26 Sep 2022, 17:18
ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޔޫސުފުލްޤަރުޟާވީ، އުމުރުފުޅުން 96 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.
ޑރ. ޤަރުޟާވީ އުފަންވެވަޑައިގެންނެވީ 1926 ވަނަ އަހަރު މިޞްރުގައެވެ. 1973 ވަނަ އަހަރު، އަލްއަޒުހަރު ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ. ޤަރުޟާވީއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ މުސްލިމް ސްކޮލާސްގެ ފައުންޑާ އަދި ރައީސެވެ. އަދި މީގެއިތުރުން، ޔޫރަޕިއަން ކައުންސިލް ފޯ ފަތުވާ އެންޑް ރިސާޗުގެ އެންމެ އިސްވެރިޔާގެ މަގާމުވެސް އަދާކުރެއްވިއެވެ.
ޤަރުޟާވީ އަވަހާރަވިކަން އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ އެބޭފުޅާގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ. ޑރ. ޤަރުޟާވީ އަކީ މިޞްރަށް އުފަން ބޭފުޅެއްނަމަވެސް ފަހުން ޤަޠަރުގެ ރައްޔިތުކަން ހޯއްދަވައިގެން ދިރިއުޅުއްވީ ޤަޠަރުގައެވެ.
ފޮރިން ޕޮލިސީއާއި ޕްރޮސްޕެކްޓު މަޖައްލާއިން 2008 ވަނަ އަހަރު ކުރި ސާވޭއެއްގައި، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ވިސްނުންތެރިންގެ ތެރޭގައި ހިމެނޭ 20 ބޭފުޅުންގެ ތެރެއިން ޑރ. ޤަރުޟާވީ ތިންވަނަ މަގާމު ހޯއްދެވިއެވެ. ޑރ. ޤަރުޟާވީއަކީ އިސްލާމްދީނަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢިލްމުވެރިއެކެވެ.
މިގޮތުން އިސްލާމްދީނުގެ ތަފާތު ދާއިރާތަކުން ވަރަށް ގިނަ އަދަދެއްގެ ފޮތްތައް ލިޔުއްވައި ޕަބްލިޝް ކުރައްވާފައިވެއެވެ. އަދި ތަފާތު ޓީވީ ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އަމިއްލަފުޅު ވެބްސައިޓެއް ހިންގެވުން ހިމެނެއެވެ. މާތްﷲ ޤަރުޟާވީގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.