14:30


ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގުޅިފައިވާ އިއްތިހާދާއެކު ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ދެ ފަރާތުން ގުޅިފައިވާ ބަޔާނެއް ނެރުމަށް އެއްބަސްވެއްޖެ އެވެ.


ޤައުމީ ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވާދަވެރި ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި  މަޝްވަރާކޮށްފައިވަނީ ވާހަކަތައް ކުރިއަށްގެންދާނެ ތާވަލެއް އެކުލަވާލުމާއި، ވާހަކަތައް ކުރިއަށްދާނެ މުއްދަތަކާއި، އިދާރީ ގޮތުން ކަންކަން ހަމަޖައްސާނެ ގޮތަކާމެދުގަ ކަމަށެވެ.


މިއަދުގެ އެ ބައްދަލުވުމަކަށް ފަހު ދެން ބާއްވާ ކޮންމެ ބައްދަލުވުމަކާ ބެހޭ މައުލޫމާތު މީޑިއާ އަށް ދިނުމަށް ދެ ފަރާތުން ގުޅިފައިވާ ބަޔާނެއް ނެރުމަށް ވަނީ ނިންމާފަ އެވެ.


ވާދަވެރި ޕާޓީތަކުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި، ޕީއޭގެ ނައިބް ރައީސް އަހުމަދު ނާޒިމާއި ޤައުމީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އަމީންނެވެ. މިބައްދަލުވުމުގައި ސަރުކާރު ތަމްސީލްކުރާ އެމްޑީޕީގެ ފަރާތުން ބައިވެރިވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން މާރިއާ އަހުމަދު ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ބިއްލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އެވެ.


ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު އިއްތިހާދާއެކު ސަރުކާރުން ތަމްސީލްކުރާ އެމްޑީޕީން ދެން ބައްދަލުވުމެއް ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ޤައުމީ ޕާޓީން ބުނެ އެވެ.