮތުން އަލް އިއްތިފާގުގެ ޓީމު މާލެގައި ތިބެނީ ނަސަންދުރާ ޕެލެސް ހޮޓެލްގަ އެވެ.